ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި ގދ. ހޯނޑެއްދޫ/ ސްވެން، އަބްދުﷲ ރަޝީދު މަރުވުމަކީ ވަރަށް ބޮޑު ހިތާމައެއް ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް (ސީޕީ) މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

މިދިޔަ އަންގާރަ ދުވަހު ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމެންޓުން ހިންގި އޮޕަރޭޝަނެއްގައި ގދ. ހޯނޑެއްދޫން އަބްދުﷲ ރަޝީދާއެކު އިތުރު މީހަކު ހައްޔަރުކުރިއެވެ. ފުލުހުން ބުނާ ގޮތުން އަބްދުﷲ ރަޝީދު މަރުވީ މެއަށް ތަދެއް އަރައި, ސީޒާއެއް ޖެހުންފަދަ އަލާމާތްތަކެއް ފެނުމަށްފަހުއެވެ. އަދި އޭނާ ހޯނޑެއްދޫން ގދ. މަޑަވެލި ހެލްތު ސެންޓަރަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ބުންޏެވެ.

އަބްދުﷲ ރަޝީދުގެ މަރަށް ހަތަރު ދުދަސް ފަހުން ސީޕީ ހަމީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރާއްޖެއަށް ޑުރަގް އެތެރެކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި އަބްދުﷲ ރަޝީދު ފުލުހުންގެ ހައްޔަރަށް ގެނެވިފައި ހުއްޓާ މަރުވުމަކީ ވަރަށް ބޮޑު ހިތާމައެއް ކަމަށެވެ. އަދި ފުލުހުންގެ އިހުމާލެއް އޮތްތޯ ބެލުމަށް ހިންގާ ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށްވެސް ވިދާޅުވިއެވެ.

އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލައާ ގުޅިގެން އިހުމާލެއްވޭތޯ ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އިން ދަނީ ތަހުގީގު ކުރަމުންނެވެ. އަދި އެ މަރާ ގުޅިގެން ތަހުގީގުގެ ޕްރައިމަރީ އިންވެސްޓިގޭޓިން އެޖެންސީއަކީވެސް އެންއައިސީއެވެ. އެހެންކަމުން މި މައްސަލައާ ގުޅޭ ގޮތުން ހިންގާ މުއާމަލާތްތައް ހިންގާނީވެސް އަދި މައްސަލައާ ގުޅޭ މައުލޫމާތު އާންމު ކުރާނީވެސް އެ ކޮމިޝަނުންނެވެ.