ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ 15 އަހަރުގެ އަންހެން ކުއްޖަކާ ބެހުނު ޅިޔަނު 18 އަހަރަށް ޖަލަށް

ނުކުޅެދުންތެރިކަން ހުންނަ 15 އަހަރުގެ އަންހެން ކުއްޖަކާ ބެހުނު މީހަކު 18 އަހަރު ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލާގައި ޖަލަށްލާން ހުކުމްކޮށްފައި ވަނީ ފ. ފީއަލި/ ފީރޯޒްގެ، އިބްރާހީމް ޝާފިއުއެވެ. އޭނާއަކީ ޖިންސީ އަނިޔާގެ ޝިކާރައަކަށްވި ކުއްޖާގެ ޅިޔަނެވެ.

ޝާފިއުގެ މައްޗަށް ދައުވާކޮށް، އެ މައްސަލަ ކްރިމިނަލް ކޯޓަށް ވައްދާފައިވަނީ 20 ޖުލައި 2020 ގައެެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ނުވަވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެ މާއްދާގެ (ށ)ގެ ދަށުން، އޭނާގެ މައްޗަށް ކޮށްފައިވަނީ އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާމެދު ޖިންސީ އަމަލު ހިންގުމުގެ ދައުވާއެވެ.

އެ ދައުވާ ޝާފިއުގެ މައްޗަށް ކޮށްފައި ވަނީ، 2020 ވަނަ އަހަރުގެ ކުރީކޮޅުގެ ދުވަސްތަކުގެ ތެރެއިން ތިން ދުވަހެއްގައި އަނިޔާ ލިބުނު ކުއްޖާއާމެދު ޖިންސީ އަމަލު ހިންގާފައިވާތީ ކަމަށެވެ. މި ހާދިސާއާ ގުޅިގެން ކުއްޖާ ވަނީ ބަނޑުބޮޑުވެފައެވެ.

ދައުލަތުން ބުނީ އަނިޔާ ލިބުނު ކުއްޖާއަކީ ނަފުސާނީ ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކަށް ވެފައި، ކުއްޖާގެ ސައިކޮލޮޖިލް އެސެސްމަންޓުން ކުއްޖާއަކީ އުފެދުމުގައި އުނގެނުމާއި ހެދިބޮޑުވުމުގައި ނުކުޅެދުންތެރިކަމެއް ހުންނަ ކުއްޖެއްކަން ފާހަގަކުރެވޭ ކަމަށެވެ. އަދި ކުއްޖާއާއެކު ނެގި ސެޝަންތަކުންނާއި ކުއްޖާގެ ހެދިބޮނޑުވުމަށް ބަލައި އިރު، މާބަނޑު ކުއްޖަކު ގެންގުޅުމުގެ ގާބިލުކަން ކުއްޖާގެ ޖިސްމާނީ އަދި ނަފުސާނީ ހެދިބޮވުމުގައި ނެތްކަން ފާހަގަކުރެވޭތީއާއި ކުއްޖާއަކީ ބަލިވެ އިނދެ، ކުއްޖަކު ވިހެއުމުގެ ގާބިލުކަން ހުރި ކުއްޖަކަށް ނުވާތީ މި ހާދިސާއާ ގުޅިގެން މެޑިކަލް އެތަކެއް ޕްރޮސީޖާތަކެއް ތަހައްމަލު ކުރަންޖެހުނު ކަމަށް ބުންޏެވެ.

އަދި ކުއްޖާއާއެކު ޖިންސީ އަމަލު ހިންގި އިރު، އެއީ ނަފުސާނީ ނުކުޅެދުންތެރިކަން ހުންނަ ކުއްޖެއްކަން ޝާފިއުއަށް އެނގޭ ކަމަށްވެސް ދައުލަތުން ބުންޏެވެ.

އެހެންވެ އެ ކުށުގެ އަދަބެއްގެ ގޮތުގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 9 ވަނަ މާއްދާގެ (ށ) ގެ ދަށުން މިކުށަށް ބަޔާންކޮށްފައިވާ އެންމެ ބޮޑު އަދަބު ކަމުގައިވާ 18 އަހަރުގެ މުއްދަތު ކަނޑައަޅައިދިނުމަށް ދައުލަތުން އެދުނެވެ.

އެ މައްސަލާގައި ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފައި ވަނީ ދައުލަތުން އެދުނު ގޮތަށް 18 އަހަރުގެ މުއްދަތަށް ޝާފިއު ޖަލަށް ލުމަށެވެ. ނަމަވެސް ހުކުމުގެ ކުރިން ޝާފިއު ދެ އަހަރާއި ތިން މަހާއި 19 ދުވަހު ބަންދުގައި ހޭދަކޮށްފައިވާތީ އޭނާ ތަންފީޒުކުރަންޖެހޭ މުއްދަތަކީ 15 އަހަރާއި 8 މަހާއި 11 ދުވަސް ކަމަށް ވަނީ ކަނޑައަޅައިފައެވެ.