ރާއްޖޭގައި މިހާރު ހުންނަ ގޮތަށް ދިވެހި ގައުމީ ދިދަ ބަދަލުކުރުމުގެ ކުރިން ޤައުމީ ދިދައެއްގެ ގޮތުގައި ބޭނުންކުރެވެނީ ރަތްކުލައިގައި ހުންނަ ދިދައެކެވެ. ބޭރު މީސްމީހުން ލިޔެފައި ހުންނަ ލިޔުންތަކުން މިކަން އެނގެއެވެ. އެދުވަސްވަރުގައި ދިދަނަގައި އުޅުނީ ބޭރުގެ އިއްޒަތްރެރިޔަކު ވަޑައިގަތުމަށް މާލެ ޒީނަތްތެރި ކުރުމުގައެވެ. އާކޯއްޓޭ ދިދަ ދަނޑިއަށާއި ބޮޑުކޯއްޓޭ ދިދަ ދަނޑިއަށްވެސް އޭރު ދިދަ ނަގައެވެ، އެ މުނާސަބަތު ނިމުމުން ދިދަ ނަގަނީ ހިތިދުވަސްފަދަ ރަސްމީ ދުވަސްތަކުގައެވެ.

އެޒަމާނުގައި މިފަދަ މުނާސަބާތަކުގައި ދިދަ ނަގާއިރު، ދިދައިގެ މައްޗަށް ހުންނަނީ އަމަރާލި ނަގައިފައެވެ. (އަމާރާއްޔަކީ ހަނިދިގުކަފިދިދައެވެ.)

ކޮންމެ އަހަރެއްގެ ރަމަޟާންމަހުގެ 20ވަނަ ދުވަހަކީވެސް ހަތަރު އަވަށު މައިޒާން ދޮށުގައި ހުންނަ ކޯއްޓޭއަށް ދިދަ ނަގާ ދުވަހެކެވެ. ހެންވޭރު ބޮޑު ކޯއްޓޭއަށާއި، ދުނބުގަސްދޮށު ބޮޑުކޯއްޓޭއަށެވެ. އެޒަމާނުގައި ބޭރުގެ އުޅަނދެއް މާލޭގެ ބޭރު ބަނދަރަށް ވަނުމުންވެސް ބޮޑުކޯއްޓޭއަށް ދިދަނަގައި އުޅެއެވެ. ދިދަ ނަގަނީ އެ އުޅަނދެއް ބަނދަރުގައި އޮންނައިރު 6 އިން 6 އަށެވެ. ދިދަ ނަގައިފައި ހުންނަނީ ބޮޑުކޯއްޓޭ ދިދަ ދަނޑީގެ ހުންނަ ކާލިގަނޑަކަށް އެބޯޓެއް ރަޖިސްޓްރީ ކުރެވިފައިވާ ދައުލަތެއްގެ ދިދައެކެވެ. ވިޔަފާރި އުޅަނދެއްނަމަ އެ އުޅަނދެއް އަންނަ ދިދަނަގާ ކަމަށް ވެއެވެ.

