ފްރާންސް ގައުމީ ޓީމުގެ އިތުރުން ބަޔާން މިއުނިކްގެ ފުޓުބޯޅަ ލެޖެންޑް، ފްރޭންކް ރިބަރީ ފުޓުބޯޅަ ކުޅުން ހުއްޓާލައި، ރިޓަޔާމަންޓް އިއުލާންކޮށްފިއެވެ.

އުމުރުން 39 އަހަރުގެ ރިބަރީ ފުޓުބޯޅަ ހުއްޓާލިކަން އިއުލާންކުރީ މިއަދު ކުރި ޓުވީޓެއްގައެވެ. ރިބަރީ ބުނެފައިވަނީ "ބޯޅަ ހުއްޓިއްޖެ، ބޯޅައަށް އޮތް ލޯބި ނުހުއްޓޭނެ. ފުޓުބޯޅައިގެ ދަތުރުގައި ހިއްސާވި ހުރިހާ އެންމެންނަށް ޝުކުރިއްޔާ،" މިހެންނެވެ.

ރިބަރީ އެންމެފަހުން ކުޅެފައިވަނީ އިޓަލީގެ ސެރެއާ އޭ ކްލަބެއް ކަމަށްވާ ސަލާނިޓާނާއަށެވެ. އެ ކްލަބާއެކު ރިބަރީ ކުޅެމުން ދަނިކޮށް ކަކުލުގެ އަނިޔާއެއް ކުރިމަތިވެފައިވާ އިރު، ފުޓުބޯޅަ ހުއްޓާލީ އެއްބަސްވުން އުވާލުމަށްފަހުއެވެ. ފްރާންސްގެ މާސޭއިން 2007 ވަނަ އަހަރު ރިބަރީ ބަޔާން މިއުނިކާ ގުޅުނީ 17 މިލިއަން ޕައުންޑްގެ ޓްރާންސްފާއެއްގައެވެ.

ބަޔާންގައި ރިބަރީ ވަނީ 12 ސީޒަނެއް ހޭދަކޮށްފައެވެ. އޭގެ ތެރެއިން ނުވަ ސީޒަނެއްގައި އެ ކްލަބާއެކު ލީގު ކާމިޔާބުކުރި ރިބަރީ ވަނީ ކްލަބަށް ކުޅުނު 425 މެޗުން 124 ގޯލު ޖަހައި، 182 އެސިސްޓްވެސް ހަދައިފައެވެ. ރިބަރީ އަކީ ބަޔާންއިން 2013 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާވެސް މެއެވެ.

ފްރާންސްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ތިންފަހަރު ހޯދި ރިބަރީ ގައުމީ ޓީމަށް ކުޅުނު 81 މެޗުގައި 16 ގޯލު ޖަހައި 25 އެސިސްޓް ފުރިހަމަ ކޮށްފައިވެއެވެ. އޭނާއަކީ 2006 ވަނަ އަހަރު ވޯލްޑް ކަޕް ފައިނަލް ކުޅުނު ފްރާންސް ޓީމުގެ ކުޅުންތެރިއެކެވެ. ރިބަރީ ގައުމީ ޓީމުން ރިޓަޔާވިކަން އިއުލާންކުރީ އަނިޔާގެ ސަބަބުން 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ގެއްލުނު ހިސާބުންނެވެ.