ޚަބަރު

ޓެކްސް ބޮޑުކުރަން ހުށަހަޅާފައިވާ އިސްލާހަށް ޓީމުން ތާއީދު

އިބްރާހިމް ޒަކީ

1

ޓީޖީއެސްޓީއާއި ޖީއެސްޓީ ބޮޑުކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހަށް ތާއީދުކުރާ ކަމަށް ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން (ޓީމް) އިން ބުނެފިއެވެ.

ޖީއެސްޓީ ހަ ޕަސެންޓުން އަށް ޕަސެންޓަށް އަދި ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް ބޮޑުކުރަން ސަރުކާރުން މަޖިލީހަށް ހުށަހެޅި ބިލު މިހާރު އޮތީ މުޅި މަޖިލީހުގެ ކޮމިޓީގައެވެ.

އެ ކޮމިޓީއަށް ހާޒިރުވެ ގެސްޓްހައުސް އެސޯސިއޭޝަނުން ބުނެފައިވަނީ މިއީ ޓެކްސް ބޮޑުކުރަން ރަނގަޅު ވަގުތު ނޫން ކަމަށާއި އެކަމަށް އަހަރެއް ނުވަތަ ދެ އަހަރުގެ މުއްދަތެއް ދޭންޖެހޭ ކަމަަށެވެ. މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިންވެސް ބުނީ މިއީ ޓެކްސް ބޮޑުކުރުމަށް އެންމެ ރަނގަޅު ވަގުތު ނޫން ކަމަށެވެ.

ޓެކްސް ބޮޑުކުރުމާ ގުޅޭ ގޮތުން ޓީމުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ދައުލަތުގެ އާމްދަނީ އިތުރުކޮށް އިގުތިސާދީ ހާލަތު ރަނގަޅުކޮށް މުވައްޒަފުންގެ މުސާރަ އިތުރުކޮށް އަސާސީ ހިދުމަތްތައް ގާއިމުކުރުމަށް ވިޔަފާރިތަކުން ނަގާ ޓެކްސް އިތުރުކުރަން ސަރުކާރުން ހުށަހަޅާފައި ވަނީ މުހިންމު އިސްލާހެއް ކަމަށެވެ.

ޕްރޮގްރެސިވްކޮށް ޓެކްސް އިތުރުކުރުމަކީ މުޅި ގައުމުގެ އިގުތިސާދަށް މުހިންމު، ފަގީރުންނާއި މުއްސަނދިންގެ ފަރަގު ކުޑަވެގެންދާނެ ކަމެއް ކަމަށާއި ނަމަވެސް އެކި ފަރާތްތަކުން ދައުލަތަށް ދައްކަން ޖެހި ނުދައްކާ ހުރި ޓެކްސް ފައިސާއާއި ބިމު ކުލީގެ ފައިސާ ދައުލަތަށް ހޯދުމަކީ މި ހިނދަށް މުހިންމު ކަމެއް ކަމަށްވެސް ބުނެފައިވެ އެވެ.

"ނިމިދިޔަ 50 އަހަރު ޓޫރިޒަމްގެ ސިނާއަތް އަދި އިގުތިސާދު ދެމި އޮތީ ރިސޯޓް އޯނަރުން ނުވަތަ ވިޔަފާރިވެރިންނަށްޓަކައި ކަމުން އަންނާން އޮތް 50 އަހަރު މި ސިނާއަތް ޒިންމާދާރު، ދެމެހެއްތެނިވި، އެންމެންގެ ލާބަޔާއި މަންފާއަށް، ހާއްސަކޮށް މި ގައުމުގެ ރައްޔިތުންނަށްޓަކައި ހިންގޭ 50 އަހަރަށް ހެދުމަށް ގޮވާލަން،" ޓީމުގެ ބަޔާނުގައިވެއެވެ.