ދުނިޔެ

އަދުގެ ދުނިޔެ: ނިއުކުލިއަރ ހަނގުރާމައަކުން އެއްވެސް ބަޔަކަށް ކާމިޔާބީއެއް ނެތެވެ.

އިމާދު ލަތީފު

އެމެރިކާގެ ގޮނޑުދޮށުގައި އޮންނަ ކިއުބާގައި ރަޝިޔާގެ ނިއުކުލިއަރ މިސައިލް ބެހެއްޓުމަށް ރަޝިޔާ އާއި ކިއުބާއިން 1962 ވަނަ އަހަރު އެއްބަސްވިއެވެ. ރަޝިޔާގެ ވެރިކަމުގައި ހުންނެވީ ނިކީޓާ ކްރުޝްޗޮފެވެ. ކިއުބާގައި ފިޑެލް ކާސްޓްރޯއެވެ. އެމެރިކާގައި ޖޯން އެފް ކެނެޑީއެވެ. މިސައިލްތައް ހިފައިގެން ރަޝިޔާގެ އާގުބޯޓުތައް އެޓްލާންޓިކް ކަނޑަށް ނުކުތެވެ. އެމެރިކާއިން އެޓްލާންޓިކްގައި ރަތް ރޮނގެއް އަޅައިފައި ބުންޏެވެ. ނަމަނަމަ މިރޮނގު ހުރަސްނުކުރައްޗެވެ. ހުރަސްކޮށްފިނަމަ މިކުރަނީ ހުވައެވެ. ހަމަލަދޭނަމެވެ. މި އިންޒާރާ ގުޅިގެން ނިއުކުލިއަރ ހަނގުރާމައެއްގެ ތުންފަތްމައްޗަށް ދުނިޔެ ފުރޮޅިގެން ދިޔައެވެ. އެންމެފަހުން ރޫސީ ބޯޓުތައް އައިކޮޅަށް އަނބުރައިލީއެވެ. ދުނިޔެއަށް ހަމަޖެހުމުގެ ނޭވައެއްލެވުނީ ދެނެވެ.

މިދެންނެވި މައްސަލަ މަޝްހޫރުވެފައި ވަނީ ކިއުބާގެ މިސައިލް ކްރައިސިސް ނުވަތަ ކިއުބާގެ މިސައިލްތަކުގެ މައްސަލައިގެ ނަމުންނެވެ. އެ ހާދިސާއަށް މިހާރު ފަސްދޮޅަސް އަހަރު ފުރިއްޖެއެވެ. ފާއިތުވި ފަސްދޮޅަސް އަހަރުގެ ތެރޭގައި ނިއުކުލިއަރ ހަނގުރާމައެއްގެ ބިރުވެރިކަން އެމިންވަރަށް އުފުލިގެނެއް ނުދެއެވެ. އެހެންނަމަވެސް މިއަދު ނިއުކުލިއަރ ކުރިމަތިލުމެއްގެ ބިރު މީގެ ފަސްދޮޅަސް އަހަރު ކުރިން އުފުލުނު ހިސާބަށް ނުވަތަ އެއަށްވުރެވެސް މައްޗަށް އަރައިފިއެވެ. ޔުކްރޭނުގެ ހަނގުރާމަ ދުނިޔޭގެ ތިންވަނަ ބޮޑު ހަނގުރާމަޔަކަށް ބަދަލުވެ މުޅި ދުނިޔެ ފަނާވެގެން ދިޔުމުގެ ބިރު ވަނީ އުފެދިފަައެވެ. އެފަދަ ހަނގުރާމައެއް ފެށިއްޖެނަމަ ދެން ވާނެގޮތަކާއި އިންސާނުންނާއި ޖަނަވާރުންނަށް ކުރިމަތިވާނޭ ނުރައްކާތަކުގެ މައްޗަށް ބަހުސްކުރުންވެސް މިހާރު ވަނީ އިތުރުވެފައެވެ.

ދުނިޔޭގައި އެންމެ ގިނަ އަދަދެއްގެ ނިއުކުލިއަރ ހަތިޔާރު ހުރީ ރަޝިޔާގައެވެ. އެއަށްފަހު އެމެރިކާގައެވެ. ރަޝިޔާގައި މިވަގުތުވެސް 5977 ނިއުކުލިއަރ ބޯ އެބަހުރިކަމަށް އަންދާޒާ ކުރެވިފައިވެއެވެ. އޭގެތެރެއިން 1588 ބޮލަކީ މިވަގުތުވެސް މިސައިލްތަކުގައި ހަރުކުރެވި އުދުއްސާލަން ތައްޔާރު ކުރެވިފައިވާ އަދަދެވެ. މާނަޔަކީ ރައީސް ޕުޓިން ބޭނުންފުޅުވެއްޖެނަމަ މިހިނދުން މިހިނދަށްވެސް އެއަދަދަށް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ނިއުކުލިއަރ މިސައިލްގެ ވާރޭ ވެއްސުމުގެ ކެރިކުޅަދާނަކަން ރަޝިޔާއަށް ލިބިގެންވުމެވެ. ވަގުތުން ވަގުތަށް ބޭނުންކުރެވޭ ހާލަތުގައި ހުރި މިންވަރު ގިނައީ އެމެރިކާގައެވެ. އެމެރިކާގައި ހުރި 5428 ނިއުކުލިއަރ ބޮލުގެ ތެރެއިން ތައްޔާރީ ހާލަތުގައި ހުރި ކަމަށް އަންދާޒާ ކުރެވިފައިވާ އަދަދަކީ 1644 އެވެ.

