ހައިކޯޓުގެ މީޑިއާ އޮފިސަރު ފ. ނިލަންދޫ/ ދޮންވެލިގެ، އަމީން ފައިސަލްއަށް ޗުއްޓީ ނުދިން މައްސަލަ ބެލުމަށްފަހު އެކަމުގައި ކޯޓުގެ ޑިރެކްޓަރު ފާތިމަތު ޖައުޒާ ނުވަތަ އެސިސްޓެންޓް ޑިރެކްޓަރު މުހައްމަދު ނަޖީބުގެ އިހުމާލެއްވާކަން ސާބިތުވާނަމަ އެ މީހުންނަށް ފިޔަވަޅު އެޅުމަށް ވަޒިފާއާބެހޭ ޓްރައިބިއުނަލުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އަމުރުކޮށްފިއެވެ.

މި މައްސަލައަކީ 10 މެއި 2011 އިން ފެށިގެން އަމީން ފައިސަލަށް ހައްގުވާ އަހަރީ ޗުއްޓީ ދިނުމަށް އެކި ފަހަރުމަތިން އެދުނު ނަމަވެސް ޗުއްޓީ ނުދީ އޮއްވައި ޗުއްޓީ ކެންސަލް ވެފައިވަނީ، ޖައުޒާ އާއި ޖީބުގެ އިހުމާލުން ކަމަށް ބުނެ ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދުގައިވާ ގޮތުގެ މަތިން އެ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށާއި އެ ދެ މީހުންގެ ކިބައިން އެކަށީގެންވާ ބަދަލެއް ނަގައިދިނުމަށް އެދި ޖޭއެސްސީއަށް ރައްދުވާ ގޮތަށް ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައެކެވެ.

މި މައްސަލާގައި ޓްރައިބިއުނަލުން ބުނެފައި ވަނީ، އަމީންގެ ޗުއްޓީ ކެންސަލް ވެފައިވަނީ އެ ދެފަރާތުގެ އިހުމާލުން ކަަމަށް ބުރަވެވޭ ކަމަށެވެ. ނަމަވެސް އެ މައްސަލާގައި ފިޔަވަޅު އަޅަން އެދިފައިވާ ފަރާތްތަކަކީ އަމީންގެ ސުޕަވައިޒަރުންނަށްވީ އިރު، މައްސަލައާ ގުޅިގެން ޖަވާބުދާރީވުމުގެ ފުރުސަތު ނުދީ، އެ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް އަމުރުކުރުމަކީ ސުޕަވައިޒަރުންނަށް އޮތް އަދުލުވެރި ގޮތެއް ކަމަށް ގަބޫލުނުކުރެވޭތީއާއި އަމީން އެދިފައިވާ ފަދަ އަމުރެއް ނެރެދީފިނަމަ، ސުޕަވައިޒަރުންނަށް ކަށަވަރު ކޮށްދީފައިވާ އެ ޓްރައިބިއުނަލަށް ޝަކުވާ ހުށަހެޅުމުގެ ހައްގުން އެ ފަރާތްތައް މަހުރޫމް ވެގެންދާނެތީ، އަމީން އެދިފައިވާ ފަދަ ފިޔަވަޅު އެޅުމަށް އަމުރު ކުރެވިދާނެ ހަމައެއް ނެތް ކަމަށެވެ.

ނަމަވެސް އަމީންގެ އަހަރީ ޗުއްޓީ ކެންސަލް ވެފައިވަނީ ހައިކޯޓުގެ އިހުމާލުން ކަމަށް ބުރަވެވޭތީ އެކަމާބެހޭ ގޮތުން އަމީންގެ ފަރާތުން ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަށް ހުށަހަޅާފައިވާ މައްސަލަ ބަލައި، އިހުމާލު ވެފައިވާ ކަމަށް ސާބިތުވެއްޖެނަމަ އެ މުވައްޒަފަކާމެދު އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ޖޭއެސްސީގެ މައްޗަށް އަމުރުކުރާ ކަމަށް ބުނެފައިވެއެވެ.

އެހެންކަމުން ކުރިއަށް އޮތް ދެ މަސްދުވަހުގެ ތެރޭގައި އެކަން ތަންފީޒުކުރުމަށްފަހު، ތިން ދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އެންގުމަށްވެސް އަމުރުގައިވެއެވެ.