މީހަކު ރައްކާކުރަން ދިން ކޮތަޅެއްގެ ތެރެއިން މަސްތުވާތަކެތި ފެނުނު މައްސަލައެއްގައި، ރާއްޖޭގައި ވަޑިއެއްގެ ވަޒީފާ އަދާކުރަމުން އައި ސްރީލަންކާގެ ރައްޔިތެއްކަމަށްވާ ރަނަސިންގް ޓިއްސާ ހެވަގެ، އުމުރު ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މި މައްސައަކީ، 5 މާޗު 2020 ވަނަ ދުވަހުގެ މެންދުރު ފަހު 1:10 އެހާކަންހާއިރު، ގ. ރާޑޯގޭގެ ފުރަތަމަ ފަންގިފިލާގައި މަސްތުވާތަކެތި ރައްކާކޮށް، އެތަކެތީގެ ވިޔަފާރިކުރާކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބިގެން، ކޯޓު އަމުރެއްގެ ދަށުން އެތަން ބަލައިފާސްކުރަން ފެށުމާއެކު ރަނަސިން ނިދާ އެނދު ދަށުގައި ލޫތު ނަމަކަށްކިޔާ މީހަކު ހަވާލުކުރި ކޮތަޅެއް ހުންނާނެ ކަމަށް ބުނެ ދެއްކި ރަބަރު ކޮތަޅުގެ ތެރެއިން 306.7 ގްރާމް ކެނިބަސް ފެނުމުންނާއި އެ ކޮޓަރީގެ އަލަމާރީގެ ދަމާވަތްގަނޑުން ފެނުނު ފިލްމު ހުސްކުރި ދަޅެއްގައި ކިރޭ މިންވަރަށްވުރެ ލުއި މިންވަރަކަށް ކެނިބިސް ހޭކިފައި ހުރުމުންނާއި އެތަނުން ފެނުނު ސެލޯފިން ކޮޅުގައި 0.7 ގްރާމް ކެނިބިސް ފެނުމުން، ދައުލަތުން ރަނަސިންގްއާ ދެކޮޅަށް އުފުލި ކެނިބިސް ޓްރެފިކް ކުރުމުގެ ދައުވާއެވެ. އޭނާގެ މައްޗަށް ކެނިބިސް ބޭނުން ކުރުމުގެ ދައުވާވެސް އުފުލައިފައިވެއެވެ. އެ ދައުވާ އޭނާގެ މައްޗަށް ސާބިތުވެ ވަނީ ތިން އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ.

ދައުލަތުން އުފުލި ދައުވާއަށް ރަނަސިންގެ ވަނީ އިންކާރުކޮށްފައެވެ. އެހެންވެ، އޭނާގެ މައްޗަށް ދައުވާ ސާބިތުކުރުމުގެ ގޮތުން، އޭނާ ހައްޔަރުކުރި ސީންއަށް ދިޔަ ފުލުހުންނާއި ފޮރެންސިކް ރިޕޯޓުތައް ތައްޔާރުކުރި ފުލުހުން ހެކިންގެ ގޮތުގައި ހުށަހަޅި އެވެ.

ރަނަސިންގެ ފަރާތުން ދައުވާއަށް އިންކާރުކޮށް، މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ، އެ ކޮޓަރިއަކީ، އޭނާގެ އިތުރުން އެހެން ބަޔަކުވެސް ދިރިއުޅެމުންދިޔަ ތަނެއް ކަމަށާއި އެހެންވެ އެއީ އޭނާގެ ތަކެތި ކަމަށް ބެލެވޭނެ ހަމައެއް ނެތް ކަމަށެވެ.

އެ މައްސަލައިގައި ގާޒީ ސައްފަތު ހަބީބު އިއްވެވި ހުކުމުގައި ވަނީ ދައުލަތުން ހުށަހެޅި ހެކިތަކުން ރަނަސިންގް ދިރިއުޅޭ ތަނުން ފެނުނު މަސްތުވާތަކެއްޗަކީ އޭނާގެ ބެލުމުގެ ދަށުގައި ހުރި ތަކެތިކަން އެނގޭ ކަމަށާއި އެހެންކަމުން އެކަމުގެ އުގޫބާތެއްގެ ގޮތުން، 100،000 ރުފިޔާއިން ޖޫރިމަނާކުރުމާއެކު 25 އަހަރަށް ޖަލަށްލާން ހުކުމް ކުރައްވާ ކަމަށެވެ.

ރަނަސިންގް ވަނީ ޝަރީއަތުގެ ކުރިން ދެ އަހަރާއު ހަތް މަހާއި 17 ދުވަހު ބަންދުގައި ހޭދަކޮށްފައެވެ. އެހެންވެ، އޭނާ ތަންފީޒުކުރަން ޖެހޭނީ 22 އަހަރާއި ހަތަރު މަހާއި 13 ދުވަހުގެ ޖަލު ހުކުމެކެވެ.