ހދ. އަތޮޅުގައި ރިސޯޓެއް ނެތުމަކީ އެއަތޮޅު ކައުންސިލުންނާއި އެއަތޮޅު ރައްޔިތުން އަބަދުވެސް ޝަކުވާ ކުރާ ކަމެކެވެ. އެ އަތޮޅަށް ވަޑައިގަންނަވާ ސަރުކާރުގެ އިސް ބޭފުޅުންގެ އަރިހުން ރިސޯޓެއް ތަރައްގީކޮށް ދިނުމަށް ކައުންސިލުންނާއި ރައްޔިތުން އަބަދު ވެސް އެދެއެވެ. ނަމަވެސް އެކަމަކީ އަދިވެސް "ހުވަފެނެ"އްގެ ގޮތުގައި އޮތް ކަމެކެވެ.
ހދ. ގައި ރިސޯޓެއް ތަރައްގީކުރުމަށް މި ސަރުކާރުން ވެސް ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ތިން ރަށެއް ވަނީ ރިސޯޓު ހަދަން ދޫކޮށްފައެވެ. ނަމަވެސް އެ ރަށްތަކުގައި މިހާތަނަށް ރިސޯޓު ހެދުމުގެ މަސައްކަތް ފެށިފައެއް ނުވެއެވެ. އެ ރަށްތަކުގައި ރިސޯޓްތައް ހެދުމުގެ މަސައްކަތް ނުފެށި ލަސްވުމަކީ ސަރުކާރުގެ ވެސް ކަންބޮޑުވުމެކެވެ.
އެޝަކުވާތައް އެގޮތުގައި ހުއްޓައި، ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް މިއަދު ނެއްލައިދުއަށް ވަޑައިގެންނެވުމުން އެރަށުން ކީ ވަރަށްވެސް ތަފާތު، ހަނދާނުން ނުފިލާ ވަރުގެ މަރުހަބާއެކެވެ. އެރަށުން ކީ މަރުހަބާއަކީ މީގެ ކުރިން އެއްވެސް މިނިސްޓަރަކަށް ކިޔާފައިނުވާ މަރުހަބާއެކެވެ.
ޑރ. މައުސޫމް އެރަށަށް ވަޑައިގެންނެވުމުން މިނިސްޓަރު ގެންދިޔައީ ވުޖޫދުގައި ނެތް ހިޔާލީ ރިސޯޓަކަށެވެ. މައުސޫމް ރަށަށް ފައިބާވަޑައިގެންނެވި އިރު، ހުރީ ރިސޯޓެއްގެ ރިސެޕްޝަނެއް ބަހައްޓައިފައެވެ. މޭޒެއްގައި "ނާގޯށި ރިސެޕްޝަން" ޖަހާފައިވާއިރު، މޭޒު ކައިރީގައި ސަގާފީ ހެދުމެއްގައި ރިސެޕްޝަނިސްޓެއް ހުއްޓެވެ، އެ ރިސޯޓަކީ ސަރުކާރުން ހދ. އަތޮޅުގައި ތަރައްގީކުރާނެ ކަމަށް ބުނެފައިވާ ނާގޮށި ރިސޯޓު ކަމަށް ރިސެޕްޝަންގައި ޖަހާފައިވެއެވެ.
އޭގެ އިތުރުންވެސް ނެއްލައިދޫގެ ބަނދަރުމަތީގައި ވަނީ ރިސޯޓުތަކުން ދޭ ހިދުމަތްތަކުގެ ސްޓޯލްތައް ވެސް ހަދައިފައެވެ. އެގޮތުން ވޯޓާ ސްޕޯޓްސް ހަރަކާތްތަކުގެ ސްޓޯލަކާއި ޑައިވިން، ސްނޯކްލިން އަދި ސަންބާތިން ގޮޑި ބަހައްޓާފައި ހުއްޓެވެ. މީގެ އިތުރުން ރިސޯޓު ނައިޓް ފެރީ އާއި ސްޕާތައް ތައްޔާރުކޮށްފައިވާ އިރު، ބާތްޓަބަކަށް ފިނިފެންމާ އަޅައި "ރިސޯޓުގެ ފާހަނާ" ޖަހާފައިވާ ނަންބޯޑެއްވެސް ހަރުކޮށްފައި ހުއްޓެވެ.
މީގެ އިތުރުން އެކިއެކި ޝުއޫރުތައް ލިޔެފައިވާ ބެނާތައް އެރަށުގެ ބަނދަރު ސަރަހައްދުގައި ހަރުކޮށްފައި ހުއްޓެވެ. އެގޮތުން "ޓޫރިޒަމަށް 50 އަހަރު. ހދ. އަށް އަންނަ އަހަރު. މީ ހދ.ގެ ހައްގު މިނަވަރުތޯ؟" ބެނާއެއްގައި ލިޔެފައިވެއެވެ.
ސަރުކާރުން އެރަށަށް އިހުމާލުވަމުންދާ ކަމަށް ބުނެ ނެއްލައިދޫ ބައެއް ރައްޔިތުން ކުރި އިހުތިޖާޖުގައި ނެއްލައިދޫ ކައުންސިލުން ވެސް ވަނީ ބައިވެރިވެފައެވެ. އެގޮތުން އެއަތޮޅުގައި ރިސޯޓެއް ނެތުމުގެ ސަބަބުން ފާޑުކިޔައި ހަރުކޮށްފައިވާ ބެނާތައް ކައިރީގައި ކައުންސިލްގެ މެމްބަރުން ތިއްބެވެ. ކައުސިލް މެމްބަރުން ޑރ. މައުސޫމްއާ އެކު ފޮޓޯ ނަގާފައިވަނީ ވެސް އެ ބެނާތައް ކުރިމަތީގައި ތިއްބެގެންނެވެ.
ނެއްލައިދޫގައި މިރޭ ތަފާތުގޮތަކަށް ޑރ. މައުސޫމަށް މަރުހަބާ ކިޔާފައިވީ އިހުތިޖާޖު ކުރިއަށް ގެންގޮސްފައިވަނީ ވަރަށްވެސް ސުލްހަވެރިކޮށް، އަޑުގަދަ ކުރުމެއް ނެތިއެވެ. ޑރ. މައުސޫމްވެސް ވަނީ އިހުތިޖާޖުގެ ބައިވެރިންނާ ބައްދަލުކުރައްވަ، އިހުތިޖާޖުގެ ކުރުމުގެ ގޮތުން ތައްޔާރުކޮށްފައިވާ ތަންތަނަށް ވަޑައިގެން އެރަށު ރައްޔިތުންނާ އެކު ފޮޓޯ ނަންގަވައިފައެވެ.
ލުއި ރިޕޯޓް
ލުއި ރިޕޯޓް
ލުއި ރިޕޯޓް
ލުއި ރިޕޯޓް