ނިދަން އޮށޯވެ، ނިދުމުގެ ކުރިން ފޮތެެއް ކިޔާލުމަކީ ގިނަ ފައިދާތަކެއް ކުރާ ކަމެކެވެ. ފޮތް ކިޔުމަކީ ސިކުނޑި ތަނަވަސްވުމުގެ އިތުރަށް ހޭލުންތެރިކަން އިތުރުވާ، މައުލޫމާތު މުއްސަނދިވާ ކަމެކެވެ. ދުވަހުގެ ވަގުތުތަކުގައި ފޮތް ކިޔުމުގައި ހިމެނޭ ފައިދާތަކާ އެއްވަރަށް ނިދުމުގެ ކުރިން އޮށޯވެ، ފޮތް ކިޔުމުންވެސް ފައިދާވެއެވެ.

ޖިސްމާނީ ކަސްރަތުން ހަށިގަނޑު ވަރުގަދަކޮށްދޭ ގޮތާ އެއްގޮތަށް، ފޮތްކިޔުން ފަދަ ކަންތައްތަކުންވެސް ސިކުނޑި ވަރުގަދަ ކޮށް، ތަނަވަސްކޮށްދެއެވެ. ނިދުމުގެ ކުރިން ފޮތެއް ކިޔުމަކީ ސްޓްރެސް ލެވެލް ދަށްކޮށްދޭ، ނިދުމަށް ފަސޭހަވެގެންދާ ކަމެކެވެ. ހަމަ އެހެންމެ އަވަހަށް ނިދިއައިސް ފަސޭހައިން ނިދީގެ ތެރެއަށް މީހާ ގެންދާކަމެކެވެ. އެގޮތަށް އެހާ ފަސޭހައިން ނިދޭ ގޮތް ވަނީ، އެހެންމީހެއްގެ ވާހަކައަށް ސިކުނޑީގެ ސަމާލުކަން ދަމައިގަތުމުގެ ސަބަބުން، އަމިއްލަ އުނދަގޫތަކާއި ހާސްވުންތަކާ ދުރު ވެވި، ހަމަޖެހިލެވޭތީއެވެ.

ޔުނިވަސިޓީ އޮފް ސަސެކްސްގެ ދިރާސާވެރިންގެ 2009 ވަނަ އަހަރު ކުރި ދިރާސާއަކުން ދައްކާ ގޮތުގައި، ނިދުމުގެ ކުރިން މަދުވެގެން ހަ މިނެޓް ފޮތެއް ކިޔުމުން ސްޓްރެސް 68 ޕަސެންޓް ކުޑަވެގެންދެއެވެ މިއީ ނިދުމަށް މިޔުޒިކެއް އަޑުއެހުން ނޫނީ ފިލްމެއް ބަލައިލުންކަހަލަ ކަމެއްކުރުމަށްވުރެ މާބޮޑަށްވެސް ފައިދާ ކުރުވަނިވި ކަމެއް ކަމަށާއި މިގޮތަށް ކޮންމެވެސް ކަހަލަ ފޮތެއް ކިޔާލުމުން ސިކުނޑި ސާފުކޮށް ހަށިގަނޑު ނިދުމަށް ތައްޔާރު ކޮށްދޭ ކަމަށް އެދިރާސާއިން ވަނީ ދައްކާފައެވެ.

ވަރަށް ގިނަފަހަރަށް ކުޑަކުދިން ނިދަން އޮށޯވެ ކޮންމެވެސް ވާހަކައެއް، ނޫނީ ކޮންމެވެސް ކަހަލަ މައުލޫމާތުތަކެއް، ކިޔައިދޭން ބުނެއެވެ. މިއީވެސް ކުދިންގެ ހެދެމުން އަންނަ ސިކުނޑިއަށް އެހެން އިތުރު މައުލޫމާތު ބޭނުންވާ ކަމާއި ނިދަން އެކުދީންނަށް ފަސޭހަކޮށްދީ، ނިދުން އަރާމުކޮށްދޭ ކަމަކަށް ވާތީ އެކުދިން ކުރާ ކަމެކެވެ.

ފޮތް ކިޔުމަކީ ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުންވެސް ސިކުނޑިއަށް ފައިދާ ކުރާ، އެފައިދާތައް މުޅި އުމުރަށްވެސް ދެމިގެންދާނެ ކަމެކެވެ. މިއީ ވަރަށް ކުރީއްސުރެ އެތައް ބަޔަކު ގަބޫލުކުރާ އަދި ޔަގީންކުރެވިފައިވާ ކަމެކެވެ.

އަހަރެމެން ދިވެހީންގެ ތެރެއިން ގިނަ މީހުންނަކީ ދުވަހު މަސައްކަތް ބުރަ ބައެކެވެ. ނިދަންވެސް އޮށޯންނަނީއެއް ނޫނެވެ. ވަރުބަލިވެގެން ގޮސް ދެމެނީ އެވެ. އޮށޯތުމަށްފަހުވެސް ހަޔާތުގެ ބޮޑެތި ފިކުރުތަކާ ދުރަށް ދެވެނީ މަދު މީހަކަށެވެ. އޭގެ ސަބަބުން ސިކުނޑިޔަށް ބަރުވެއެވެ. ނިންޖަށް އުނދަގޫވެއެވެ. އެހެން ކަމުން އޮށޯތުމަށްފަހު މާ ކަންތައްގަނޑު ބޮޑު ނޫން، ލުއި ވައްތަރެއްގެ ފޮތެއް ކިޔާލުމަކީ އެހެން ފިކުރުތަކާ ދުރަށް ގޮސް، އަރާމު ނިންޖެއް ލިބުމަށް ފުރުސަތު ލިބޭނެ ކަމެކެވެ. މިގޮތުން ލިބޭ އަރާމު ނިދި އަނެއް ދުވަހަށް ތިބާ ތައްޔާރު ކޮށްދިނުމަށްވެސް މުހިންމު އެހީއަކަށް ވާނެއެވެ.