އެމެރިކާ އާއި ރަޝިޔާގައި މިހިރަ އަދަދުތަކަކީ ހަގީގަތުގައިވެސް ބިރުގަންނަން ޖެހޭ އަދަދުތަކެކެވެ. ދުނިޔެއާއި ދުނިޔޭގައިވާހައި ދިރުމަކަށް ނިމުމެއް ގެންނަން ފުދި އިތުރުވާ އަދަދުތަކެވެ. ރަޝިޔާ އާއި އެމެރިކާގެ ވާދަވެރިކަން އެންމެ ބޮޑަށް އޮތް ޒަމާނުގައި ނުވަތަ ފިނި ހަނގުރާމައިގެ އެންމެ ނުރައްކާތެރި ދުވަސްވަރު މިއަށްވުރެ ހަތަރު ގުނަ އިތުރަށް ދުނިޔޭގައި ނިއުކުލިއަރ ހަތިޔާރު ހުއްޓެވެ. އެގޮތުން 1975 ވަނަ އަހަރު ދުނިޔޭގެ ޖުމްލަޔަކީ 46 ހާހެވެ. އޭގެ 15 އަހަރު ފަހުން 1990 ވަނަ އަހަރުގެ ޖުމްލަޔަކީ 45 ހާހެވެ. ފިނި ހަނގުރާމަ ނިމުމަށްފަހު އެކި އެއްބަސްވުންތައް ގާއިމްކޮށް މިޒާތުގެ ހަތިޔާރު މަދުކުރަމުން ކުރަމުންއައިސް މިހާރު މުޅި ދުނިޔޭގައި ހުރިކަމަށް ސްޓޮކްހޯމް އިންޓަރނޭޝަނަލް ޕީސް ރިސަރޗް އިންސްޓިޓިއުޓުން އަންދާޒާކުރާ އަދަދަކީ 13080 އެވެ.

ޔުކްރޭނުގެ ހަނގުރާމައިގައި ނިއުކުލިއަރ ހަތިޔާރު ބޭނުންކުރަން ޖެހިއްޖެނަމަ އެކަންކުރާނެ ކަމަށް ރަޝިޔާއިން ވަނީ ބުނެފައެވެ. މިޒާތުގެ ހަނގުރާމައެއްގައި ބޭނުންކުރިއަސް ބޭނުންކުރާނީ ޓެކްޓިކަލް ނިއުކުލިއަރ ހަތިޔާރެކެވެ. އެޒާތުގެ ދެހާސް ބޯ ރަޝިޔާގައި އެބަހުއްޓެވެ. ޓެކްޓިކަލް ނިއުކުލިއަރ ހަތިޔާރޭ ކިޔަނީ އޭގެ ބާރު އެއްކިލޯޓަނާއި ފަންސާސް ކިލޯޓަނާ ދެމެދުގެ ބޮލަށެވެ. ސަތޭކަ ކިލޯޓަނުން މަތީގެ ބޮލަކީ ސްޓްރެޓީޖިކް ނިއުކުލިއަރ ހަތިޔާރެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި ޖަޕާނުގެ ހިރޮޝީމާއަށް އެމެރިކާއިން ވައްޓައިލި ނިއުކުލިއަރ ބޮމިގެ ބާރަކީ 15 ކިލޯޓަނެވެ. އެއީ މިޒަމާނުގެ ތިލަފަތުން ކިރަންޏާ ޓެކްޓިކަލް ނިއުކުލިއަރ ބޮމެކެވެ. މިޒަމާނުގެ ސްޓްރެޓީޖިކް ނިއުކުލިއަރ ހަތިޔާރުގެ ތެރޭގައި ސަތޭކަ މެގަޓަނުގެ ބާރު ލިބިގެންވާ ބޯވެސް ހިމެނެއެވެ.

ޔުކްރޭނުގައި ރަޝިޔާއިން ނިއުކުލިއަރ ހަތިޔާރެއް ބޭނުންކޮށްފިނަމަ ވޭންދެނިވި ގޮތެއްގައި އެކަމުގެ ބަދަލު ހިފާނޭ ކަމަށް އެމެރިކާއިން ދަނީ ބުނަމުންނެވެ. އެމެރިކާއިން އެބުނަނީ ރަޝިޔާއާ ދެކޮޅަށް ނިއުކުލިއަރ ހަނގުރާމައެއް ފަށާނަމޭ ކަމަށް ވެދާނެއެވެ. ނިއުކުލިއަރ ހަނގުރާމައަކީ އެއްވެސް ބަޔަކަށް ކާމިޔާބީ ނެރެވޭނެ ހަނގުރާމައެއް ނޫނެވެ. އެޒާތުގެ ހަނގުރާމައަކުން އެންމެނަށްވެސް އޮތީ ފަނާކުރަނިވި މުސީބާތެވެ. ހަނގުރާމައިގައި ޝާމިލްވާ ފަރާތްތަކާއި ޝާމިލްނުވާ ފަރާތްތައްވެސް ހިމެނޭގޮތުންނެވެ. އެއްބަޔަކު ނިއުކުލިއަރ ރޭޑިއޭޝަނުގެ ތެރޭގައި ނެތިގެންދާއިރު އަނެއްބަޔަކު ހައިހޫނުކަމުގެ ތެރޭގައެވެ. ނިއުކުލިއަރ ހަތިޔާރަކީ އެހާވެސް ނުރައްކާތެރި އެއްޗެކެވެ. އެހާވެސް ބިރުވެރި އެއްޗެކެވެ. އެއީ ފޮންޏަކަށްވެސް ގެންގުޅެން ހެޔޮވާ ޒާތުގެ ހަތިޔާރެއް ނޫނެވެ.