މީގެ ކުރީ ސަރުކާރުގައި ވަކި ބަޔަކު ފޮނުވާ ލިސްޓަކަށް ފުލެޓް ދިން ނަމަވެސް، މި ސަރުކާރުން ހިންގާ ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމުގެ ދަށުން ގޯއްޗާއި ފްލެޓް ދޭނީ އުސޫލާ އެއްގޮތަށް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން ވިދާޅުވީ ގޯއްޗާއި ފްލެޓަށް އެދި ހުށަހަޅާފައިވާ ފޯމުތަކުގެ އިވެލުއޭޝަން މަރުހަލާ މިހާރު ކުރިއަށްދާ ކަމަށެވެ.

"މިފަހަރު ހަމަ ޔަގީނުންވެސް ވަކި މީހަކު ނޫނީ ބަޔަކު ފޮނުވާ ލިސްޓަކަށް ގޯއްޗާއި ފުލެޓެއް ނުދޭނެ. ފުލެޓާއި ގޯތި ދޫކުރުމުގެ މަސައްކަތް ދާނީ އުސޫލާ އެއްގޮތަށް ހުރިހާ ކަމެއްވެސް ދާނީ. އުސޫލުން ބޭރުން އެއްވެސް ކަމެއް ކުރިއަށް ނުދާނެ،" އޭނާ ވިދާޅުވިއެވެ.

މިއުވާން ވިދާޅުވީ ޓައިމްލައިނާއި އެއްގޮތަށް ފުލެޓްތަކުގެ މަސައްކަތް ނިމި ރައްޔިތުންނަށް އެތަނަށް ވަދެވޭވަރުވާނެ ކަމަށާއި ބޭނުންވާ ހުރިހާ ކަމެއް އެތަންތަނުގައި ފުރިހަމަވެފައި ހުންނާނެ ކަމަށެވެ.

މާލޭގެ ރައްޔިތުންނަށް 5000 ގޯއްޗާއި 4000 ފުލެޓް ދޭން ސަރުކާރުން ނިންމައި ހުޅުވާލި ފުރުސަތުގައި ގޯއްޗަށް އެދި 15،164 މީހުން ކުރިމަތިލާފައިވާއިރު ތިން ކޮޓަރީގެ އެޕާޓްމަންޓަށް 14،489 މީހުން އަދި ދެ ކޮޓަރީގެ އެޕާޓްމަންޓަށް 6،208 މީހުން ކުރިމަތިލާފައިވެއެވެ.

ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން މީގެ ކުރިން "ވަން" އަށް ވިދާޅުވީ ފޯމުތައް އިވަލުއޭޓު ކުރުމުގެ މަސައްކަތް ތިން މަސްދުވަހުގެ ތެރޭގައި ނިންމާލާނެ ކަމަށެވެ. އަދި ފޯމުތަކުގައި ހުރީ ސައްހަ މައުލޫމާތުކަން ކަށަވަރުކުރަން ގެތަކަށް ގޮސްގެންވެސް ބަލާނެ ކަމަށާއި ނަމަވެސް އެގޮތަށް އަމަލުކުރާނީ ޝައްކު އުފެދޭ ހާލަތްތަކުގައި އެކަނި ކަމަށް ވިދާޅުވިއެވެ.