ޔޫއެފާ ޔޫރޮޕާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑުން ކުޅުނު މެޗުގައި އެޓީމުން ޝެރިފް ޓިރަސްޕޯލް ބަލިކުރި އިރު، އާސެނަލް ޕީއެސްވީ އެންދޮވެން އަތްދަށު ވެއްޖެއެވެ.
އާސެނަލް ރަށުން ބޭރުގައި ރޭ ޕީއެސްވީ ކައިރިން ބަލިވީ 2-0 ގެ ނަތީޖާއަކުންނެވެ. އެ ބައްޔަކީ މި ސީޒަނުގެ ޔޫރޮޕާ ލީގުގައި އާސެނަލްއަށް ކުރިމަތިލާން ޖެހުނު ފުރަތަމަ ބައްޔެވެ. ރޭ ކުޅުނު ގްރޫޕް އޭގެ މެޗަށް ނުކުތް އިރު، ޕޮއިންޓަކުންވެސް އާސެނަލްއަށް ގަދަ 16 ޔަގީން ކުރެވެން އޮތެވެ. އާސެނަލް ދެވަނަ ބުރަށް ކޮލިފައިވެފައިވީ ނަމަވެސް، އެޓީމަށް ސީދާ ގަދަ 16 އަށް ދެވޭނީ ގްރޫޕުގެ އެއްވަނަ ހޯދައިގެންނެވެ.
މިހާތަނަށް ކުޅުނު ފަސް މެޗުން 12 ޕޮއިންޓް ލިބިފައިވާ އިރު، ދެވަނައިގައި އޮތް ޕީއެސްވީން ވަނީ ފަސް މެޗުން 10 ޕޮއިންޓް ހޯދައިފައެވެ. އެގްރޫޕުގައި ދެން އޮތް ބޯޑޯ/ގްލިމްޓާއި ޒިއުރިޗަށް ދެވަނަ ބުރުން ފުރުސަތު ނެތް ނަމަވެސް ގްރޫޕުގެ ކޮންމެ ޓީމަކަށްވެސް އަދި މެޗެއް އޮންނާނެއެވެ. އާސެނަލްއިން ފަހު މެޗުގައި ޒިއުރިޗް ކައިރިން މޮޅުވެގެން ގްރޫޕުގެ އެއްވަނަ ޔަގީން ކުރެވޭނެއެވެ.
ރޭގެ މެޗުގައި ޕީއެސްވީގެ ދެ ގޯލުވެސް ފެނުނީ ދެވަނަ ހާފުގައެވެ. ފުރަތަމަ ގޯލު ޖޯއީ ވާމަން ޖަހައިދިން އިރު، ދެވަނަ ގޯލަކީ އާސެނަލްގެ ގޯލްކީޕަރު އެރޮން ރެމްސްޑޭލްގެ ގޯހެއްގެ ފައިދާ ނަގައި، ލޫކް ޑި ޔޯން ޖެހި ގޯލެކެވެ.
ޔޫރޮޕާ ލީގުގެ ގްރޫޕް އީގައި ރޭ ކުޅުނު މެޗުގައި ޔުނައިޓެޑުން ޝެރިފް ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ. މެޗަށް ނުކުތް އިރު ޕޮއިންޓަކާއެކުވެސް ޔުނައިޓެޑަށް ދެވަނަ ބުރު ޔަގީންކުރެވެން އޮތް އިރު، އެ ގްރޫޕުގެ އެއްވަނައިގައި އަދިވެސް އޮތީ ރެއާލް ސޮސިއެދާދެވެ. އެއީ ފަސް މެޗުން 15 ޕޮއިންޓާ އެކުގައެވެ. ޔުނައިޓެޑަށް ފަސް މެޗުން ލިބިފައި ވަނީ 12 ޕޮއިންޓެވެ. ގްރޫޕުގެ އެއްވަނަ ޔަގީންވާނީ ޔުނައިޓެޑާއި ރެއާލް ސޮސިއެދާދު ވާދަކުރާ ފަހު މެޗުންނެވެ.
ރޭގެ މެޗަށް ނުކުތްއިރު ލޯތައް އަމާޒުވެފައި ވަނީ ޔުނައިޓެޑްގެ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަށެވެ. ޕްރިމިއާ ލީގުގައި މީގެ ދެ ހަފުތާ ކުރިން ޔުނައިޓެޑުން ޓޮޓެންހަމްއާ ދެކޮޅަށް ކުޅުނު މެޗުގައި ކޯޗު އެރިކް ޓެން ހާގު ބުނުމުންވެސް ބެންޗުން އަރަން ރޮނާލްޑޯ އިންކާރު ކުރުމުން އޭނާއަށް ޔުނައިޓެޑުން އަދަބު ދީފައިވެއެވެ. އެގޮތުން ކޯޗު ޓެން ހާގު އޭނާ އެއް މެޗަށް ސްކޮޑުން ބޭރުކޮށްފައި ބެހެއްޓުމަށްފަހު އަލުން ފުރުސަތު ދިނީ ރޭގެ މެޗަށެވެ.
ރޭގެ މެޗުގެ ފުރަތަމަ 11 ގައި ރޮނާލްޑޯ ކުޅެން ނުކުމެފައިވާ އިރު، އޭނާގެ ގޯލު ފެނުނީ މެޗުގެ 83 ވަނަ މިނެޓުގައެވެ. އެއީ ކެރިއަރުގައި ރޮނާލްޑޯ ޖެހި 701 ވަނަ ގޯލެވެ. އެ ގޯލުގެ އިތުރުން ދެން ރޭގެ މެޗުގައި ޔުނައިޓެޑްގެ ގޯލުތައް ޖަހައިދިނީ ޑިއޭގޯ ޑަލޯއާއި މާކަސް ރަޝްފޯޑެވެ.
ޔޫއެފާ ޔޫރޮޕާ ލީގު
ޔޫއެފާ ޔޫރޮޕާ ލީގު
ޔޫއެފާ ޔޫރޮޕާ ލީގު
ޔޫއެފާ ޔޫރޮޕާ ލީގު