ކުރިން ނަގަމުން އައި ރަތްކުލައިގެ ދިދައަށް ބަދަލު ގެންނެވީ ސުމުއްވުލްއަމީރު އަބްދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާނެވެ. އެކިލެގެފާނު މަޝްހޫރު ޙައްޖުދަތުރުފުޅު ނިންމަވާފައި މިސުރާއި، ޝާމްކަރައާއި، ޢިރާޤަށް ކުރެއްވި ދަތުރުފުޅަށްފަހު އެނބުރި މާލެ ވަޑައިގަތީ 1930 ވަނަ އަހަރުގެ އޭޕްރީލްމަހުގެ ތެރޭގައެވެ. މިދަތުރުފުޅަށްފަހު އެކިލެގެފާނުގެ ލަފާފުޅުގެ މަތިން އެކިލެގެފާނުގެ އަމުރުފުޅަށް ދިވެހިދިދައެއް ފަރުމާކުރެއްވީ) ނަޚްޛާ ހަސްނަ ކަލޭގެފާނު (ފަހުން ހަސަން ރަނަހަމާންތި ކަލޭފާނު) އެވެ. ކީރިތި މަހާރަދުންގެ ޚާއްޞަ ދިދައެއްކަމުގައި ހަމަޖެއްސެވީ ދިވެހި ދިދައިގައި ހުންނަ ހަނދުފަޅީގެ އިތުރަށް ތަރިއެއް ޖަހާފައިވާ ދިދައެކެވެ. އެޒަމާނުގެ ބައެއް ރަސްމިއްޔާތުތަކުގެ ފޮޓޯތަކުން މިކަން ފެންނަން އެބަހުއްޓެވެ. މިޒަމާނުގެ ދިވެހި ދިދަ ތައްޔާރު ކުރެވުނު ކަމަށް ބެލެވެނީ، 1930މ. ވަނަ އަހަރުތެރޭގައެވެ. އޭރު ރާއްޖޭގެ ރަސްކަމުގައި އިންނެވީ އައްސުލްޠާން މުޙައްމަދު ޝަމްސުއްދީނެވެ. ޢަމަލީގޮތުން ދައުލަތް ހިންގަވަނީ ބޮޑުވަޒީރު ސުމުއްވުލްއަމީރު އަބްދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާނެވެ. މި ދިދަ އެންމެފުރަތަމަ ބޭނުން ކުރެވުނީ އައްސުލްތާން މުހައްމަދު ޝަމްސުއްދީން (ތިންވަނަ) ހިއްޗަށް ވަޑައިގެންނެވި ރަސްމިއްޔާތުގައެވެ.

ދިދަ ފަރުމާކުރުމުގެ ކަންތައް ހިނގައި ދިޔަގޮތް

އަބްދުލް މަޖީދު ރަންނަބަޑޭރި ކިލެގެފާނު ހަސަންކަލޭފާނު ބަލައި ފޮނުވައި އަތިރިމާފަންނު ގެއަށް އެއްދުވަހެއްގެ މެންދުރެއްހާއިރު ގެންދަވާފައި ކިލެގެފާނު ވިދާޅުވިއެވެ. ''ހަސަން މާލިމީ (އޭރު ހަސަންކަލޭފާނަކީ ސަރުކާރުގެ ނާޒޯންގް ފަހަރުގެ ބޮޑު މާލިމީއެވެ.) މިއަދު މިގެނައި ބޮޑުކަމަކު އެވެ. މިރާއްޖެއިން އެންމެ ގިނަ ދަތުރު ބޭރަށް ކުރާ މީހުންގެ ތެރޭގައި ހަސަން މާލިމީ ވާނެންޏާއެވެ. ވީމާ ރަތް ކަނޑިކި ފޮތިގަނޑެއް މިރާއްޖޭގެ ދިދައަކަށް ހުންނާތީ ބޮލަށްވާ އުނދަގުލުން މިރާއްޖެއަށްވެސް ކަމުދާ ވައްތަރެއްގެ ދިދައެއް ފަރުމާކުރަން ހަވާލުކުރަންވެގެންނެވެ. ޙަސަން މާލިމީ ދެންނެވިއެވެ. އަޅުގަނޑަކީ ކުރަހާ މީހެއްވެސް ނޫނެވެ. މާފަތް ތަކުރުފާނުގެ އާދަމް މަނިކު (ފަހުން ޞ.ސ. އާދަމްނަސީރު މަނިކު) ކަހަލަ ކުރެހުންތެރިން ނުވަތަ ފިނޭ އަލިފުޅު ނުވަތަ ތަބައް އަލިފުޅު ފަދަ ލިޔުންތެރި މީހަކާ ހަވާލުކުރެއްވިއްޔާ މިކަމުގައި ރަނގަޅެއް ނުވާނެ ބާއޭ ހިތަށް އަރައެވެ، އެމީހުންގެ ކިބައިގައި ފާޑުވެރިކަން ހުންނާނެތީއެވެ. ކިލެގެފާނު ވިދާޅުވިއެވެ. އެމީސްމީހުނަށްވުރެ މިކަމަށް މާލިމީ މޮޅުވާނެތީ ގެނައީމެވެ. ލިޔެކިޔުމެއްވެސް ނޫނެވެ. މީ މަންޒަރު ކުރެހުމެއްވެސް ނޫނެވެ. ނޫޓެއް ނުވަތަ އިސްޓެމްޕެއް ކުރަހާ ނަމަ އެމީސްމީހުން ގެނައީމެވެ. މާލިމީ ދެންނެވިއެވެ. ދިދައިން ރަމްޒު ކޮށްދޭ ދިދައިގައި ހިމަނާނެ ވަކި ކަންތަކެއް ކިލެގެފާނުގެ ކިބަފުޅުގައި ވޭތޯއެވެ؟ ކިލެގެފާނު ވިދާޅުވިއެވެ. މިއީ ދަރުމަވަންތަ ރަސްގެފާނާ ހަމައިން ފެށިގެން އިސްލާމް ޤައުމެކެވެ. އެކަން ދިދައިން އެނގެންވާނެއެވެ.''

