އިޓަލިއަން ލީގުގައި ރޭ އޭސީ މިލާނުން ކުޅުނު މެޗުގައި މޮންޒާ ކައިރިން ބޮޑު މޮޅެއް ހޯދައި، އެއްވަނައިގައި އޮތް ނަޕޯލީއާ ޕޮއިންޓްގެ ގޮތުން ހަމަހަމަ ކޮށްފިއެވެ.

ރޭ ސަން ސީރޯގައި ކުޅުނު މެޗުން މިލާން މޮޅުވީ 4-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. އެންމެފަހުގެ ޗެމްޕިއަން މިލާނުން މިހާތަނަށް ލީގުގައި ކުޅުނު 11 މެޗުން އެޓީމަށް 26 ޕޮއިންޓް ލިބިފައިވާ އިރު، އެއްވަނައިގައި އޮތް ނަޕޯލީއަށް އެ އަދަދަށް ޕޮއިންޓް ލިބިފައި ވަނީ މިލާނަށްވުރެ މެޗެއް މަދުކޮށް ކުޅެގެންނެވެ. އަދި ނަޕޯލީ އެއްވަނައިގައި އޮތީ ފައިދާ ގޯލުގެ ތަފާތުންނެވެ.

ރޭގެ މެޗުގައި އޭސީން ވަނީ ފުރަތަމަ ހާފުގައި ދެ ގޯލުގެ ލީޑެއް ނަގައިފައެވެ. އެދެގޯލުވެސް ޖަހައިދިނީ ރެއާލް މެޑްރިޑުން ލޯނު އެއްބަސްވުމެއްގައި މިލާނަށް ކުޅެމުން އަންނަ ބްރަހީމް ޑިއާޒެެވެ. ޑިއާޒް ފުރަތަމަ ޖެހި ގޯލަކީ ދުރުން ފޮނުވާލި ބޯޅައެއްގައި ޖެހި ގޯލެކެވެ. އޭނާގެ ދެވަނަ ގޯލަށް ފުރުސަތު ފަހިކޮށްދިނީ ޑިވޮކް އޮރިގީއެވެ.

މެޗުގެ ދެވަނަ ހާފުގައި އޮރިގީ މިލާނަށް ޖަހައިދިން ފުރަތަމަ ގޯލާއެކު އެޓީމުން ލީޑުގެ ފަރަގު ބޮޑުކުރި އިރު، މޮންޒާގެ ހަމައެކަނި ގޯލު ޖެހީ ފިލިޕޯ ރޮނާޗިއޯއެވެ. މިލާންގެ ހަތަރު ވަނަ ގޯލު މެޗުގެ ފަހު ކޮޅުގައި ޖަހައިދިނީ ޕޯޗުގަލްގެ ފޯވަޑް ރަފޭލް ލެއާއޯއެވެ.

އޭސީ މިލާންގެ ވާދަވެރި އިންޓަ މިލާން ރަށުން ބޭރުގައި ރޭ ފިއޮރެންޓީނާ ބަލިކުރީ 4-3 ގެ ނަތީޖާއަކުންނެވެ. މެޗުގައި އިންޓަގެ ގޯލުތައް އާޖެންޓީނާގެ ލައުޓާރޯ މާޓިނޭޒާއި ނިކޮލޯ ބަރޭއާ އަދި ހެންރިކް މިކިތާރިއަން ޖަހައިދިން އިރު، ފިއޮރެންޓީނާގެ ގޯލުތައް ޖަހައިދިނީ އަރުތޫރް ކަބަރަލްއާއި ޖޮނަތަން އިކޯނޭ އަދި ލޫކާ ޖޮވިޗެވެ. މެޗުގައި އިންޓަގެ މާޓިނޭޒް ވަނީ ދެ ގޯލު ޖަހައިފައެވެ.

އިންޓަ މިވަގުތު އޮތީ ލީގު ތާވަލުގެ ހަތްވަނައުފައެވެ. އެއީ 11 މެޗުން 21 ޕޮއިންޓާ އެކުގައެވެ.

ރޭގެ މެޗުގައި އޭސީ މިލާނާ ދެކޮޅަށް ކުޅުނު މޮންޒާއަކީ މިހާރު އިޓަލީގެ މޮންޒާ ސްޓޭޓްގެ މަޖިލިސް މެމްބަރު އަދި، ކުރީ އޭސީ މިލާންގެ ރައީސް، އިޓަލީގެ ކުރީގެ ޕްރައިމް މިނިސްޓަރު ސިލްވިއޯ ބަރުލަސްކޯނީގެ ކްލަބެކެވެ.