ދުނިޔެ

އަދުގެ ދުނިޔެ: އެމެރިކާއިން ސައޫދީއަރަބިޔާ "ބުލީ" ކުރަމުން އެގެންދަނީ ކީއްވެ؟

އިމާދު ލަތީފު

ޔުކްރޭނުގެ ހަނގުރާމަޔާ ގުޅިގެން އެމެރިކާއާއި ހުޅަނގު ޔޫރަޕުގެ އެންމެ ބޮޑު އެދުމަކީ އިގްތިސާދީގޮތުން ރަޝިޔާ އިނދަޖައްސައިލުމެވެ. ކުޑަކަކޫ މައްޗަށް ތިރިކުރުމެވެ. ރަޝިޔާއާ ދެކޮޅަށް ނަންހުސްކޮށް އެޅިފައިވާ އެންމެހައި ފިޔަވަޅުތަކުގެ އަމާޒަކީ އެއީއެވެ. މިކަން ހާސިލްކުރެވެންއޮތީ ރަޝިޔާގެ އިގްތިސާދުގެ މައިބަދަ ބިންދާލައިގެންނެވެ. ރަޝިޔާގެ އިގްތިސާދުގެ މައިބަދަޔަކީ ހަކަތައިގެ ދާއިރާއެވެ. ތެލާއި ގޭހެވެ. ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭހުގެ އަގު ބޮޑުތަނުން ވައްޓައިލެވިއްޖެނަމަ ރަޝިޔާއަށް ވަރަށް ބޮޑަށް އެނގުންވާނެއެވެ. ގެއްލުންވާނެއެވެ. ޔުކްރޭނުގެ ހަނގުރާމަޔާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭހުގެ އަގު އުފުލުނީއެވެ. މިކަމުގެ ފައިދާ ރަޝިޔާއަށް ނުހަނު ބޮޑެވެ. އެމެރިކާއިން ގަދައަޅައި މަސައްކަތްކުރަމުން ދަނީ މިކަން ބަދަލުކުރެވޭތޯއެވެ.

ތެލުގެ އަގު ވައްޓައިލެވޭނީ އުފައްދާ މިންވަރު އިތުރުކޮށްގެންނެވެ. ދުނިޔެއަށް ބޭނުންވާވަރަށްވުރެ ގިނައިން ބާޒާރަށް ތެޔޮ ނެރެގެންނެވެ. ޑިމާންޑަށްވުރެ ސަޕްލައި އިތުރުކޮށްގެންނެވެ. މިބާރު އޮތީ ތެޔޮއުފައްދާ ގައުމުތަކުގެ ޖަމިއްޔާ، އޯޕެކަށެވެ. މިއީ ޖުމްލަ ތޭރަ ގައުމުގެ މައްޗަށް އެކުލެވިގެންވާ ޖަމާއަތެކެވެ. މި ޖަމާއަތަށް އެމެރިކާއިން ބާރުއަޅަމުން އައީ އުފައްދާ މިންވަރު އިތުރުކޮށް ދުނިޔޭގެ ބާޒާރު ފްލަޑު ކުރުމަށެވެ. އެހެންނަމަވެސް ފެނިގެންދިޔައީ ތަފާތު މަންޒަރެކެވެ. އޯޕެކްގެ ގައުމުތަކުގެ ތެލާއިބެހޭ ވަޒީރުން ދެއަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް އެއްތަންވެ މަޝްވަރާކުރުމަށްފަހު ނިންމީ ކުރިއަށްއޮތް ނޮވެމްބަރު މަހުން ފެށިގެން ސަޕްލައި މަދުކުރުމަށެވެ. އުނިކުރުމަށެވެ. އޯޕެކުން މިހާރު ނެރޭ ތެލުން ދެ ޕަސަންޓް އުނިކުރުމަށެވެ.

ސަޕްލައި މަދުކުރުމުގެ މާނަޔަކީ ދުނިޔޭގެ ބާޒާރުގައި ތެޔޮމަދުވެ އަގު އުފުލުމެވެ. ރަޝިޔާގެ އިގްތިސާދަށްވެސް އިތުރު ފައިސާ ވަނުމެވެ. މިއީ އެމެރިކާއަށް ހަޖަމުކުރެވުނު ކަމަކަށް ނުވިއެވެ. މިހާރު ފެންނަމުން އެދަނީ އޯޕެކްގެ ގައުމުތަކަށް ހަމަފާޅުގައި ބިރުދައްކައި އިންޒާރު ދެމުންދާ މަންޒަރެވެ. ޚާއްސަގޮތެއްގައި އޯޕެކުގައި އެންމެބޮޑަށް ނަގާކިޔާ ސައޫދީއަރަބިޔާއަށެވެ. ހައިރާންވާންޖެހޭ ކަމަކީ ސައޫދީއަރަބިޔާއަކީ އެމެރިކާގެ ނުހަނުބޮޑު އެކުވެރިޔަކަށްވާއިރުވެސް އަދި ފާއިތުވިތަނުގައި އެމެރިކާއަށްޓަކައި ނުހަނު ބޮޑެތި ގުރުބާނީތަކެއް ވެފައިވާއިރުވެސް އެކަންކަމަށް ރިއާޔަތްކުރުން ނެތީމައެވެ. އެމެރިކާއިން ގަބޫލުކުރާގޮތުގައި އޯޕެކާއި ސައޫދީއަރަބިޔާއިން އުޅެނީ ރަޝިޔާއަށް އެހީވުމަށެވެ. އެދެނީ ރަޝިޔާއަށް ކާމިޔާބު ލިބުމެވެ. މިއީ ރާވައިގެން ކުރާކަމެކެވެ.