ދިވެހި ގައުމީ ދިދައަށް އެންމެފަހުން ބަދަލެއް ގެނެވުނީ ނުވަތަ މިހާރު މިބޭނުންކުރާ ގޮތަށް ދިވެހި ގައުމީ ދިދަ ބޭނުންކުރަން ފެށުނީ 26 ސެޕްޓެމްބަރު 1965ގައި، އިއްޔެއަށް 61 އަހަރު. މިއީ 21 ސެޕްޓެމްބަރ 1965ގައި އ.ދ.ގައި ރާއްޖެ ބައިވެރިވެ ބައިނަލްއަގުވާމީ ސަފުގައި ދިވެހި ގައުމީ ދިދަ 12 އޮކްޓޫބަރ 1965ގައި ވިހުރުވާލުމުގެ މުނާސަބަތަށްޓަކައި ޚާއްޞަގޮތެއްގައި ގެނެވުނު ބަދަލެއް، ބައިނަލްއަގުވާމީ ސަފުގައި ދިވެހި ގައުމީ ދިދަ ވިހުރުވޭން ފެށުނީ 12 އޮކްޓޫބަރ 1965ގައި، އދ ގެ މައި މަރުކަޒުގައި ދިވެހި ގައުމީ ދިދަ ނެގުމުން ---

