ބުނާތީ އިވެއެވެ. ލިޔުންތަކުންވެސް ފެނެއެވެ. މޮރިޝަސްއިން އެދެނީ ޗާގޯސްގެ ވަށައިގެން 200 ނޯޓިކަލް މޭލުގެ ސަރަހައްދެއް މޮރިޝަސްގެ އީއީޒެޑް ނުވަތަ ޚާއްސަ އިގްތިސާދީ ސަރަހައްދެއްގެ ގޮތުގައި ކަނޑައެޅުމަށެވެ. އެހެންވެއްޖެނަމަ ދިވެހިރާއްޖޭގެ އެންމެ ދެކުނުން ރާއްޖޭގެ އީއީޒެޑަށް ދިމާވާނީ ކޮންކަހަލަ މައްސަލަތަކެއް ބާވައެވެ. ޗާގޯސްއާއި ދިވެހިރާއްޖެއާ ދެމެދުގެ ދުރުމިނަކީ 280 ނޯޓިކަލް މޭލެވެ. ކޮންމެ ބަޔަކަަށް 200 މޭލުގެ އޭރިޔާއެއް ނެގޭހައި ދުރުމިނެއް އެދޭތެރެޔަކު ނެތެވެ. މޮރިޝަސްއަށް ދުއިސައްތަ މޭލު ލިބޭކަށްނެތެވެ. ލިބެންޖެހޭ ހަމައެއްވެސް ނެތެވެ. ޖަޒީރާތަކުގެ ގައުމެއްގެ ގޮތުގައި ރާއްޖޭގެ ބޭސްލައިނުން ފެށިގެން ބޭރަށް ދުއިސައްތަ ނޯޓިކަލް މޭލުގެ އީއީޒެޑެއް މާކުރިން ފެށިގެން ރާއްޖެއިންވަނީ ކަނޑައަޅައިފައެވެ.

ރާއްޖޭގެ ބޯޑަރު އެއޮތީ ކުރީއްސުރެ އެކަށައެޅި ނިމިފައެވެ. އެޔާދޭތެރޭ ބަހުސްކުރަން ޖާގައެއްވެސް ނެތްމެއެވެ. މޮރިޝަސްއިން މިހާރު އެކުރާކަމަކީ ރާއްޖޭގެ ޚާއްސަ އިގްތިސާދީ ސަރަހައްދުގެ ތެރެއިން ބަޔަކަށް ދައުވާކުރުމެވެ. އެކްސްކްލޫސިވް އިކޮނޮމިކް ޒޯން، ނުވަތަ އީއީޒެޑަކީ ދެލޯ އަނދިރި އެއްޗެއް ނޫނެވެ. އިހުސާސްކެނޑިފައިވާ އެއްޗެއްވެސް ނޫނެވެ. އެއަށްވެސް މަގްސަދަކާއި މަފްހޫމެއްވެއެވެ. އީއީޒެޑްގެ ބޭނުމަކީ އެގައުމެއްގެ ކަނޑުގެ އައްސޭރީގައި ދިރިއުޅޭ ބަޔަކަށް ކަނޑުރޯދި ލިބިގަތުމުގެ ހައްގު ދިނުމެވެ. އެހެން އެއްވެސްބަޔަކާ ހިއްސާކުރުމެއްނެތި ޚާއްސަ އިގްތިސާދީ ހައްގުތަކެއް ދިނުމެވެ. ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭތާ އެތައްހާސް އަހަރެއް ވެއްޖެއެވެ. ދިވެހީންނަކީ މަސްވެރިންނެވެ. ދިވެހީން ބަރޯސާކުރާ އެއްޗަކީ ކަނޑުރޯއްޖެވެ.

ކުރިން ދެންނެވި މަގުން ރާއްޖޭގެ ވަށައިގެންމިވާ ކަނޑުގެ ފައިދާ ލިބިގަންނަނީ ދިވެހީންނެވެ. ދިވެހީންގެ ދިރިއުޅުމާ ގުޅިފައިވަނީ ކަނޑެވެ. އެހެންވީމާ ބައިނަލްއަގުވާމީ ގާނޫނުތަކުގެ މަފްހޫމް ނިޔާކުރާގޮތުން ދިވެހިރާއްޖޭގެ އީއީޒެޑުގެ އެންމެ އިންޗިއެއްވެސް މޮރިޝަސްއަށް ދޫކޮށްލާކަށް ނުޖެހެއެވެ. މޮރިޝަސްއިން އެދޭގޮތަށް މައްސަލަ ނިމިއްޖެނަމަ ރާއްޖޭގެ އީއީޒެޑުގެ ތެރެއިން ގާތްގަޑަކަށް ފަންސާސްހާސް އަކަކިލޯމީޓަރުގެ ސަރަހައްދެއް ދިވެހީންނަށް ގެއްލޭނެއެވެ. މިއީ ގަބޫލުކުރެވޭނޭ ކަމެއް ނޫނެވެ. ޗާގޯސްއަކީ މީހުން ދިރިއުޅޭ ތަނެއް ނޫނެވެ. މީހުން ދިރިނޫޅޭތަނެއްގެ ވަށައިގެން އީއީޒެޑެއް ނުހެދޭނެއެވެ. އީއީޒެޑަށް ބާރުލިބޭ ބައިނަލްއަގުވާމީ ގާނޫނުތަކުގެ މަފުހޫމަކީ މީހުންދިރިއުޅޭ ތަންތަނުގެ ވަށައިގެންވާ ކަނޑުގެ ސަރަހައްދުން ރޯދި ލިބިގަތުމުގެ ހައްގު އެބަޔަކަށް ލިބިދިނުމެވެ.

އެރޯދި މިހާރުވެސް ލިބިގަންނަމުންދަނީ ދިވެހިންނެވެ. ދިވެހީންގެ އަތުން ފަންސާސްހާސް އަކަކިލޯމީޓަރުގެ ސަރަހައްދެއް އަތުލައި މީހުން ދިރިނޫޅޭ ތަނަކަށް ދިނުމަކީ މިގާނޫނުތައް ވުޖޫދުކުރުމުގެ މަގްސަދާވެސް ކަނޑައެޅިގެން ޚިލާފު ކަމެކެވެ. މޮރިޝަސްއިން ޗާގޯސްގެ އީއީޒެޑޭ ކިޔައިގެން ދައުވާކުރާ ސަރަހައްދުގެ އެއްބަޔަކީ މިހާރުވެސް ދިވެހި މަސްވެރިން ހަރަކާތްތެރިވާ ސަރަހައްދެކެވެ. މަސްތިޔާގި ސަރަހައްދެއްމެއެވެ. މޮރިޝަސްއަކީ މާދުރުގައި އޮތްތަނެކެވެ. ޗާގޯސްގެ ރަށްތަކާވެސް ނުހަނު ދުރުގައިވާ ގައުމެކެވެ. މަސްވެރި ގައުމެއްވެސް ނޫނެވެ. މަސްވެރިކަމުގެ ފްލީޓެއް އޮންނަ ގައުމެއްވެސް ނޫނެވެ. އެމީހުން ކުރަން ބޭނުންވާ ކަމަކީ ބޮޑު ފީއެއް އަތުލައިފައި ދެކުނު ކޮރެޔާ އާއި ޖަޕާނާއި ސްޕޭނުފަދަ ގައުމުތަކުގެ އުޅަނދުތަކަށް ދާއަޅައިގެން މަސްހިފުމުގެ ލައިސަންސް ދިނުމެވެ.

ދިވެހީން ކުރަމުން އަންނަނީ ދޮށީގެ މަސްވެރިކަމެވެ. ދުނިޔޭގެ އެންމެންގެ ތާރީފު ލިބެމުން އަންނަ ތިމާވެއްޓާ ރައްޓެހި މަސްވެރިކަމެވެ. ދޮށިއަޅައިގެން އެއްޗަކުން އެއްޗަކުން ބާނަންތިއްބައި މީހުންވެސް ދިރިނޫޅޭ ތަނެއްގެ އީއީޒެޑޭ ބުނެފައި މާދުރުގައި ތިބި ބަޔަކު މިލިޔަނުން މިލިޔަނުން ޑޮލަރު އަތުލައިފައި ދާއަޅަން ބޮޑެތި އާގުބޯޓުފަހަރު ފޮނުވީމާ ދެންވާނެގޮތް އޮތީ ހީކޮށްލުމެވެ. ބައިނަލްއަގުވާމީ ގާނޫނުތަކުން ނެރެން ބޭނުންވާ ނަތީޖާއަކީ އެޔެެއް ނޫނެވެ. މޮރިޝަސްގެ ދައުވާގައި ހެޔޮ ނިޔަތެއް، ސައްހަކަމެއް، ތާހިރުކަމެއް ނެތެވެ. ގާނޫނީ މާބޮޑު ހުއްޖަތެއްވެސް ނެތްމެއެވެ. މިއަދުގެ ދުނިޔޭގައި ބައެއްފަހަރު ނުފޫޒާއި ބާރުން ކަންކަން ނިންމައެވެ. ނިމެއެވެ. ރާއްޖޭގެ އެންމެ ދެކުނުން އީއީޒެޑްގެ މައްސަލަވެސް މިގޮތަށް ނިމުމުގެ ފުރުސަތު އެބައޮވެއެވެ. ބިރުގަންނަން ޖެހެނީ އެހެންވެއެވެ.

ދިވެހީންގެ އީއީޒެޑުން ބައެއް މޮރިޝަސްއަށް ލިބިއްޖެނަމަ އެންމެފުރަތަމަވެސް ދިމާވެދާނެ މައްސަލައަކީ އައްޑުއަތޮޅުގެ ދެކުނުގައި އެހެރަ މަސްތިލަތަކުން ދިވެހި މަސްވެރިންނަށް ލިބޭ ރޯއްޖަށް ހުރަސްއެޅުމެވެ. ގިނަ ދިވެހީންނަށް އާއްމުކޮށް އެނގިފައިނެތަސް ރާއްޖޭގެ ދެކުނުގައި ބޮޑެތި ބޮޑެތި މަސްތިލަތަކެއް އެބަހުއްޓެވެ. އޭގެތެރެއިން އެއްތިލަޔަކީ މިހާރުވެސް އައްޑޫ މަސްތިލައިގެ ނަމުން އައްޑޫ މަސްވެރިންގެ ތެރޭގައި މަޝްހޫރު ތިލައެކެވެ. ތިލައެކޭ ދެންނެވިއަސް އެއީ އަޑިނުފެންނަ ތިލައެކެވެ. އައްޑުއަތޮޅަށްވުރެ ތިންގުނަ ބޮޑު ތިލައެކެވެ. މިތިލަ އޮތީ އައްޑުއަތޮޅުގެ ބޭސްލައިނުން ފެށިގެން ގާތްގަޑަކަށް ވިއްސަކަށްމޭލު ބޭރުގައެވެ. އައްޑޫ މަސްވެރިން މިތިލައިން މަސްބާނަމުންދަނީ 90ގެ އަހަރުތަކުން ފެށިގެންނެވެ. މިޒާތުގެ ކިތަންމެ ތިލައެއް އޭގެ ދެކުނުގައިވެސް އެބަހުއްޓެވެ.