ޚަބަރު

ކައުންސިލްތަކާއި ޑަބްލިޔުޑީސީތަކުގެ ބައި-އިލެކްޝަން އަހަރަކު އެއްފަހަރު ބާއްވަން އޮތްބައި ބިލުން އުނިކޮށްފި

އިބްރާހިމް ޒަކީ

1

ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަން އަހަރަކު އެއްފަހަރު ބާއްވަންޖެހޭ ގޮތް ހެދުމަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހު ބިލުން އުނިކުރަން ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން ފާސްކޮށްފިއެވެ.

ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު ހުށަހެޅުއްވި އެ ބިލުގައި ހިމެނޭ އެ އިސްލާހުގައި ވަނީ އެ އިންތިހާބުތައް ބާއްވާނީ އެއިން ކައުންސިލެއްގެ ނުވަތަ ކޮމިޓީއެއްގެ ގޮނޑި ހުސްވިކަން އަންގާތާ ގިނަވެގެން 365 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ކަމަށާއި ނަމަވެސް ކައުންސިލުގެ ނުވަތަ ކޮމިޓީގެ ގާނޫނީ އަދަދު ހަމަވާ މިންވަރަށް މެންބަރުން ނެތް ހާލަތެއްގައި 60 ދުވަހުގެ ތެރޭގައި ބައި-އިލެކްޝަން ބާއްވަން ޖެހޭނެ ކަމަށެވެ.

ގާނޫނުގައި މިހާރު އޮންނަނީ ކައުންސިލް އަދި ޑަބްލިޔުޑީސީން ހުސްވާ ގޮނޑިއަށް މީހަކު އިންތިހާބު ކުރުމަށް ބާއްވަންޖެހޭ ބައި-އިލެކްޝަންތައް 60 ދުވަހުގެ ތެރޭގައި ބާއްވަންވާނެ ކަމަށެވެ.

ގާނޫނަށް މި އިސްލާހު ގެނައުމަށް ސަރުކާރުން ހުށަހަޅާފައިވަނީ އަވަސް އަވަހަށް ބައި-އިލެކްޝަންތައް ބާއްވަން ޖެހުމުން އެކަމަށް ކުރަންޖެހޭ ހަރަދު ބޮޑުވެ، ދައުލަތުގެ ހަރަދު ބޮޑުވަމުންދާތީއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ، މިދިޔަ އަހަރު އަންހެނުންގެ ކޮމިޓީތަކުގެ 11 ބައި-އިލެކްޝަން އަދި މި އަހަރުގެ މިހާތަނަށް ގާތްގަނޑަކަށް 20 ބައި-އިލެކްޝަން ބާއްވާފައިވާ ކަމަށެވެ. އަދި އިންތިހާބުތަކަށް އެ ކޮމިޝަނަށް 1.5 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައިވާ އިރު، އަންހެނުންގެ ކޮމިޓީތަކުގެ ބައި-އިލެކްޝަންތައް ބާއްވައިގެން މި އަހަރު މިހާތަނަށް 1.4 މިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށްް ބުނެފައިވެއެވެ.

އެ ބިލު ކޮމިިޓީން ދިރާސާކޮށް މިއަދު ނިންމީ ބައި އިލެކްޝަންސްތަކާ ގުޅޭ ގޮތުން ބިލުގައި ހިމެނޭ މާއްދާ އުނިކުރުމަށެެވެ. އެއީ އެ ބިލަށް މަޖިލިސް ތަޅުމުގައި ބަހުސްކުރި އިރު، މެންބަރުން ދެއްކެވި ވާހަކަތަކަށް ބަލައި އިރު، މިވަގުތު އެ އިސްލާހުތައް ގެނައުމަށް މެންބަރުންނަށް ފެނިވަޑައިނުގަންނަވާތީ ކަމަށް އެ ކޮމިޓީގެ މުގައްރިރު އަދި ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