ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ އައިޓީ އޮފިސަރެއްގެ މަގާމު އަދާކުރަމުންދިޔަ ގއ. މާމެންދޫ/ ޒެނިތު، އަހުޒަމް އާދިލް އެ މަގާމުން ވަކިވީ އެތަނުގެ ރައީސްއާއި ނައިބު ރައީސް އިސްވެ ތިބެ ބިރުދައްކައި، މަސައްކަތްކުރެވޭނެ މާހައުލު ގެއްލުވާލައި މަގާމުގެ މަސައްކަތުން އެކަހެރިކޮށްފާނެތީ ކަމަށް ބުނެ ހުށަހެޅި މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބަލަން ހައިކޯޓުން އަމުރުކޮށްފިއެވެ.

އެ މައްސަލަ ބަލަން ވަޒީފާ ދިން ފަރާތުގެ ހައިސިއްޔަތުން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރައީސްގެ އަރިހުން އެދުނު ކަމަށާއި ނަމަވެސް އެކަމަށް އެއްވެސް އަލިމަގެއް ނުލިބުމުން ވަޒީފާއާބެހޭ ގާނޫނުގެ ދަށުން ވަޒީފާއިން އިސްތިއުފާ ދިނުމަށްފަހު އެ މައްސަލަ ބަލައިދިނުމަށް އެދި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި ކަމަށް ހައިކޯޓަށް ހުށަހެޅި މައްސަލާގައި އަހުޒަމް ބުނެފައިވެއެވެ.

އަހުޒަމް ހުށަހެޅި މައްސަލަ ބެލުމުުގެ އިހުތިސާސް ނެތް ކަމަށް ބުނެ ޓްރައިބިއުނަލުން އެ މައްސަލަ ބޭރުކޮށްލިއެވެ. ސަބަބެއް ކަމަށް ބުނެފައި ވަނީ، ޓްރައިބިއުނަލްގެ މަސްލަހަތު އެ މައްސަލައިގައި ފުށުއަރާތީއެވެ.

އަހުޒަމް ދެން އެ މައްސަލަ ހުށަހެޅީ ސިވިލް ކޯޓަށެވެ. ސިވިލް ކޯޓުންވެސް ބުނީ ގާނޫނުގައިވާ ގޮތުން އެ މައްސަލަ ފުރަތަމަ މަރުހަލާއިން ބަލަން ޖެހޭނީ ޓްރައިބިއުނަލުން ކަމަށްވާތީ އެ މައްސަލަ ބެލުމުގެ އިހުތިސާސް ސިވިލްކޯޓަށްވެސް ނެތް ކަމަށެވެ.

އަހުޒަމްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރި އެ މައްސަލާގައި ދެ ނުކުތާއެއް ފާހަގަކޮށްފައިވެއެވެ.

އޭގެ ތެރޭގައި ވަޒީފާގެ މައްސަލަތައް ފުރަތަމަ މަރުހަލާގައި ބެލުމުގެ އިހުތިސާސް ލިބިދެވެނީ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ކަމަށްވެފައި، ގާނޫނީ އެ އުސޫލުން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މުވައްޒަފުން އިސްތިސްނާވާކަން ގާނޫނެއް އަދި ގަވާއިދެއްގައި ބަޔާންވެފައި ނެތް އިރު، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އަހުޒަމް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ނިންމާފައިވަނީ ވަޒީފާއާބެހޭ ގާނޫނާ ހިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާއާއި އެ މައްސަލަ ބަލައިދިނުމަށް އެދި ސިވިލް ކޯޓަށް ހުށަހެޅުމުން އެ މައްސަލަ ބެލުމުގެ އިހުތިތާސް އޮތީ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ކަމަށް ނިންމި ނިންމުން ހިމެނެއެވެ.

އަހުޒަމް ބުނެފައި ވަނީ އެ މައްސަލަ ބަލައިނުގަތުމަށް ސިވިލްކޯޓުން ނިންމީ ވަޒީފާއާބެހޭ ގާނޫނާއި އަދުލުއިންސާފުގެ ރޫހާ ހިލާފަށް ކަމަށާއި އެ މައްސަލަ ޓްރައިބިއުނަލުން ބަލައިނުގަންނަން ނިންމީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ހިލާފަށް ކަމަށެވެ.

މި މައްސަލާގައި މިދިޔަ ބުރާސްފަތި ދުވަހު ހައިކޯޓުން ކުރި ހުކުމުގައި ވަނީ އެ މައްސަލައާ ބެހޭ ގޮތުން ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމި ނިންމުމަކީ ބާތިލު ނިންމުމެއް ކަމަށް ކަނޑައަޅައި އަހުޒަމްގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލަ ބެލުމަށް ޓްރައިބިއުނަލަށް އަންގާ ކަމަށެވެ.