މިފަހަރުގެ ސީޒަނަށް ބާސެލޯނާއިން ތައްޔާރުވީ ބޮޑެތި ޓްރާންސްފާތަކަކާއެކުގައެވެ. މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ހިތި ހަނދާން ނައްތާލުމަށެވެ. ގަދަ 16 އަށް ގޮސް، އާ ފެށުމަކުން ފެށުމަށެވެ. އެހެންނަމަވެސް މި ސީޒަނުގައި އެ ކްލަބަށް ކުރިމަތިވީ ބޮޑު މާޔޫސްކަމަކާއެވެ.
ބާސާ ގްރޫޕުގައި ހިމެނޭ އިންޓަ މިލާނުން ވިކްޓޯރިއާ ޕްލެޒެން 4-0 އިން ރޭ ބަލިކުރުމާއެކު އެހިސާބުންވެސް ބާސާ ކެޓިއެވެ. ބަޔާން މިއުނިކާ ދެކޮޅަށް ކުޅުނު މެޗަށް ނުކުތުމުގެ ކުރިން ބާސާ ކަޓައިފައި އޮތް އިރު، އެމެޗުން ކުރިމަތިލާން ޖެހުނީ ލަދުވެތި ބައްޔަކާއެވެ. އެއީ 3-0 ގެ ބޮޑު ބައްޔަކާއެވެ.
"ރިޔަލިޓީއާ ކުރިމަތިލާން ޖެހޭނެ. އަހަރެން ކުރިންވެސް ބުނިން މަޑުމަޑުންނޭ ކުރިއަށް ދާން ޖެހޭނީ. ބަޔާންއާ ދެކޮޅަށް ކުޅުނު ދެމެޗުންވެސް ރަނގަޅު ކަންކަން ހުރި. ހާއްސަކޮށް ފުރަތަމަ މެޗުގައި ބާސާ ރަނގަޅަށް ކުޅުނީވެސް. އެކަމަކު މިރޭގެ މެޗުގައި ބަޔާން ލެވެލްގައި ބާސާއަށް ނުކުޅެވުނު. ގްރޫޕުން ކަޓައިގެން ދާން ޖެހުނީ ގްރޫޕް ކޮމްޕްލިކޭޓެޑް ކަމުން. ބާސާއަށް ބޮޑު މާޔޫސްކަމަކާ ކުރިމަތިލާން ޖެހިފަ މި ކަޓައިގެން ދިޔައީ،" ރޭގެ މެޗަށްފަހު ބާސާގެ ލެޖެންޑް، އަދި މިހާރުގެ ކޯޗު ޒަވީ ހެނާންޑޭޒް ބުންޏެވެ.
ޒަވީއަށް މިފަހަރު ޗެމްޕިއަންސް ލީގުން ކެޓުން ބޮޑު މާޔޫސްކަމަކަށްވީ ސީޒަނުގެ ކުރިން ޓްރާންސްފާ މާކެޓްގައި ބާސާއިން ކުރި ހަރަދުގެ ސަބަބުންނެވެ. ބާސާއިން މިސީޒަނަށް ތައްޔާރުވީ ބޮޑެތި ހަރަދުތަކެއް ކޮށް، ބޮޑެތި ޓްރާންސްފާތަކެއްވެސް ކޮށްގެންނެވެ. އެގޮތުން ބަޔާން މިއުނިކަށް ކުޅެމުންދިޔަ ޕޮލެންޑްގެ ފޯވަޑް ރޮބާޓް ލެވަންޑޯސްކީ، ފްރާންސްގެ ޑިފެންޑަރު ޖޫލްސް ކޫންޑޭއާއި ބްރެޒިލްގެ ވިންގް ރަފީނިއާ، އޭސީ މިލާނަށް ކުޅުނު ފްރޭންކް ކެސޭއާއި ޗެލްސީން ގެންދިޔަ މާކަސް އެލޯންސޯ އަދި އަންދްރޭސް ކްރިސްޓިއަންސަންއަކީ ވެސް މިސީޒަނަށް ގެންދިޔަ ކުޅުންތެރިންނެވެ. އޭގެ އިތުރުން އެޓީމުން ވަނީ ހެކްޓާ ބެލަރިންވެސް މިސީޒަނަށް ގެންގޮސްފައެވެ.
އެހަރަދުތައް ބާސާއިން ކުރީ "އިކޮނޮމިކަލް ލެވާ" ތައް އެކްޓިވޭޓްކޮށް، ކްލަބުގެ ބައެއް އެސެޓްތަކުގެ ހިއްސާ، އަދި މުސްތަގުބަލުގެ ބައެއް އަހަރުތަކަށް ޓީވީ ރައިޓްސްވެސް ވިއްކައިގެންނެވެ. އެހެންކަމުން އެ ހަރަދު ފޫބަންދަން މިހާރު ވެފައި ވަނީ އުނދަގޫ ކަމަކަށެވެ. ސަބަބަކީ ކްލަބެއްގެ އެންމެ ބޮޑު އާމްދަނީ ބާރޯސާވެފައި އޮންނަނީ ޗެމްޕިއަންސް ލީގުގެ ޓީވީ ރައިޓްސްއާއި މެޗުތަކުގެ ޓިކެޓަށް ކަމަށްވެސް ވާތީއެވެ.
ބާސާއިން މިހާތަނަށް ޗެމްޕިއަންސް ލީގުގެ ގްރޫޕް ސީގައި ކުޅުނު ފަސް މެޗުން އެޓީމަށް މޮޅުވެވުނީ ވިކްޓޯރިއާ ޕްލެޒެން އަތުން އެކަންޏެވެ. ދެން ހޯދުނު ޕޮއިންޓަކީ އިންޓަ ކައިރިން ހޯދުނު ޕޮއިންޓެކެވެ. އަނެއް ތިން މެޗުންވެސް އެޓީމުވީ ބައްޔެވެ.
ބާސެލޯނާ
ބާސެލޯނާ
ބާސެލޯނާ
ބާސެލޯނާ