މިކަމާ ބެހޭގޮތުން ޙަސަން މާލިމީ ހާމަކުރައްވާފައިވެއެވެ. ''ގެއަށް އައިސް ދެތިން ދުވަހަކު ވިސްނާހަދައިގެން ވިސްނުމަށް އައީ، ހަނގުރާމަތަކެއް ކޮށް ބަޔަކު ޝަހީދުވެގެން ދެމެހެއްޓިފައިވާ ޤައުމެއްކަމަށް ވަންޏާ އެވީ ޤުރުބާނުގެ ނިޝާނަކަށް ރަތްކުލަ އެންމެ ބޭރަށް ލުމަށާއި، އަމާންތަނެއްގެ ގޮތަށް އޮތަތީވެ އޭގެ ރަމްޒަކަށް ފެހިކުލަ މެދުތެރޭން ބޭނުން ކުރުމަށާއި، އިސްލާމްދީން ދެމެހެއްޓުމުގެ ރަމްޒެއްގެ ގޮތުގައި ހުޅެވިހަނދެއް ހުދުކުލައިން ދިދަދަނޑިޔާ ދިމާލަށް އޭގެ ތުނޑު ވާނެހެން އެންމެ އެތެރެއަށް ލުމަށެވެ. އަދި ދިދައިގެ މަތީގައި ކަޅާއި ހުދު ބެހެއްޓުމަށެވެ. އެއީ ޤައުމަށް ދިމާވި އަލިކަމާއި އަނދިރިކަމާއި ދައްކައިދިނުމަށެވެ. މިއީ ރަތްކުލައިގެ ފޮތިގަނޑެއް ދިދައަކަށް ހުރިއިރުވެސް ބޭނުންކުރާ ދެކުލައެވެ. މިގޮތަށް ކުރަހައިގެން ކަރުދާހުގައި އެކުލަތައް ޖައްސާނެ އެއްވެސް ފާޑެއްގެ ކުލައެއް ގަންނަން ނުލިބިގެން ބާޒާރުން އެކުލައިގެ ފޮތިގަނެގެން އައިސް މިހާރު މ.ސްކޫނަރ (ކުރިން ދަތުރުނާގެ) ދޮން އަލީ ސަރަނގު (އެއީ ބުރިގް އަތިއްޔަތުއް ރަހުމާނު ބޮޑުނާކޮޅުގެ ސަރަނގެވެ.) ހޯދައިގެން ގެނެސް އޭނާލައްވާ ކަރަންކާގޭގައި ދިދައެއް ފެއްސެވީއެވެ. ރަނގަޅު މިންގަނޑެއް ނުކުތީ ހައެއްކަ ދިދަ ފެހިފަހުންނެވެ. އެ ދިދަ ހިފައިގެން އަތިރީ މާފަންނުގެއަށް ގޮސް ކިލެގެފާނުގެ އަތްޕުޅަށް އެރުވީމަައި ބަންދުކޮށްފައިވާ ކަރުދާސް ކަނޑައި ދިދަ ނިއުޅައި ބައްލަވާފައި ވިދާޅުވިއެވެ. ވަރަށް ރަނގަޅެވެ. ކޮންމެ ޤައުމެއްގައި ވެސް އެތަނެއްގެ ރަސްކަލަކަށް ވަކި ދިދައެއް ހުރެއެވެ. މިތާނގެ ރަސްގެފާނަށްވެސް ވަކި ދިދައެއް ހަދަން ވާނެއެވެ. ހާޒިރު ޖަވާބުގައި ތިމަން ދެންނެވީމެވެ. ތިޔަ ދިދައިގެ ހަނދު ފަޅީގެ ތެރެއަށް ފަސްފިޔަ ތަރިއެއް ހުދުކުލައިން ލީމާ ވެރިކަމުގެ ޝާނާއި ޝައުކަތު ފުރިހަމަވެ ރަދުންގެ ދިދައަށް ފުދޭނެތޯއެވެ. ކިލެގެފާނު ވިދާޅުވިއެވެ. ތިމަންނާއަކަށް ހުންނާނެ ސިފަ ދެނެގަންނާކަށް ނޭނގެއެވެ. ތިޔަބުނާ ގޮތަށްވެސް ދިދަ ފަހައިގެން ގެންނާށެވެ. އޭރުން މަށައް އެނގިދާނެއެވެ. ދެން ދިހަވަރަކަށް ދުވަހުގެ ތެރޭގައި އެގޮތަށްވެސް ދިދައެއް ފަހައިގެން ދިޔައިމާ ވިދާޅުވިއެވެ. މި ދެދިދަ އަހަރެން ބަލައިގެންފީމެވެ. އެކަމަކު ބޮޑުންކުރެ ބައެއް މީހުންނަށް ދައްކާލައިފައި އެމީހުނަށްވެސް ކަމުދަންޏާ މިއީ ރަސްމީ ދެދިދަ ކަމުގައި ހަމަޖައްސާނަމެވެ.''

ދިދައިގައި ހުންނަ ހަނދުފަޅީގެ ހުޅުވިފައިވާ ފަރާތް ކުރިން ހުންނަނީ ދިދަ ނެގީމާ ދިފައިގެ ދަނޑިއާވީ ފަރާތަށެވެ. ޤާނޫނު އަސާސީ ފާސްކުރުމުގެ ރަސްމިއްޔާތުގައި އާ ކޯއްޓޭ މަތިގެއަށް ދެދިދައިގެ ފޮޓޯއިން މިކަން ރަނގަޅަށް ދޭހަވެއެވެ.

7 އޮގަސްޓު 2008 މިހާރުގެ ގާނޫނުއަސާސީގައި ދިވެހި ގައުމީ ދިދައިގެ ވާހަކަ ކަނޑައެޅި ބަޔާންވެގެން ވޭ ---

ދިވެހި ގައުމީ ދިދައިގެ ހަނދުފަޅި މިހާރު ހުންނަގޮތަށް ބަދަލު ކުރެވުނީ އައްސުލްތާން ހަސަން ނޫރައްދީން (ދެވަނަ)ގެ ރަސްކަމަށް ކޮލިލުމުގެ ރަސްމިއްޔާތު (22 ޖުމާދުލްއޫލާ 1357 (20 ޖުލައި 1938) ގައެވެ. މިބަދަލު ގެނެވުނީ އަލްއަމީރު ހަސަން ފަރީދު ދީދީގެ ވެރިކަމުގައި (ވަޒީރުއްދާޚިލިއްޔާ ކަމުގައި) އެވެ.

ސަރުކާރުގެ އޮފީސްތަކުގައި ދިދަ ނަގަން ފެށުމުގެ ގޮތުން ދައުލަތުގެ ދިދަ އެންމެ ފުރަތަމަ ނެގުނީ މުލިއާގޭގައެވެ. އެއީ 6 އޯގަސްޓް 1945 (26 ޟައުބާން 1360) ގައި ކަމަށް ލިޔުންތަކުން އެނގެއެވެ. އެހެންނަމަވެސް ބައެއް މީހުން ބުނާގޮތުގައި އަލްއަމީރު ހަސަން ފަރީދު ދީދީ ދައުލަތް ހިންގެވި ދުވަސްވަރު މުލިއާގެއަށް ވުޒާރަތުއް ދާޚީލިއްޔާ ބަދަލުކުރެއްވުމާ ގުޅިގެން، އެތާނގައި ދައުލަތުގެ ދިދަ ނެގުނެވެ. ދައުލަތުގެ ދިދަ ނަގާ ހުރިހައި ތަނެއްގައިވެސް ނަގަމުން އައިސްފައިވަނީ ހެނދުނު 6އިން ހަވީރު6 އަށެވެ. ވަކި ރަސްމިއްޔާތެއް އެކަމަށް އޮވެގެނެއް ނޫނެވެ. ދިދަ ނަގައި ތިރިކުރުމަށް ވަކި ޚާއްސަ ގޮތަކަށް ޢަމަލު ކުރެވުނު ކަމަކަށްވެސް ނުވެއެވެ.

ސުމުއްވިލް އަމީރު އިބްރާހިމް ނާޞިރުގެ ބޮޑުވަޒީރުކަމުގައި (1957މ އިން 1968މ. އަށް) އެމަނިކުފާނުގެ އަމުރުފުޅަށް ބޮޑު ކޯއްޓޭބުރުޒު ތަޅާލުމަށްޓަކައި އެތާނަގައި ހުރި ކޯއްޓޭ ނެގުމަށް ފަހު ވަގުތީ ދަނޑިއެއް އެތާނގައި ޖަހައި ދިދަނަގަމުން ގެންދެވުނެވެ. 24 ޖުލައި 1961މ. (11 ސަފަރު 1381ހ.) ހޮނިހިރު މިދުވަހު 9.18 ގައި ޖައްރާފު ގޭގެ ދެކުނުން ބަނޑޭރި ގޭގެ ކުރިމަތީގައި ކޯއްޓޭ ނަގައި އެއަށް 6 އިން 6 އަށް ދިދަ ނަގަން ފެށުނުކަން އޭރުގެ ލިޔުންތަކުން އެނގެއެވެ.

ދިވެހި ގައުމީ ދިދައިގައި އޭރު ހުރި ކަޅާއި ހުދުގެ ދަނޑި މަތި އެނބުރުން އުވާލެއްވީ 26 ސެޕްޓެމްބަރ 1965މ.(ޖުމާދިލް އާޚިރާ 1385ހ) މި ތާރީޚުގައި ސުމުއްވުލް އަމީރު އިބްރާހިމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު ނިޝާން ޣާޒީގެ ޢިއްޒަތްތެރި ވެރިޔާއެވެ.

21ސެޕްޓެމްބަރ 1965 ގައި ދިވެހިރާއްޖެ އ.ދ. ގރ މެންބަރަކަށް ވުމާއި ގުޅިގެން 12 އޮކްޓޯބަރ 1965 ގައި، އދ ގެ މައިމަރުކަޒުގައި ނެގުނީ ދަނޑިމަތި އުވާލެވި އިސްލާހު ކުރެވުނު ދިވެހި ގައުމި ދިދައެވެ. ދިވެހި ޤައުމީ ދިދައިން ދަނޑިމަތި ކެނޑިގެން ދިޔައިރު ރަސްގެފާނަށް ޚާއްސަ ދިދައިން ވެސް ދަނޑިމަތި ކެނޑިގެން ދިއައެވެ.

ޖަލާލަތުލް މަލިކު މުހައްމަދު ފަރީދުލް އައްވަލް 1954މ އިން 1968މ) ރަސްމީ އިއްޒަތުގައި ތަންތަނަށް ވަޑައިގެންނެވިއިރު ޖަޑިބު ހިފާ ދިދައިގެ ގޮތުގައި ބޭނުންކުރެއްވުނު ދިދައިގައި ދިދައިގެ ދަނޑި ކައިރިއަށް ހުދުފަށެއް ދިދައަށް ލާފައިވާތަން އިހުގެ ބައެއް ފޮޓޯތަކުން ފެންނާން އެބަހުއްޓެވެ. ހުދުފަށުގެ ވާހަކައެއް އެއްވެސް ރަސްމީ ލިޔުމަކުން ނުފެނެއެވެ. އެއީ ފަހަރުގައި ކީރިތި މަހާރަދުން ވިދާޅުވެގެން އޭރު ގަނޑުވަރުގެ ފަހާމީހާ (މުޅަދޫ ކުޑަހުއްތު) އިތުރުކޮށްލީ ފަށަކަށްވެސް ވެދާނެ ކަމަށްވެއެވެ. "މަގޭ ދިދައިގެ ކައިރިއަށް ހުދުފަށެއް ނެތީމާ ވަރަށް ފަޅުގޮތް ފެނެޔޭ އެތަނަށް ހުދު ފަށެއް ލައިގެން މަގޭ ދިދަ ފަހާށޭ" މިހެން ކީރިތި މަހާރަދުން ވިދާޅު ބަސްފުޅު އިއްވަވައިފި ނަމަ އެކަން ހިނގާނީ އެގޮތަށްކަން ޔަޤީނެވެ.

ބެލެވޭގޮތުގައި އެންމެ އިހުގައި ދިދަ ފަހާ މީހުން ތިބީ ބޮޑު ބަނޑޭރި ގޭގައެވެ. އޭރު އެކަން ކުރަމުން އައީ ބޮޑުބަނޑޭރިގެއިންނެވެ. އޭރު ދިދަ ފަހަން އުޅުނު ބައެއްމީސްމީހުންނަކީ ތަކުރުފާނު ދޮހޮއްކޮ އާއި 'ބާޑީގޭ ދޮހޮއްކޮ އާއި، މޫސާފުޅާއި، ބޮޑުކޮށީގޭ ކުޑަ ދޮންކޮއްކޮ (ކުޑަދޮހޮއްކޮ) އާއި އިބްރާހިމް ކޮއިފުޅު ފަދަ މީސްމީހުންނެވެ. މިމީހުންނަކީ ބޮޑުބަނޑޭރި ގޭގައި ރޭގަނޑު ދަންފަޅި ވެސް އޮންނަ ބައެކެވެ.

ދިވެހި ދިދައިގެ މިންތަކަށް އެންމެ ފުރަތަމަ އިސްލާހެއް ގެންނެވީ ސުމުއްވުލް އަމީރު އިބްރާހިމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު ނިޝާން ޣާޒީގެ ޢިއްޒަތްތެރި ވެރިޔާގެ ބޮޑުވަޒީރު ކަމުގައެވެ.. އެއީ ވަޒީރުލް އައުޒަމް އޮފީހުގެ ނަމްބަރ 65/10 (26 ސެޕްޓެމްބަރ 1965) އިޢުލާނުންނެވެ. ވީމާ، ދިވެހި ގައުމީ ދިދަ މިހާރު ހުންނަ ގޮތަށް ބަދަލު ގެނެވުނުތާ 61 އަހަރު ވީއެވެ.

