ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާއިން ކުޅުނު މެޗުގައި އެތުލެޓިކް ކްލަބު ބަލިކޮށްފިއެވެ.

ބާސާއިން އަމިއްލަ ދަނޑުގައި އެތުލެޓިކް ކްލަބު ބަލިކުރީ 4-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ ތަރިޔަކީ ފްރާންސްގެ އުސްމާން ޑެމްބެލޭއެވެ. އޭނާ ވަނީ މެޗުގައި ގޯލެއް ޖެހުމުގެ އިތުރުން އަނެއް ތިން ގޯލަށް އެސިސްޓް ކޮށްދީފައެވެ. ބާސާގައި ފުރަތަމަ ހޭދަކުރި ދެތިން ސީޒަނުގައި އަނިޔާގެ ސަބަބުން ބޮޑު މާޔޫސްކަމަކާ ކުރިމަތިވި ޑެމްބެލޭ މިހާރު އަންނަނީ ފޯމުގައި ކުޅެމުންނެވެ. އޭނާ ވަނީ މިހާތަނަށް މި ސީޒަނުގެ ލީގުގައި ކުޅުނު 8 މެޗުގައި ފަސް އެސިސްޓް ހަދައި ތިން ގޯލު ޖަހައިފައެވެ.

ރޭގެ މެޗުން މޮޅުވި ބާސާ މިވަގުތު އޮތީ ލަލީގާ ތާވަލުގެ ދެވަނައިގައެވެ. އެއީ 11 މެޗުން 28 ޕޮއިންޓް ހޯދައިގެންނެވެ. ބާސާގެ ކުރިއަށް އެއްވަނައިގައި އޮތް އެންމެފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑަށް 11 މެޗުން 31 ޕޮއިންޓް ލިބިފައިވެއެވެ. ބާސާ މި ސީޒަނުގެ ލީގުގައި ފުރަތަމަ ފަހަރަށް ބަލިވީ ރެއާލްއާ ދެކޮޅަށް ކުޅުނު އެލް ކްލެސިކޯގައެވެ.

މެޗު ބާރު ސްޕީޑުގައި ބާސާއިން ފެށީ އެޓޭކިން ކުޅުމެއްގައެވެ. އެޓީމުން އެޓޭކަކަށްފަހު އެޓޭކެއް އުފައްދައި މެޗުގެ ކުރީކޮޅުގައި ލީޑު ނެގިއެވެ. ފުރަތަމަ ގޯލު ޑިމްބެލޭ ޖެހީ ރޮބާޓް ލެވަންޑޯސްކީގެ ހުރަހަކުން ބޮލުންނެވެ.

އެ ގޯލާއެކު އެތުލެޓިކް ކްލަބަށް ހިންދެމިލާނެ ވަގުތު ކޮޅެއްވެސް ނުދީ ބާސާއިން ފުލުފުލުގައި ދެ ގޯލު ޖެހިއެވެ. މެޗުގެ 18 ވަނަ މިނެޓުގައި ސާޖިއޯ ރޮބާޓޯ ބާސާގެ ދެވަނަ ގޯލު ޖެހި އިރު، އޭގެ ހަތަރު މިނެޓް ފަހުން ލެވަންޑޯސްކީ ވަނީ އޭނާ ސީޒަނުގައި ޖެހި 17 ވަނަ ގޯލު ޖަހައިފައެވެ. ލެވަންޑޯސްކީ މި ސީޒަނުގައި ބާސާއަށް ބަދަލުވެ، 17 ގޯލު މިހާތަނަށް ޖަހައިފައި ވަނީ އެންމެ 15 މެޗުންނެވެ.

ފުރަތަމަ ހާފުގައި ބާސާގެ ޒުވާން ތަރި ގަވީއަށް އަނިޔާވެ ބާލަން ޖެހިފައިވެއެވެ. އޭނާގެ ބަދަލުގައި ކުޅެން ނުކުތީ ފްރޭންކް ކެސޭއެވެ. ގަވީގެ އިތުރުން ދެވަނަ ހާފުގައި ޖޯޑީ އަލްބާގެ ކޮނޑަށް އަނިޔާވެ އޭނާވެސް ބަދަލުކުރަން ޖެހިފައިވެއެވެ.

ބާސާއިން މެޗުގައި ޖެހި ހަތަރު ވަނަ ގޯލަކީ 73 ވަނަ މިނެޓުގައި ބަދަލަކަށް ނުކުތް ފެރާން ޓޮރޭސް ޖެހި ގޯލެކެވެ. ޓޮރޭސްގެ އެ ގޯލަކީ އަރިމަތިން ކުރިއަށް ޖެހި އެތުލެޓިކް ކްލަބުގެ ޑިފެންޑަރު ބީޓް ކޮށްލައި، ޑެމްބެލޭ ދިން ހިތްގައިމު ޕާހަކުން އޭނާ ޖެހި ފަސޭހަ ގޯލެކެވެ.