ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކަރަންޓު ބިލުތަކަށް ދައްކަންޖެހޭ 6.5 މިލިއަން ރުފިޔާ ނުދައްކައިގެން އެ އިދާރާއިން ކަރަންޓު ކަނޑާލަން ޖެހުނު މައްސަލާގައި ނެރޭ ބަޔާންތަކަށް ރައްދު ދޭން ބޭނުން ނުވާ ކަމަށާއި ކަރަންޓު ބޭނުން ނަމަ ބިލުތަކަށް ފައިސާ ދެއްކުމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ވިދާޅުވެއްޖެއެވެ.
ދެހާސް ނަވާރަވަނަ އަހަރުގެ ސެޕްޓެމްބަރުން ފެށިގެން ތިން އަހަރުގެ ކަރަންޓު ބިލުތަކަށްވާ 6.5 މިލިއަން ރުފިޔާ ނުދައްކައިގެން އެފްއޭއެމް ހައުސްއިން ކަރަންޓު ކަނޑާލީ އިއްޔެއެވެ.
އެކަމާ ގުޅިގެން އެފްއޭއެމުން އިއްޔެ ނެރުނު ނޫސްބަޔާނުގައި ބުނީ، އެފްއޭއެމް ހައުސް މިދިޔަ މަސްތަކުގެ ތެރޭގައި ގިނަ ބަޔަކު ބޭނުންކޮށްފައިވާ ކަމަށާއި އެކަންކަމަށް ނުބަލައި، ސްޓެލްކޯއިން އެ އިދާރާއާ ދޭތެރޭ އެޅި ފިޔަވަޅަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށެވެ. އަދި އެހެން ބަޔަކުވެސް ހިއްސާވާ ބިލުތަކަށް ފައިސާ ދައްކަން ޑިމާންޑުކޮށް އެފްއޭއެމް ހައުސްއިން ކަރަންޓް ކަނޑާލުމަކީ ސްޓެލްކޯގެ އިހުލާސްތެރި ކަމާމެދު ސުވާލު އުފެއްދޭނެ ކަމެއް ކަމަށްވެސް ބުންޏެވެ.
ބާރަ ރަށެއްގެ މަގުބައްތި މަރާމާތުކޮށް ބެލެހެއްޓުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ސްޓެލްކޯ ބޭއްވި ރަސްމިއްޔާތުގައި އެފްއޭއެމްގެ ބަޔާނަށް ރައްދުދެއްވަަމުން ޝަރީފު ވިދާޅުވީ އެފްއޭއެމުން ބިލުތަކަށް ފައިސާ ނުދެއްކުމުން ކަރަންޓު ކަނޑާލީ ސްޓެލްކޯގެ އިހްލާސްތެރި ނިޔަތެއް ނެތިގަން ކަމަށް ނުބުނެވޭނެ ކަމަށެވެ. އަދި ނުދައްކާ ހުރި ބިލުތަކުގެ ޖުމުލަ އަގު 6.5 މިލިއަން ރުފިޔާއަށް އަރަންދެން އެފްއޭއެމުން ބިލުތައް ނުދައްކައި އޮތީ އިހްލާސްތެރި ނިޔަތެއްގައިތޯ ޝަރީފް ސުވާލު އުފެއްދެވިއެވެ.
"އަޅުގަނޑު ދަންނަވާލާނީ އެފްއޭއެމްއަށް، ބަޔާންތައް ނެރުއްވާނެ ކަމެއް ނެތޭ އަޅުގަނޑުމެން ތިބޭފުޅުންނަށް ރައްދުދީ ބަޔާންތައް ނެރޭކަށް ބޭނުމެއް ނެތް. އަވަހަށް އަޅުގަނޑުމެންނަށް ދައްކަންޖެހޭ ބިލުތައް ދައްކަވާ ހަލާސްކުރައްވާ. އަޅުގަނޑުމެން ކަރަންޓު ދޭނަން" ޝަރީފު ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ކަރަންޓު ބިލުތަކަށް ނަގާ ފައިސާއަކީ އެ ހިދުމަތް އިތުރަށް ތަރައްގީކުރުމަށް އިންވެސްޓްކުރަންޖެހޭ ފައިސާ ކަމަށާއި ރައްޔިތުންނަށް ދޭ ހިދުމަތް ތަރުތީބު ކުރަނީ އޭގެ މައްޗަށް ބިނާކޮށް ކަމަށެވެ. އަދި އެއްވެސް ފަރާތަކުން ބިލުތަކަށް ފައިސާ ނުދައްކާ ނަމަ ސްޓެލްކޯގެ ހިދުމަތްތަކަށް ބުރޫއަރާ ކަމަށް ވިދާޅުވިއެވެ.
"ކަރަންޓު ބިލު ނުދައްކަވާ ކަމަށްވާނަމަ ކޮންތާކުންތޯ އަޅުގަނޑުމެން ލާރި ގެންނާނީ. ދައުލަތުން އެ ހުރިހާ ލާރިއެއް ނުދެވޭނެ. އެހެންވީމަ ރައްޔިޔުން ދޭ ލާރިން ރައްޔިތުންގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކާ އަޅުގަނޑުމެން އިންވެސްޓްކުރަނީ" ޝަރީފު ވިދާޅުވިއެވެ.