ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ދިވެހީންނާއި ދިވެހިރާއްޖެއަށް އެންމެ ގިނަ ދުއްތުރާތައް ފޯރީ ޖަޕާނު މީހުންގެ ފަރާތުންނެވެ. އައްޑޫ ހިތަދޫ އެޅެދީދީގެ އަލިދީދީގެ ޔާހުންބަރާހޭ ކިޔުނު އޮޑިއާއި ހުވަދޫ ދާންދޫ މުދިންތައްޚާނުގެ އޮޑި ފައްތާލައި ހަތްދިހަ ވަރަކަށް މީހުން މަރައިލިއެވެ. އަދިވެސް މިފަދަ ކިތަންމެ ހާދިސާއެކެވެ. ހަނގުރާމަ ނިމުމަށްފަހު ޖަޕާނުގެ ޖަރީމާތައް ހޯދައި ބަލައި، ބަދަލު ނަގައިދިނުމެއް އޮތެވެ. ރާއްޖޭގެ ފަރާތުން ދައުވާކުރީ އިނގިރޭސީންނެވެ. ބަދަލުވެސް ލިބުނު ކަމަށް ބުނެވެއެވެ. އެކަމަކު މަރުވި މީހުންގެ ވާރިސުންނާ ހަމަޔަށް މި ބަދަލެއް ނާދެއެވެ. ތިރީގައި މި ބަޔާންކުރަނީ ވާރިސުންގެ ތެރެއިން ބޭފުޅަކު މިކަމުގެ ހަގީގަތް ހޯއްދެވުމަށް ކުރެއްވި މަސައްކަތާއި ލިބިވަޑައިގެންނެވި ޖަވާބުތަކެވެ. ކުރިއަށް ވަޑައިގަންނަވާށެވެ.
ޔާހުންބަރާހުގެ ހާދިސާއަކީ ތެދު ހަގީގީ ހާދިސާއެއްކަން އެނގޭގޮތަށް، ދިވެހި މުއައަރިޚުންގެ ތެރެއިން މުހައްމަދު އިބްރާހިމް ލުތުފީއާއި ބޮޑުފެންވަޅުގޭ މުހައްމަދު މުސްތަފައާ އާއި މިހެންގޮސް ހަތަރުފަސް ބޭފުޅެއްގެ ބަޔާންތައް ހޯއްދަވައި، ސޮއިވެސް ހޯއްދަވައި، މި ބަޔާންތައް އިނގިރޭސިބަހަށް ތަރުޖަމާ ކުރައްވައި، ސިލޯނުގެ މަޝްހޫރު ގާނޫނީވަކީލެއް ކަމަށްވާ މިސްޓަރ ޕެރޭރާ މެދުވެރިކޮށް ބަދަލު ހޯދުމުގެ ގޮތުން ކޮޅުނބުގައި ހުންނަވާ ޖަޕާނުގެ ސަފީރަށް އަށްޑިހައިގެ އަހަރުތަކުގެ ތެރޭގައި ހުށައެޅުނެވެ. މިކަމުގައި އިސްކޮށް ހުންނެވީ އައްޑޫ ހިތަދޫ ފިނިފެންމާގޭ އަހުމަދު މުހައްމަދެވެ. އޭނާގެ ބައްޕަ ފިނިފެންމާގޭ މުހައްމަދުދީދީ މަރައިލުމާއި އޭނާގެ މުދަލާއި ފައިސާވެސް ކަނޑު ފެއްތުމާއި އޮޑިވެސް ފެއްތުމާއި، މިކަންކަމުން އެއާއިލާއަށް ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުން ޖަޕާނުގެ ކިބައިން އޭނާ އެދިވަޑައިގަތީ 8 ލައްކަ އެމެރިކާ ޑޮލަރެވެ.
މިސްޓަރ ޕެރޭރާ ފޮނުއްވި ސިޓީއާއި ލިޔުންތަކަށް ޖަޕާނުގެ ސަފީރު ޖަވާބެއް ނުދެއްވިއެވެ. ތިންހަތަރު މަހެއް ފާއިތުވެގެން ދިޔަފަހުން މިވާހަކަ ސިއްކަގޭ ހުސައިން މަނިކުފާނުގެ އަރިހުގައި އަހުމަދު މުހައްމަދު ވިދާޅުވެގެން ޖަޕާނުގެ ސަފީރަށް ހުސައިން މަނިކުފާނު އަނެއްކާވެސް ވަކި ސިޓީއެއް ފޮނުއްވައިފިއެވެ. އޭރު ހުސައިން މަނިކުފާނަކީ ދިވެހިރާއްޖޭގެ މިނިސްޓަރ އޮފް ސްޓޭޓް ފޯރ ކަސްޓަމްސްްއެވެ. ސިޓީ ލިޔުއްވީ މަގާމުގެ ރަސްމީ ލެޓަރހެޑުގައެވެ. ބަޔާން ކުރެއްވިއެވެ. ތިމަންނާގެ ކޮއްކޮ އަހުމަދު މުހައްމަދުގެ މަސްލަހަތު ތަމްސީލު ކުރައްވާ ގާނޫނީވަކީލު މިސްޓަރ ޕެރޭރާ، ތިޔަ އެމްބަސީއަށް ހުށައެޅުއްވި މައްސަލަޔާމެދު ޖަވާބެއް ނުދެއްވުމުގެ ސިއްރަކީ ކޮބައިތޯއެވެ. ހުސައިން މަނިކުފާނުގެ ސިޓީއަށް ގިނަދުވަސްތަކެއް ނުވެ ޖަޕާނު ސަފީރުގެ ޖަވާބު މިސްޓަރ ޕެރޭރާއަށް ލިބިވަޑައިގަތެވެ.
ޖަޕާނުގެ ސަފީރު ދެއްވި ޖަވާބުގައިވެއެވެ. ހުށައެޅުއްވި މައްސަލައާ ގުޅޭގޮތުން ދަންނަވަމެވެ. ޖަޕާނުން ވަނީ ސެންފްރެންސިސްކޯ ޕީސް އެންޑް ރިކޮންސިލިއޭޝަނާބެހޭ އެއްބަސްވުމުގައި ޖަޕާނުގެ މައްޗަށް ލާޒިމުކުރާ އެންމެހައި ކަންކަން ފުރިހަމަކޮށްފައެވެ. ދިވެހިރާއްޖެއަކީ އެދުވަސްވަރު އިނގިރޭސީންގެ ހިމާޔަތުގެ ދަށުގައި އޮތް ގައުމަކަށްވާތީ ދިވެހީންނަށް ދޭންޖެހޭ ބަދަލެއް އޮތިއްޔާ އިސްވެ ދެންނެވުނު އެއްބަސްވުމުގައި ލާޒިމުކުރާ ކަންކަން އިނގިރޭސިވިލާތް މެދުވެރިކޮށް ޖަޕާން އޮތީ ފުރިހަމަކޮށްފައެވެ. އެހެންވެ މިވާހަކަ ދެންނެވީމެވެ. މި ޖަވާބު ލިބިވަޑައިގަތީމާ އަހުމަދު މުހައްމަދު އަނެއްކާވެސް މިސްޓަރ ޕެރޭރާ މެދުވެރިކުރައްވައި ކޮޅުނބުގައި ހުންނެވި އިނގިރޭސި ހައިކޮމިޝަނަރަށް ސިޓީއެއް ފޮނުއްވިއެވެ.
މި ސިޓީގައި ލިޔުއްވިއެވެ. ޔާހުންބަރާސް އޮޑީގެ މައްސަލައިގައި ޖަޕާނުގެ ސަފީރު ދެއްވި ޖަވާބު މިއޮތީއެވެ. އެހެންވީމާ މިކަމުގައި އިނގިރޭސި ދައުލަތުން ވިދާޅުވާ އެއްޗެއް ދެނެގަތުމުގެ ޝައުގުވެރިކަމުގައި އެބަހުރީމެވެ. ދެން ކުރިއަށްދާންވީ ގޮތުގެ ލަފާފުޅެއް އޮތިއްޔާ އެ ލަފާފުޅެއްގެ އިންތިޒާރުގައި ހުރީމެވެ. އިނގިރޭސި ސަފީރުގެ ޖަވާބު ނިކަން އަވަހެވެ. ލިޔުއްވާފައިވެއެވެ. ޖަޕާނު ސިފައިންގެ އަމަލުތަކުން މަރުވި މީހުންގެ އަދަދު ގިނަގުނައެވެ. އިނގިރޭސީންނާއި ދިވެހީންވެސް ހިމެނޭގޮތުންނެވެ. ދިވެހީންގެ މުދަލާއި ފުރާނަޔަށް ލިބުނު ގެއްލުންތައް ޖުމްލަކޮށްފައި ދިވެހިރާއްޖެއަށް ލިބެންޖެހޭ ބަދަލެއް އޮތިއްޔާ ދިވެހި ސަރުކާރާއި އިނގިރޭސި ސަރުކާރުން މުއާމަލާތުކޮށް އެކަންކަން ވާނީ ޚަލާސްކޮށްފައެވެ. މިކަމުގައި ތިޔަ ފަރާތުން ދެން ވާހަކަ ދައްކަވަން ޖެހޭ ފަރާތަކީ ދިވެހި ސަރުކާރު ކަމުގައި ދެކެމެވެ.
ޖަޕާނުގެ ސަފީރާއި އިނގިރޭސި ސަފީރުގެ ޖަވާބުން އެއްކަމެއް ވަރަށް ސާފެވެ. ދިވެހި ސަރުކާރާއެކު މި މައްސަލައިގައި މުއާމަލާތު ކުރެވިފައިވާ ކަމެވެ. މިހިސާބުން އުފެދޭ ސުވާލަކީ ވާރިސުންނަށް ރޭކާނުލީ ކީއްވެގެންބާވައެވެ. ދިވެހި ސަރުކާރު ހިންގަވަން އޭރު ހުންނެވި އަތިރީގޭ މުހައްމަދު އަމީނު މިކަމުގައި އަދާކުރެއްވި ދައުރަކީ ކޮބައިތޯއެވެ. މި ސުވާލަށް ޖަވާބު ލިބެނީ ޔާހުންބަރާސް އޮޑީގެ ކައްޕިތާނު ހިތަދޫ އައްބެއްޔާގެ އިބްރާހިމްދީދީގެ ސިޓީއަކުންނެވެ. ޔާހުންބަރާސް އޮޑީގެ ހާދިސާއަށް ތިރީހަކަށް އަހަރު ފަހުން މާލޭގައި ހުންނެވި ފިނިފެންމާގޭ އަހުމަދު މުހައްމަދަށް ފޮނުއްވި ތިން ހަތަރު ސަފުހާގެ ސިޓީގައި އިބްރާހިމްދީދީ ލިޔުއްވިއެވެ. ސިންގަޕޫރު ޖަލުން މިނިވަންކޮށްފައި އިނގިރޭސިން ދިން ލިޔުން ހިފައިގެން މާލެ ހިނގައްޖައީމެވެ. އުޅެއުޅެ އަމީނާ ބައްދަލެއް ނުކުރެވުނެވެ. ދާޚިލިއްޔާއިން ބައްދަލު ކުރެވުނީ ކުއްޅަވައް އަލިދީދީއާއެވެ. ދެއްވީ އިންޒާރެކެވެ. ވިދާޅުވިއެވެ. ޔާހުންބަރާހޭ ނުކިޔާށެވެ. އިނގިރޭސިން ދިން ލިޔުމުގެ ވާހަކަވެސް ނުދައްކާށެވެ. ދައްކައިފިނަމަ ކުށްވެރިވާނޭކަން ދަންނާށެވެ. ދެން މިތަނުން ދާން އުޅޭށެވެ.
ދިވެހިރާއްޖޭގެ ތާރީޚު
ދިވެހިރާއްޖޭގެ ތާރީޚު
ދިވެހިރާއްޖޭގެ ތާރީޚު
ދިވެހިރާއްޖޭގެ ތާރީޚު