އެޑިޓަރުގެ ނޯޓު:

މުޙައްމަދު ޝާޠިރު އިންފޮމޭޝަންގެ ދާއިރާތަކާއި ލިޔުންތެރިކަމުގެ ދާއިރާގައި، ގައުމީ ފެންވަރުގައި މަސައްކަތްކުރާތާ މިހާރު 35 އަހަރުވެއްޖެއެވެ. އުމުރުން 20 އަހަރު ނުވަނީސް ގައުމީ ތާރީޚީ ލިޔުންތައް ނޫސްމަޖައްލާތަކުގައި ލިޔެ، ރޭޑިއޯޓީވީތަކުގައި މައުލޫމާތުދީ، 1990 ގެ އަހަރުތަކުގައި އެންމެ ޒުވާން މުއައްރިޚުގެ ގޮތުގައި މަގުބޫލުވެ، މަޝްހޫރުވިއެވެ. މުޙައްމަދު ޝާޠިރު ވަނީ ނޫސްވެރިކަމުގެ ދާއިރާގައި ދައުލަތުގެ މީޑިއާގައި 20 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތްކޮށްފައެވެ. މިގޮތުން ނޫސްވެރިކަމުގެ އެންމެހައި މަގާމުތަކެއް ނުވަތަ ރިޕޯޓަރު، ސަބްއެޑިޓަރު، އެޑިޓަރު، ސީނިއަރު އެޑިޓަރު އަދި އެގުޒެކެޓިވް އެޑިޓަރުކަން ކޮށްފައިވެއެވެ. ރާއްޖޭގެ އެންމެ ބޮޑު ނޫސް "ހަވީރު" ނޫހުގައި15 ވަރަކަށް އަހަރު ތާރީޚީ ދިރާސީ މަޒުމޫނުތައް ލިޔެފައިވެއެވެ. މީގެ އިތުރުން ތާރީޚީ އަދި ދިރާސީ ފޮތްތައް ލިޔެފައިވެސްވެއެވެ. ދިވެހިރާއްޖޭގެ ތާރީޚާއި ސަގާފަތާއި ބެހޭގޮތުން ދައުލަތުން އުފެއްދެވި ގައުމީ ކޮމެޓީތަކުގައި 25 އަހަރު މަސައްކަތްކޮށްފައިވެއެވެ. މުޙައްމަދު ޝާޠިރު، ދައުލަތުގެ ލިޔެކިޔުންތަކާއި ގައުމުގެ ރެކޯޑްސްގެ ގާނޫނީ އެންމެ އިސް މަގާމު، ޑިރެކްޓަރ ޖެނެރަލް އޮފް ނޭޝަނަލް އާކައިވްސް ކަމުގެ މަގާމު އެންމެ ފުރަތަމައަށް އަދާކޮށްފައިވެއެވެ. މިގޮތުން 7 އަހަރު އެ މަގާމު އަދާކުރިއެވެ. އަދި 5 މިނިސްޓްރީގައި (ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން، ފިނޭންްސް އެންޑް ޓްރެޒަރީ، އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް، ކޮމިއުނިކޭޝަން ސަައިންްސް އެންޑް ޓެކްނޯލޮޖީ، އެންވަޔަރަންމަންޓް ސައިންސް އެންޑް ޓެކްނޯލޮޖީ ގައި) ޑެޕިއުޓީ މިނިސްޓަރުކަން 12 އަހަރު އަދާކޮށްފައިވެއެވެ. މުޙައްމަދު ޝާޠިރު ވަނީ ދާއިރާތަކުން ގައުމީ އިނާމުތަކާއި އެވޯޑުތައް ހާސިލުކޮށްފައެވެ. މިގޮތުން ޒުވާނުންގެ ގައުމީ އިނާމު (ތާރީޚާއި ސަގާފަތުގެ ރޮނގުން)، ގައުމީ އިނާމު (ތާރީޚާއި ބެހޭގޮތުން ހޭލުންތެރިކުރުވުމުގެ ރޮނގުން)، އަދި ދިވެހި ނޫސްވެރިކަމުގެ "އަލިމަސް ގަލަން" ލިބިފައިވޭމެއެވެ.