ޚަބަރު

ޒަޔާންގެ މަރު: ކުށަށް އިއުތިރާފުވި ދެ ކުދިންނަށް ކުރި ދައުވާ އަނބުރާ ގެންދަނީ

މިދިޔަ ޖޫން މަހުގެ ތެރޭގައި އައްޑޫ ސިޓީ ފޭދޫގައި ތޫނު އެއްޗަކުން ހަމަލާދީ ސ. ފޭދޫ/ ސޮލިޑް، މުހައްމަދު ޒަޔާން މޫސާ، 21އ. މަރާލި މައްސަލާގައި ހައްޔަރުކުރި ހަތަރު ކުޑަކުދިންގެ ތެރެއިން ކުށަށް އިއުތިރާފުވި ދެ ކުދިން ގޭ ބަންދަށް ބަދަލުކޮށްފިއެވެ.

ޒަޔާންގެ މަރުގެ މައްސަލާގައި 11 މީހަކު ހައްޔަރުކުރި އިރު، އޭގެ ތެރޭގައި 15 އަހަރުގެ ދެ ކުދިންނާއި 16 އަހަރުގެ ކުއްޖަކާއި 17 އަހަރުގެ ކުއްޖެއް ހިމެނެއެވެ.

އެ ހަތަރު ކުދިންގެ ތެރެއިން އެއް ކުއްޖެއްގެ މައްޗަށް ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ފަސް ވަނަ މާއްދާގެ (ހ)ގެ ދަށުން ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ކޮށްފައިވާއިރު، އަނެއް ތިން ކުދިންގެ މައްޗަށް ހަމަ އެ މާއްދާގެ ދަށުން ކޮށްފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ކުށުގެ ދައުވާއެވެ. އެ ކުދިންގެ މައްސަލަ ބަލަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ ފަރާތުން ޖުވެނައިލް ކޯޓަށް ހުށަހެޅީ މިމަހުގެ ހަ ވަނަ ދުވަހުއެވެ.

ޕީޖީން ބުނި ގޮތުގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ކުށުގެ ދައުވާ ލިބޭ ތިން ކުދިންގެ ތެރެއިން ދެ ކުދިން ކުށަށް އިއުތިރާފުވެ، ޑައިވާޝަން ފުރުސަތަށް އެދިފައިވާތީ ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން ޑައިވާޝަން އެގްރީމެންޓް ހަދާފައިވާ ކަމަށެވެ.

ޑައިވާޝަނަކީ ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން، ގާނޫނާ ހިލާފުވާ ކުދިންނަށް ޝަރުއީ ނިޒާމުގެ ބޭރުން ފުރުސަތު ހޯދައިދިނުމަށް ދެވޭ ފުރުސަތެކެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި، ކުށަށް އިއުތިރާފުވެފައި ވަނީ 15 އަހަރުގެ ކުއްޖަކާއި 16 އަހަރުގެ ކުއްޖެކެވެ. އެ ކުދިންނާމެދު ދައުލަތުން ހެދި ޑައިވާޝަން އެގްރީމަންޓުގައި އެ މައްސަލަ ހިނގާދިޔަ ގޮތް ކިޔައިދިނުމަށާއި އެ މައްސަލާގައި ދެން ހައްޔަރުކޮށްފައިވާ މީހުންނާ ދެކޮޅަށް ކޯޓުގައި ހެކިބަސް ދިނުން ހިމެނެއެެވެ.

ޑައިވާޝަން އެގްރީމަންޓަށްފަހު، އެ ކުދިން މިހާރު ތިބީ ގޭ ބަންދުގައެވެ. އެކަން ކަށަވަރުކޮށްދެމުން ޕީޖީ އޮފީހުގެ މީޑިއާ އޮފިސަރު އަހުމަދު ޝަފީއު "ވަން" އަށް މިއަދު ވިދާޅުވީ، ޑައިވާޝަންގެ ބޭނުމަށްޓަކައި އެކުދިން ރައްކާތެރި މާހައުލަކަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި އެ ކުދިންނަށް ކުރި ދައުވާ ޕީޖީން އަނބުރާ ގެންދާނެ ކަމަށާއި ނަމަވެސް ޑައިވާޝަން އެގްރިމެންޓާ ހިލާފުވެއްޖެނަމަ އަލުން ދައުވާ ކުރާނެ ކަމަށް ވިދާޅުވިއެވެ.

ޒަޔާންގެ މަރުގެ މައްސަލާގައި ހައްޔަރުކޮށްފައިވާ ބޮޑެތި މީހުންނަށް އަންނަ ހަފުތާގައި ދައުވާކުރަން ފޮނުވާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ޒަޔާން މަރުވީ، މިދިޔަ ޖޫން މަހުގެ ދެ ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި އޭނާއަށް ތޫނު އެއްޗަކުން ދިން ހަމަލާތަކަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ޖެހިގެން އައި ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. އޭނާގެ ހަށިގަނޑުގެ އެކި ތަންތަނަށް ތޫނު އެއްޗަކުން ހަމަލާ ދީފައިވެއެވެ. އެ ހަމަލާ ދިނުމުގައްޔާއި ހެކި ނައްތާލުމުގައި ހަރަކާތްތެރިވީ ހަ މީހެއް ކަމަށާއި އޭގެ ތެރޭގައި ހަތަރު ކުޑަކުދިންގެ އިތުރުން 19 އަހަރުގެ ދެ ޒުވާނުން ހިމެނޭ ކަމަށް ފުލުހުން ބުނެއެވެ.