ހުޅުމާލެ ދެވަނަ ފިޔަވަހީގައި މެޑިކަލް ފެސިލިޓީއެއް ހެދުމާ ގުޅޭ ފްރޭމްވޯކް އެއްބަސްވުމެއްގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އޭޑީކޭ ހޮސްޕިޓަލާ ދެމެދު ސޮއިކޮށްފިއެވެ.
އެ އެއްބަސްވުމުގައި އޭޑީކޭގެ ފަރާތުން ސޮއިކުރެއްވީ އެ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލެވެ. އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މެޑިކަލް ފެސިލިޓީއެއް ހަދައިދޭނެ ބަޔަކު ހޯދަން އެޗްޑީސީން އިއުލާނުކުރީ މި އަހަރުގެ ޖަނަވަރީ މަހުއެވެ.
އެޗްޑީސީގެ މީޑިއާ އޮފިޝަލު އަލީ މަޝާރު މިއަދު "ވަން" އަށް ވިދާޅުވީ ދެވަނަ ފިޔަވަހީގައި މެޑިކަލް ފެސިލީޓީއެއް ހަދަން އެޗްޑީސީން ނިންމީ، އެ ތަނުގެ އާބާދީ ބޮޑުވަމުން އަންނަ ވަރަކަށް ޒަރޫރީ ހިދުމަތްތައް ފުޅާކުރުމުގެ ގޮތުން ކަމަށެވެ.
އެގޮތުން އޭޑީކޭ އާއެކު އިއްޔެ ސޮއިކުރި ފްރޭމްވޯކް އެއްބަސްވުމުގެ ދަށުން މެޑިކަލް ފެސިލިޓީގެ ފްރޭމްވޯކެއް ތައްޔާރުކޮށް އޭޑީކޭއިން އެޗްޑީސީއަށް ހުށަހަޅާނެ ކަމަށާއި ފްރޭމްވޯކް ފައިނަލް ކުރާނީ ދެފަރާތުން ގުޅިގެން ކުރިއަށްގެންދާ މަޝްވަރާތަކަށްފަހު ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރާނީ އެތަނުގެ ފްރޭމްވޯކް ފައިނަލްވުމުން ކަމަށްވެސް ވިދާޅުވިއެވެ.
ވިނަރެސް ފްލެޓުތައް ކައިރީގައި، ހިތިގަސް މަގުގައި ފެސިލިޓީ ހަދަން ދޭން ނިންމާފައިވަނީ 71،097 އަކަފޫޓުގެ ބިމެކެވެ. ފަސް ފަންގިފިލާއަށް ހަދާ އެ އިމާރާތުގައި ގްރައުންޑް ފްލޯ އަދި ބޭސްމަންޓް ހާއްސަކޮށްފައި ހުންނާނީ ޕާކިންއަށެވެ.
ނަމަވެސް ފެސިލިޓީގެ ފްރޭމްވޯކް ފައިނަލްވެގެން އަންނައިރު، ބިމުގެ ބޮޑުމިނަށާއި އިމާރާތުގެ އެހެނިހެން ރިކުއާމެންޓުތަކަށް ބަދަލުތަކެއް އައުން އެކަށީގެންވެއެވެ.