އޯޕެކަކީ ހަމައެކަނި ސައޫދީއަރަބިޔާއެއް ނޫނެވެ. ޔުނައިޓެޑް އަރަބް އެމިރޭޓްސް އާއި އީރާނާއި ވެނެޒުއެލާއަކީވެސް އޯޕެކްގެ މެންބަރުންނެވެ. އޯޕެކްގެ ނިންމުން އައީ މެންބަރު އެންމެހައި ގައުމުތަކުގެ އިއްތިފާގުންނެވެ. އެކަމަކު އެމެރިކާގެ ރުޅިގަނޑު ބޮޑަށް އަމާޒުވެފައިވަނީ ސައޫދީއަރަބިޔާއަށެވެ. ރައީސް ޖޯ ބައިޑެންގެ ސަރުކާރުން ބުންޏެވެ. ދެން ފުދިއްޖެއެވެ. ކަލޭމެން ތިބިގޮތް އެނގިއްޖެއެވެ. އެހެންވީމާ ދެން އަހަރެމެން ކުރާންހުރި ކަންކަމަށް އިންތިޒާރު ކުރާށެވެ. ހަމަޔަގީނުންވެސް ވަރަށް ބޮޑު އަގެއް ކަލޭމެން ދައްކަން ޖެހޭނެއެވެ. މިހެން ބުނެފައި ދެން ފެނުނީ އެމެރިކާގެ އެންމެ ވަރުގަދަ ނިއުކުލިއަރ ސަބްމެރީން އޭގައިވާ އެންމެހައި ނިއުކުލިއަރ މިސައިލްތަކާއެކު ސައޫދީއަރަބިޔާގެ އައްސޭރިއާ ވަރަށް ގާތުން އަރަބި ކަނޑުން މައްޗަށް ހިއްލައިލި މަންޒަރެވެ.

ސައޫދީ އަރަބިޔާގެ އައްސޭރީގައި އެމެރިކާގެ ނިއުކުލިއަރ ސަބްމެރީން، ޔޫއެސްއެސް ވެސްޓް ވާޖީނިއާ ފެނުން މައްޗަށް ހިއްލައިލައި އެކަން އިއުލާންވެސް ކުރުމަކީ އާދައިގެ ކަމެއް ނޫނެވެ. ނިއުކުލިއަރ ބޯ ހަރުކުރެވިފައިވާ ޓްރައިޑެންޓް މަރުކާގެ ސާދަ މިސައިލް އޭގައި އެބަހުއްޓެވެ. އޮހަޔޯ ކްލާސް ގިންތީގެ މި އުޅަނދަކީ އާއްމު ގޮތެއްގައި އޭގެ ދަތުރާއި އޮންނަތަންވެސް ވަރަށް ބޮޑަށް ސިއްރު ކުރެވޭ އުޅަނދެކެވެ. އެކަމަކު އެމެރިކާގެ ސެންޓްރަލް ކޮމާންޑްގެ ވެރިޔާ ޖެނެރަލް އެރިކް ކުރިއްލާ އެޔަށް ވަޑައިގެން ސައޫދީންނަށް ފެންނަ ހިސާބުގައި 8 ގަޑިއިރު ހޭދަކުރެއްވުމަކީ ހަމަ ސީދާކޮށް ސައޫދީއަރަބިޔާއަށް ބިރުދެއްކުމަށް ހިންގި ހުތުރުވެގެންވާ ނުބައި އަމަލެކެވެ. ދުނިޔޭގެ އެހެން ބަޔަކު ކުރިކަމެއްނަމަ އެވަރުގެ ނުބައި އަމަލެއް ނެތިގެން ހުއްޓާނުލައި އެމެރިކާއިން އެވާހަކަ ދައްކާނެއެވެ.

އެމެރިކާއިން ކުރިއަސް ހުތުރުކަމެއް ވާނީ ހުތުރުކަމަކަށްތާއެވެ. އަދި އެހެން ގައުމުތަކުންވެސް އެކަން ފާހަގަކޮށް ކުށްވެރިވެސް ކުރާނޭތާއެވެ. ސައޫދީއަރަބިޔާއަށް ބިރުދެއްކުމަށް އެމެރިކާއިން ހިންގާ އަމަލުތައް އެންމެ ފުރަތަމަ ފާހަގަކޮށް ފާޑުކިޔައިފައިވަނީ ތުރުކީވިލާތުންނެވެ. ތުރުކީވިލާތަކީ ނޭޓޯގެ މެންބަރު ގައުމެކެވެ. އެމެރިކާގެ ރަހުމަތްތެރިއެކެވެ. އެކަަމަކުވެސް ތުރުކީގެ ޚާރިޖީވަޒީރު ވިދާޅުވިއެވެ. ބޭނުންހާ ގޮތަކަށް ކަންކަން ނުކުރެވުނީމާ އެމެރިކާ އެއުޅޭ ވައްތަރު ނިކަން ދެކިބަލާށެވެ. މިހާރު އެކުރާކަމަކީ ސައޫދީއަރަބިޔާ ބުލީކުރުމެވެ. މިއީ ގޯހެކެވެ. ގޯސް ނަމޫނާއެކެވެ. މިކަން ހަމަމިހާރު ހުއްޓައިލާށެވެ. ޗައިނާއާއި ރޫސީވިލާތް އަދި އީރާނުގެ ނޫސްތަކުންވެސް އެމެރިކާގެ މިއަމަލުތައް ސިފަކޮށްފައިވަނީ ޒިންމާދާރުކަމެއްނެތް މޮޔަ އަމަލުތަކެއްގެ ގޮތުގައެވެ.