ފްރާންސް ލީގުގައި ރޭ ޕީއެސްޖީން ކުޅުނު މެޗުގައި އޭސީ އަޖާސިއޯ ކައިރިން ފަސޭހަ މޮޅެއް ހޯދައިފިއެވެ.
ޕީއެސްޖީން ރޭ ރަށުން ބޭރުގައި ކުޅުނު މެޗު ކާމިޔާބުކުރީ 3-0ގެ ނަތީޖާއަކުންނެވެ. އެ މެޗުން މޮޅުވެ، ފްރާންސް ލީގު ތާވަލުގެ އެއްވަނައިގައި ޕީއެސްޖީ އޮތީ 12 މެޗުން 32 ޕޮއިންޓާ އެކުގައެވެ. ދެވަނައިގައި އޮތް ލޮރިއެންޓަށް 11 މެޗުން ލިބިފައިވަނީ 26 ޕޮއިންޓެވެ. ތިން ވަނައިގައި އޮތް ލެންސަށް 11 މެޗުން ލިބިފައި ވަނީ 24 ޕޮއިންޓެވެ.
ޕީއެސްޖީން ރޭ ކުޅުނު މެޗުގައި ތަފާތު ދެއްކީ ލިއޮނަލް މެސީއާއި ކިލިއަން އެމްބާޕޭއެވެ. މެސީ، އެމްބާޕޭގެ ދެ ގޯލަށް އެސިސްޓް ކޮށްދީފައިވާ އިރު، މެސީ ޖެހި ގޯލަށް އެސިސްޓް ކޮށްދިނީ އެމްބާޕޭއެވެ. މެޗުގެ 24 ވަނަ މިނެޓުގައި ޕީއެސްޖީން ލީޑު ނަގާފައި ވަނީ މެސީ ތިރިތިރިން ދުއްވާލި ޕާހެއްގައި އެމްބާޕޭއެވެ.
މެޗުގައި ގިނަ ހަމަލާތަކެއް އުފައްދަމުން ދިޔަ ޕީއެސްޖީއަށް ފުރަތަމަ ހާފުގައި އިތުރު ފުރުސަތުތައް ލިބި ބޭކާރުވިއެވެ. އެގޮތުން ފަބިއަން ރުއިޒްއާއި އެމްބާޕޭ އަދި މެސީއަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވުނެވެ.
ޕީއެސްޖީން ލީޑުފުޅާކުރީ މެޗުގެ 78 ވަނަ މިނެޓުގައި މެސީ ޖެހި ގޯލުންނެވެ. އެ ގޯލަކީ މެސީގެ ހިތްގައިމު ކުޅުމަކުން ސަޅި ވަންޓޫ ޕާހެއް ޖަހާލައިގެން ޖެހި ގޯލެޖެވެ. މެދު ތެރެއިން ޕާސްތައް ޖަހައި އެމްބާޕޭއަށް ޖައްސާލި ބޯޅައިގައި އޭނާ ދިން ބެކް ހީލް އޭރިއާ ތެރެއިން ހޯދައި، މެސީ ގޯލު ޖެހީ ގޯލްކީޕަރު ކައިރިން ނައްޓާލައިފައެވެ.
އޭގެ އިރުކޮޅެއްފަހުން މެސީގެ ޕާހުން އެމްބާޕޭ ވަނީ އޭނާގެ ދެވަނަ ގޯލު ޖަހައިފައެވެ. މިހާތަނަށް ސީޒަނުގެ ލީގުގައި މެސީ ކުޅުނު 11 މެޗުން އޭނާ ވަނީ ހަ ގޯލު ޖަހައި ނުވަ އެސިސްޓް ފުރިހަމަކޮށްފައެވެ. އަދި އެމްބާޕޭ ވަނީ 11 މެޗުގައި ކުޅެ، 10 ގޯލު ޖަހައި، ދެ ގޯލަށް ފުރުސަތު ފަހިކޮށްދީފައެވެ.
ޕީއެސްޖީ
ޕީއެސްޖީ
ޕީއެސްޖީ
ޕީއެސްޖީ