ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި މަރުވި ގދ. ހޯޑެއްދޫ/ އަބްދުﷲ ރަޝީދު ހައްޔަރުކުރުމުގައި ހަރަކާތްތެރިވި ފުލުހުން ބޮޑީކެމެރާ ބޭނުން ނުކުރާ ކަމަށް ފުލުހުން ބުނެފިއެވެ.
ގދ. ހޯނޑެއްދޫން އަބްދުﷲ ރަޝީދު ހައްޔަރުކުރި ފަހުން އޭނާގެ މެއަށް ތަދެއް އަރައި، ސީޒާއެއް ޖެހުންފަދަ އަލާމަތްތަކެއް ފެނުމާއި ގުޅިގެން ފުލުހުންގެ ލޯންޗުގައި އޭނާ ގެންދިޔައީ ގދ. މަޑަވެއްޔަށެވެ. ނަމަވެސް އެރަށު ހެލްތު ސެންޓަރަށް ގެންދިޔައިރުވެސް އޭނާ އޮތީ މަރުވެފައެވެ.
އަބްދުﷲ ރަޝީދުގެ ހަށިގަނޑު ރޭގެ ވަގުތެއްގައި މާލެ ގެނެސްފައިވާ އިރު، އޭނާ މަރުވި ސަބަބު ދެނެގަތުމަށް ޕޯސްޓްމޯޓަށް ހެދުމަށް ފުލުހުން ވަނީ ނިންމައިފައެވެ.
އޭނާ މަރުވި މައްސަލާގައި ފުލުހުންނަށް ބޮޑެތި ތުހުމަތުތަކެއް ކުރަމުންދާ އިރު، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ އެ މައްސަލަ ޕްރޮފެޝެނަލް ސްޓޭންޑާޑުން ބަލަމުންދާ ކަމަށް ވިދާޅުވެފައެވެ. އަދި ފުލުހުން އިހުމާލުވެފައިވާ ކަމަށް ނުވަތަ އަނިޔާވެރި އަމަލެއް ހިންގާފައިވާ ކަމަށް ތަހުގީގަށް ސާބިތުވެއްޖެނަމަ އެކަމާ ގުޅިގެން ފިޔަވަޅު އެޅުމަށް ފަސް ނުޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.
މި މައްސަލައާ ގުޅޭ މައުލޫމާތު ފުލުހުން ވަނީ ނޭޝަނަލް އިންޓްގިރިޓީ ކޮމިޝަން (އެންއައިސީ) އާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އަށް ހުށަހަޅައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު