ފްރާންސް

ޒިދާން މަޑުކޮށްގެން ހުންނަނީ ފްރާންސް ގައުމީ ޓީމަށް: އޮންރީ

ފްރާންސްގެ ލެޖެންޑް ޒައިނައްދީން ޒިދާން ކްލަބެއްގެ ކޯޗުކަމާ ހަވާލުނުވެ، މަޑުކޮށްގެން އެހުރީ ފްރާންސް ގައުމީ ޓީމާ ހަވާލުވާން ކަމަށް ތިއަރީ އޮންރީ ބުނެފިއެވެ.

ކުރިން ފްރާންސް ގައުމީ ޓީމަށް ކުޅެ ވޯލްޑް ކަޕްވެސް ކާމިޔާބުކުރި ޒިދާނަކީ އެގައުމުގެ ތާރީހުވެސް ދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާއެވެ. އޭނާއާއެކު އޮންރީވެސް ގައުމީ ޓީމަށް ކުޅެފައިވާ އިރު، ޒިދާން ކުޅުން ހުއްޓާލައި، ކޯޗިންނަށް ނުކުމެވެސް ކާމިޔާބީތަކެއް ހޯދާފައިވެއެވެ. އެގޮތުން ރެއާލް މެޑްރިޑާއެކު ޒިދާން ވަނީ ޖެހިޖެހިގެން ތިން ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް، ދެފަހަރަށް ލަލީގާވެސް ކާމިޔާބުކޮށްފައެވެ.

ޒިދާން 2021 ވަނަ އަހަރު ރެއާލް ދޫކޮށްލި ފަހުން އަދި އެއްވެސް ކްލަބަކާ ހަވާލުވެފައެއް ނުވެއެވެ. އޭނާ ހުރީ ޗުއްޓީއެއްގައެވެ. ޒިދާން ހޯދުމަށް ފަހުން ޗެލްސީއާއި ޕީއެސްޖީ ފަދަ ކްލަބުތަކުން މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބުވެފައެއް ނުވެއެވެ. ޒިދާންގެ ވާހަކަ މީގެ ދެ ދުވަސްކުރިން ދެކެވެން ފެށީ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ޔުވެންޓަސް ކަޓައި، އެކްލަބުގެ ކޯޗުކަމުގައި ހުރި މަސިމިލިއާނޯ އަލެގްރީ އެމަގާމުން ވަކިކުރާނެ ކަމަށް ދެކެވުނު ވާހަކަތަކުގެ ތެރެއިންނެވެ.

އެގޮތަށް ވާހަކަތައް ދެކެވުނު ނަމަވެސް، އޮންރީގެ ނަޒަރުގައި ޒިދާން ކްލަބަކާ ހަވާލުނުވެ ދެން ހަވާލުވާނީ ގައުމީ ޓީމާއާއެވެ.

"ޒިދާން ވަނީ ކްލަބު ފުޓުބޯޅައިގެ އެންމެ ބޮޑު މުބާރާތް، ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައި. ޒިދާން ސާބިތުކޮށްދީފި އޭނާއަށް ބޭނުން ކްލަބަކަށް ދެވިދާނެކަން. ޔުވެންޓަސް ކަހަލަ ޓީމަކަށްވެސް އޭނާއަށް ދެވިދާނެ. އެވާހާކަ ދައްކާކަށްވެސް ނެތިން. ޒިދާންއަށް ކްލަބު ފެންވަރުގައި ކާމިޔާބު ހޯދޭނެ. އެކަމަކު އޭނާ ކްލަބަކަށް ދާން ބޭނުން ނުވާހެން ބޮޑަށް ހީވަނީ. އޭނާ މިހާރު މަޑުކުރަނީ ފްރާންސް ގައުމީ ޓީމުގެ ކޯޗުކަމަށްހެން ބޮޑަށް ހީވަނީ،" އޮންރާ ބުންޏެވެ.

އޮންރީ ބުނީ ޒިދާނަށް ގައުމީ ޓީމާ ހަވާލުވުމުގެ ފުރުސަތެއް އޮތްހެން އެބަހީވާ ކަމަށާއި، ކްލަބުތަކަށް ދާން ބޭނުންނުވަނީ އެހެންވެ ކަމަށެވެ.

ޒިދާން ދާދިފަހުން ނޫސްތަކަށް ވާހަކަދައްކަމުން ބުނެފައިވަނީ "ވަރަށް އަވަހަށް" ޓީމެއްގެ ބެންޗުން ފެންނާނެ ކަމަށެވެ. އެއީ ކޮން ކްލަބެއް ނޫނީ ގައުމީ ޓީމަކުން ކަމެއްވެސް ޒިދާން ބުނެފައެއް ނުވެއެވެ.

ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމުގައި މިވަގުތު ހުރީ 2018 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ޑިޑިއޭ ޑިޝޭމްޕްސްއެވެ. ޑިޝޭމްޕްސްއަކީ ކުޅުންތެރިއެއްގެ ގޮތުގައާއި ކޯޗެއްގެ ގޮތުގައިވެސް ވޯލްޑް ކަޕް ކާމިޔާބުކުރި ތާރީހީ ކޯޗެކެވެ. ގައުމީ ޓީމަށް 100 އަށްވުރެ ގިނަ މެޗު ޑިޝޭމްޕްސް ކުޅެފައިވާ އިރު، އޭނާ ވަނީ ގައުމީ ޓީމުގެ ކެޕްޓަންކަންކޮށް، ޔޫރޯވެސް ނަގައިފައެވެ. ޑިޝޭމްޕްސް މިފަހަރު ފްރާންސް ޓީމާއެކު ނުކުންނާނީ ވޯލްޑް ކަޕް ދިފާއުކުރުމަށެވެ. ބެލެވޭ ގޮތުގައި ވޯލްޑް ކަޕަށްފަހު ޑިޝޭމްޕްސް ފްރާންސް ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށްލާނެއެވެ.