ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކު މަރުވި މައްސަލައިގައި ފުލުހުން އިިހުމާލުވެފައިވާނަމަ، ފިޔަވަޅު އަޅަން ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ގދ. ހޯނޑެއްދޫން މިއަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 41 އަހަރުގެ ދިވެހި ފިރިހެނަކު މެއަށް ތަދެއް އަރައި، ސީޒާއެއް ޖެހުންފަދަ އަލާމަތްތަކެއް ފެނުމާ ގުޅިގެން ފުލުހުން ވަނީ އެމީހާ ގދ. މަޑަވެލި ހެލްތު ސެންޓަރަށް ގެންގޮސްފައެވެ.

އެ މީހާ ހެލްތު ސެންޓަރަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުނެފައިވެއެވެ. އަދި އެ މީހާ މަރުވި ސަބަބު ދެނެގަތުމަށް ޕޯސްޓްމޯޓަށް ހެދުމަށްވެސް ފުލުހުން ވަނީ ނިންމައިފައެވެ.

އެ ހާދިސާއާ ގުޅިގެން އިމްރާން މިރޭ ކުރެއްޓި ޓުވީޓެއްގައި ވިދާޅުވީ، ކުށުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހާ މަރުވި މައްސަލަ ފުލުހުންގެ ޕްރޮފެޝެނަލް ސްޓޭންޑާޑްސްއިން ބަލަން ފަށާފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ކަމާގުޅޭ އެހެން މުއައްސަސާތަކުން ވެސް އެ މައްސަލަ ހާއްސަ ސަމާލު ކަމެއް ދީގެން އަވަހަށް ބެލުމަށް އިމްރާން ވަނީ އެދިވަޑައިގެންފައެވެ.

"މި މައްސަލައިގައި ފުލުހުން އިހުމާލުވެފައިވާ ކަމަށް ނުވަތަ އަނިޔާވެރި އަމަލެއް ހިންގާފައިވާ ކަމަށް ތަހުގީގަށް ސާބިތުވެއްޖެނަމަ، އެކަމާ ގުޅިގެން އަޅަންވާ ފިޔަވަޅު އެޅުމަށް ފަސް ނުޖެހޭނަން،" އިމްރާން ވިދާޅުވިއެވެ.

ފުލުހުން ބުނީ މަރުވި މީހާ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ކުއްޔަށް ހިފާފައިވާ ލޯންޗެއްގައި ކަމަށާއި އެ ލޯންޗުގައި އެ ވަގުތު އާންމުވެސް ތިބިކަމަށް ފުލުހުން ބުންޏެވެ.

އެ ހާދިސާއާ ގުޅޭ މައުލޫމާތު ނޭޝަނަލް އިންޓްގިރިޓީ ކޮމިޝަން (އެންއައިސީ) އާއި ހިޔަމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އާ ހިއްސާކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

އެނގިފައިވާ ގޮތުގައި މަރުވެފައިވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި މީހެކެވެ.

މަޑަވެލި ކައުންސިލްގެ ރައީސް ފިޔާޒް ހަސަން "ވަން" އަށް މިރޭ ވިދާޅުވީ، އެ މީހާ މަރުވުމާ ގުޅިގެން ސިއްހީ މަރުކަޒު ކައިރިއަށް މީހުން އެއްވެ މުޒާހަރާކުރަމުންދާ ކަމަށެވެ.