ފޯޅަވައްސަކީ ރާއްޖެ ތަނެއް ނޫން ކަމަށް ބުނެވޭނެ ޖާގައެއް ނެތް ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަތަކަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ރައްދު ދެއްވައިފިއެވެ.
ފޯޅަވައްސަކީ މިވަގުތު ވަކި ގައުމެއްގެ ތަނެއް ނޫން ކަމަށާއި އިނގިރޭސިން އެތަން ބަލަހައްޓަމުން އައި ނަމަވެސް އެއީ ރާއްޖޭގެ ތަނެއް ނޫންކަމަށް ބުނެވޭނެ ޖާގައެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މިއަދު ވިދާޅުވެފައެވެ.
"ދިވެހި ނެވިން ރާއްޖޭގެ ސަރަހައްދު ބަޔާން ކުރަނީ ފޯޅަވައްސާއެކު. ފޯޅަވަހި އެއީ ރާއްޖޭގެ ރަށެއް ކަމަށް ބުނުމަށް ކިތަންމެ ތާރީހީ އަދި ސަގާފީ ގުޅުމުގައި ހެކި އެބަހުރި،" ނަޝީދުގެ ޓުވީޓުގައި ވިދާޅުވިއެވެ.
ނަޝީދު އިތުރަށް ވިދާޅުވީ 1،560 ވަނަ އަހަރު ނުވަ ވަނަ ހަސަން ރަސްގެފާނުގެ ސިޓީއެއްގައި ފޯޅަވަހީގެ ހަތް ރަށް އެއީ ރާއްޖޭގެ ރަށްރަށް ގޮތުގައި އެ ރަދުންވެސް ބަޔާންކުރައްވާފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން ފައްޔާޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ 2011 ވަނަ އަހަރު، އެމަނިކުފާނު ވެރިކަމުގައި ހުންނެވިއިރު ފޯޅަވައްސަކީ ރާއްޖޭގެ ބައެއް ކަމަށް ދެކިލެއްވިނަމަ މޮރިޝަސްއާ އެކު އިން ވަކިކުރަން އެއްބަސްވީ ކީއްވެތޯ އައްސަވައިފައެވެ.
ފައްޔާޒު ވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރުކަން ކުރެއްވި އާދަމް ޝަރީފަށް ވެސް ރައްދުދެއްވައި ސުވާލުތަކެއް ކުރައްވައިފައެވެ. ފައްޔާޒު ވަނީ 2017 ވަނަ އަހަރު އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ގައި މޮރިޝަޝް އަށް ފޯޅަވަހި ދޭން ނިންމި އިރު، އޭރުގެ ސަރުކާރުން ދައުވާ ނުކުރީ ކީއްވެތޯ ސުވާލު ކުރައްވައިފައެވެ.
"2017 ގަ އައިސީޖޭގައި މޮރިޝަޝް އަށް ފޯޅަވަހި ދޭން ނިންމި އިރު އޭރުގެ ސަރުކާ ކީއްވެބާ ދައުވާ ނުކުރީ. އޭރުގެ ޑިފންސް މިނިސްޓާ ކީއްބާ ކުރެއްވީ ފޯޅަވެހި ރާއްޖޭގެ ތަނެއް ކަމަށްދެކި ގެއްލި ދިޔައިރު،" ފައްޔާޒު ވިދާޅުވިއެވެ.
މީގެ އިތުރުން ކުރީގެ އެޓާނީ ޖެނެރަލް ޑރ. މުހައްމަދު މުނައްވަރަށް ވެސް ފައްޔާޒު ވަނީ ސުވާލެއް ކުރައްވައިފައެވެ. އެގޮތުން 1992 ވަނަ އަހަރު އެޓާނީ ޖެނެރަލްގެ މަގާމުގައި މުނައްވަރު ހުންނެވިއިރު، އިނގިރޭސިވިލާތާ އެކު ރާއްޖެ އާއި ފޯޅަވަހީގެ ބައުންޑަރީ ކަނޑައެޅުއްވުމަށް މަޝްވަރާކުރެއްވީ ކީއްވެތޯ ފައްޔާޒު ވަނީ ސުވާލު ކުރައްވައިފައެވެ.
ރާއްޖެ އާއި މޮރިޝަސް ދެމެދުގައި މެރިޓައިމް ބައުންޑަރީ ކަނޑައެޅުމަށް އެދި މޮރިޝަސްއިން ވަނީ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި ރާއްޖެއާ ދެކޮޅަށް މައްސަލަ ހުށަހަޅައިފައެވެ. އެ މައްސަލައިގެ އަޑުއެހުންތައް ވަނީ ނިމިފައެވެ. މައްސަލަ ބައްލަވާ ފަނޑިޔާރުން އިތުރުކަމެއް ސާފުކުރައްވަން ބޭނުންނުވާނަމަ ދެން އޮންނާނީ އެ މައްސަލައާ މެދު ގޮތެއް ނިންމުމެވެ.
ރައީސް އޮފީހުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިޓްލޮސްގައި ރާއްޖޭ ތަމްސީލުކުރައްވާ އިސް ވަކީލު ޕްރޮފެސަރު ޕަޔަމް އަކަވަން ވިދާޅުވެފައިވަނީ ކޮންމެ ގޮތަކަށް މައްސަލަ ނިމުނަސް ރާއްޖެއިން ބައެއް ގެއްލިގެން ނުދާނެ ކަމަށެވެ. އަދި ވިދާޅުވެފައިވަނީ ދެ ގައުމުގެ މެދުގައި މައްސަލަ އުފެދިފައިވާ ނުވަތަ ފުށޫއަރާ ސަރަހައްދު އެއްކޮށް ރާއްޖެއް ލިބެންވާނެ ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދިޔަސް އެއީ ކަނޑުގެ ސަރަހައްދު ބެހުމުގައި އޮންނަ އުސޫލެއް ނޫން ކަމަށެވެ.
ންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ނިންމާފައިވާ ނިންމުމާ އެއްކޮޅަށް ރާއްޖެއިން މީގެ ކުރިން އަންނަނީ ވޯޓު ދެއްވަމުންނެވެ. އެއީ ޗާގޮސް އައިލެންޑްސް އިނގިރޭސިވިލާތަކީ ސަރަހައްދެއް ކަމަށް ރާއްޖެއިން ދޭ ވޯޓެވެ. ނަމަވެސް ކުއްލިއަށް ރާއްޖެއިން އެ މައްސަލައިގައި މޮރިޝަސް ކޮޅަށް ވޯޓުދޭން ނިންމުމުން ރާއްޖެއިން ބައެއް ގެއްލިދާނެ ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.
ޕަޔަމް ވިދާޅުވެފައިވަނީ ހިޔާލު ތަފާތުވާ ސަރަހައްދު ބަހަން ޖެހިގެން އުޅެނީ ރާއްޖޭން، އދ. ގައި ވޯޓު ދޭ ގޮތެއްގެ ސަބަބަކަށް ބިނާކޮށް ނޫން ކަމަށެވެ. އަދި އައިސީޖޭއިން ވަނީ ޗާގޮސް އަކީ މޮރިޝަސްގެ މިލްކެއް ކަމަށް ކަނޑައަޅާފައި ކަމަށްވެސް ވިދާޅުވެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު