ޚަބަރު

އަންހެނެއްގެ ގައިގައި ސައިކަލަކުން ޖެއްސި މީހަކު 70،000 ރުފިޔާއިން ޖޫރިމަނާކޮށްފި

އަލީ ޔާމިން

1

ގދ. ތިނަދޫގައި 2017 ވަނަ އަހަރު ހިނގި އެކްސިޑެންޓެއްގައި އަންހެނެއްގެ ގައިގައި ސައިކަލަކުން ޖެހި އެ މީހާއަށް އަނިޔާވި މައްސަލައިގައި، ސައިކަލު ދުއްވަން އިން މީހާ 74،400 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

މިއީ، 31 މާޗު 2017 ވަނަ ދުވަހު 18:30 އެހާކަންހާއިރު، އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތި، ޖުޕިޓާ ބްރޭންޑްގެ ސައިކަލެއްގައި ގދ. ތިނަދޫ މިސްކިތްމަގުން އިރުން ހުޅަނގަށް، އެރަށު، ހިޔަލީގުލްޝަން، ނަސްރުﷲ ސަލީމް ދުއްވާފައި ދަނިކޮށް، އެރަށު، ސްވީޓްޑްރީމްގެ، މާހާ އަލީ ހާޝިމްގެ ގައިގައި ޖެހި އޭނާއަށް ބޮޑެތި ޖިސްމާނީ އަނިޔާތަކެއް ލިބިފައިވާތީ ދައުލަތުން ކުރި އަނިޔާއެއް ދިނުމުގެ ދައުވާއެވެ.

މި ދައުވާގެ އިބްތިދާއީ މަރުހަލާގައި ނަސްރުﷲ ވަނީ ކުށަށް އިއުތިރާފުވެފައެވެ. އެގޮތުން ނަސްރުﷲ ބުނެފައިވަނީ، މާހާގެ ގައިގައި ސައިކަލުން ޖެހުނީ ކާރެއް އޯވަޓޭކް ކުރަން އުޅުމުގެ ތެރޭގައި ކަމަށާއި އެކަމަކީ ގަސްދުގައި ކުރި ކަމެއް ނޫން ކަމަށެވެ.

ދައުވާއަށް ނަސްރުﷲ އިއުތިރާފުވުމުން، މައްސަލަ ކުރިއަށް ގެންދިޔައީ އަވަސް ނިޔާގެ ޝަރީއަތެއްގެ ގޮތުގައެވެ. އަވަސް ނިޔާގެ އަޑުއެހުމުގައިވެސް އޭނާ ވަނީ އިއުތިރާފު ދަމަހައްޓައިފައެވެ.

މި މައްސަލައިގައި އަދަބާ ގުޅޭ ގޮތުން ވާހަކަ ދެއްކުމުގެ އަޑުއެހުމުގައި ނަސްރުﷲ ވަނީ އޭނާއަކީ ވަޒިފާ އަދާކުރާ މީހެއް ކަމަށާއި ޖަލަށް ލައިފިނަމަ ވަޒީފާ ގެއްލޭނެތީ ޖަލު އަދަބު، ޖޫރިމަނާގެ އަދަބަކަށް ބަދަލުކޮށްދޭން އެދިފައެވެ. އަދި ޖޫރިމަނާ ފައިސާ ދެއްކޭނެ ކަމުގެ ޔަގީންކަން އޭނާ ދީފައިވެއެވެ.

އެ މައްސަލަ ބެއްލެވި ގާޒީ އަލީ ނަދީމް ހުކުމް ކުރެއްވީ، ނަސްރުﷲ އެއް އަހަރާ 12 ދުވަހަށް ޖަލަށް ލުމަށެވެ. ނަމަވެސް ނަސްރުﷲއަކީ ކުށުގެ ވެށީގައި އުޅޭ މީހަކަށް ނުވެފައި އޭނާ ކުށަށް އިއުތިރާފުވުމާއި އެކުށް ކުރުމުގެ ގަސްދު އޭނާގެ ނެތުމުން އޭނާއަށް އިއްވި ޖަލު ހުކުމް ގާޒީ ވަނީ 74،400 ރުފިޔާގެ ޖޫރިމަނާގެ ހުކުމަކަށް ބަދަލުކޮށް، އެ ފައިސާ 18 މަސް ދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށް އަންގަވައިފައެވެ.