ކުރީގައި އޮތް މިނިސްޓްރީ އޮފް ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓުގައި ވަޒީފާ އަދާކުރަމުން ދަނިކޮށް، މާލޭ ސިޓީ ކައުންސިލްގެ އިދާރާއަށް ބަދަލުކުރި މީހުންނަށް ސްޕެޝަލް ޑިއުޓީ އެލަވަންސް ދިނުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ސިވިލް ސާވިސް ކޮމިޝަންގެ މައްޗަށް އަމުރުކޮށްފިއެވެ.

މި މައްސަލައަކީ ހައުސިން މިނިސްޓްރީގެ ދަށުން ހިންގަމުން އައި ލޭންޑް އެންޑް އިންފްރާންސްޓްރަކްޗާ ޑިވިޝަނާއި އާއްމު ހިދުމަތްތަކާބެހޭ ޑިވިޝަންގެ މަސައްކަތްތައް މާލޭ ސިޓި ކައުންސިލަށް ބަދަލު ކުރި އިރު، އެތަނުގައި ވަޒީފާ އަދާކުރަމުންދިޔަ 43 މީހުން 4 ޑިސެމްބަރު 2018ގައި މާލޭ ސިޓީ ކައުންސިލަށް ބަދަލުކުރި ހިސާބުން، ސްޕެޝަލް ޑިއުޓީ އެލަވަންސް ދިނުން ހުއްޓާލާފައިވާތީ ހުށަހެޅި މައްސަލައެކެވެ.

އެ މީހުން ހައުސިން މިނިސްޓްރީގައި ވަޒީފާއަދާ ކުރަމުންދިޔައިރު، ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި މުސާރައިގެ 35 ޕަސެންޓް ދިނެވެ. ނަމަވެސް އެ މީހުންގެ ވަޒީފާ މާލޭ ސިޓީ ކައުންސިލަށް ބަދަލުކުރުމުން ކުރިން ދެމުން އައި ސްޕެޝަލް ޑިއުޓީ އެލަވަންސް ހަމަޖައްސައި ދެވެން ނެތް ކަމަށް ސިިޓީ ކައުންސިލްގެ މެއޯއަކުން އެ މީހުންނަށް އެންގިއެވެ.

އެގޮތުން މި މައްސަލައަކީވެސް އެލަވަންސް އުނިކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށާއި މިނިސްޓްރީގެ ވަޒީފާގައި ތިބި އިރު، ދެމުން އައި ސްޕެޝަލް ޑިއުޓީ އެލަވަންސް ދީފައިނުވާ މުއްދަތަަށް އެއްފަހަރާ އެ ފަރާތްތަަކަށް ދެއްކުމަށް ސިވިލް ސާވިސް ކޮމިޝަންގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި 23 ފެބްރުއަރީ 2022 ގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައެކެވެ.

މި މައްސަލަ ބެލުމަށްފަހު ޓްރައިބިއުނަލުން ނިންމި ނިންމުމުގައި ވަނީ، މިނިސްޓްރީ އޮފް ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓުގައި އެ މީހުން އަދާކުރަމުންދިޔަ މަސްއޫލިއްޔަތުތައް މާލެ ސިޓީ ކައުންސިލްގެ އިދާރާގައި އަދާކޮށްފައިވާ މުއްދަތައް ސްޕެޝަލް ޑިއުޓީ އެލަވަންސް ދޭންޖެހޭނެ ކަމަށެވެ.

އެހެންކަމުން 30 ދުވަހުގެ ތެރޭގައި އެ ފަރާތްތަކަށް ފައިސާ ދިނުމަށްފަހު އެކަން ހަމަޖެހޭތާ ތިން ދުވަހުގެ ތެރޭގައި އެންގުމަށް ސިވިލް ސާވިސް ކޮމިޝަނަށް އަންގައި އަމުރުކުރާކަމަށްވެސް އެ ނިންމުމުގައިވެއެވެ.