ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްގައްޔޫމްގެ ގެކޮޅު، ހ. ދޫވެހީގައި ހަރުކުރި އިންޑިއާ އައުޓް ބެނާ ނެގުމަަށް ފުލުހުން އެންގީ ގާނޫނާ ހިލާފަށް ކަަމަށް ކަނޑައަޅައިދިނުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅުއްވި މައްސަލަ ކުރިއަށްގެންދެވެން ނެތް ކަަމަށް ސިވިލް ކޯޓުުން ހުކުމްކޮށްފިއެވެ.
މި މައްސަލައަކީ، އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިއްތިހާދުގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ އިސްވެ ހުންނަވައިގެން ފެއްޓެވި އިންޑިއާ އައުޓް ކެމްޕެއިން އެންމެ ފުޅާދާއިރާއެއްގައި ކުރިއަށް ގެންދިޔަ ދުވަސްވަރު، އެމަނިކުފާނުގެ ގެކޮޅުގެ އިމާރާތުގައި ހަރުކުރި އިންޑިއާ އައުޓް ބެނާ ނެގުމަށް މިދިޔަ އޭޕްރީލް މަހުގެ 20 ވަނަ ދުވަހު ފުލުހުން އެންގި މައްސަލައާ ގުޅިގެން އެ މަނިކުފާނުގެ ފަރާތްޕުޅުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެކެވެ.
މި މައްސަލައިގައި ބުނެފައިވަނީ އެ ބެނާ ނެގުމަށް ފުލުހުން އަންގާފައި ވަނީ ގާނޫނުއަސާސީ އާއި ގާނޫނުލްއުގޫބާތާއި ފުލުހުންގެ ހިދުމަތުގެ ގާނޫނާ ހިލާފަށް ކަމަށެވެ.
މި ދައުވާގައި ފަސްކަމަކަށް ރައީސް ޔާމީންގެ ފަރާޕުޅުން އެދިވަޑައިގެންފައިވެއެވެ.
އޭގެ ތެރެއިން ފުރަތަމަ ކަމަކީ އަމިއްލަ ގޭގައި އިންޑިއާ އައުޓް ލިޔެ ބެނާއެއް ހަރު ކުރުމަކީ ގާނޫނުއަސާސީގެ 21 ވަނަ މާއްދާއިން ލިބިދޭ އަމިއްލަ މިނިވަންކަމުގެ އަސާސީ ހައްގުގެ ދަށުން ރައީސް ޔާމީނަށް ފުރިހަމަ މިނިވަންކަން ލިބިގެންވާ އަމަލެއްކަމަށް ކަނޑައަޅައި ދިނުމެވެ.
ދެވަނަ ކަމަކީ އަމިއްލަ ގޭގައި އިންޑިއާ އައުޓް ބެނާ ހަރު ކުރުމަކީ އިސްލާމީ ޝަރީއަތާއި އެއްވެސް ގާނޫނަކުން މަނާކަމެއް ނޫން ކަމަށް ކަނޑައަޅައި ދިނުމާއެކު، ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް ހިޔާލު ފާޅު ކުރުމުގެ ގޮތުން އަމިއްލަ ގޭގައި އެ ބެނާ ހަރު ކުރުމަކީ ގާނޫނުއަސާސީން ލިބިދޭ، މަނާކޮށްފައިނުވާ ކަންކަން ކުރުމުގެ މިނިވަންކަމުގެ އަސާސީ ހައްގުގެ ދަށުން އެކަން ކުރުމުގެ ފުރިހަމަ މިނިވަންކަން ލިބިގެންވާ ކަމަށް ކަނޑައަޅައި ދިނުމަށެވެ.
ތިންވަނަ ކަމަށް އެދިފައި ވަނީ އިންޑިއާ އައުޓް ބެނާ ހަރުކުރުމަކީ ގާނޫނުއަސާސީން ލިބިދޭ މިނިވަން ކަމާއި ފިކުރު ކުރުމާއި އިސްލާމްދީނުގެ އަސްލަކާ ހިލާފު ނުވާނެ ގޮތުގެމަތިން އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި ހިޔާލުތައް، ދުލާއި ގަލަމުން އަދި އެނޫންވެސް ގޮތްގޮތަށް ފާޅުކުރުގެ މިނިވަންކަން އަސާސީ ހައްގުގެ ދަށުން ލިބިދޭ މިނިވަންކަމެއް ކަމަށް ކަނޑައަޅައި ދިނުމަށެވެ.
ހަތަރުވަނަ ކަމަކަށް އެދިފައި ވަނީ، އެ ބެނާ ހަރު ކުރުމަކީ، ގާނޫނުލްއުގޫބާތުގައި ބަޔާންކޮށްފައިވާ ފަދަ، އާންމު ތަންތަނުގައި މީހަކު ހިންގާ މަސްލަހަތު ނަގާލުމުގެ އަމަލުގެ ތެރެއަށް ފެތޭ އަމަލެއް ނޫން ކަމަށް ކަނޑައަޅައި ދިނުމާއި ބެނާ ނެގުމަށް ފުލުހުން އެންގީ ފުލުހުންގެ ހިދުމަތުގެ ގާނޫނާ ހިލާފަށް އަންގާފައިވާ ބާތިލު އެންގުމެއް ކަމަށް ކަނޑައަޅައި ިދނުމަށެވެ.
ދެން އެދިފައިވަނީ ބެނާ ނެގުމަށް ފުލުހުން އެންގި އެންގުމަކީ ގާނޫނުއަސާސީގެ 27 ވަނަ މާއްދާއިން ލިބިދޭ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ އަސާސީ ހައްގާ ހިލާފަށް، އަދި އެ ހައްގުތައް ނިގުޅައި ގަނެވޭގޮތަށް އަންގާފައިވާ ބާތިލު އެންގުމެއް ކަމަށް ކަނޑައަޅައި ދިނުމަށެވެ.
މި މައްސަލަ ސިވިލް ކޯޓުގައި ކުރިއަށްދިޔަ އިރު، ދައުލަތުން ވަނީ އިޖުރާއީ ނުކުތާއެއް ނަގައިފައެވެ. އެ ނުކުތާއަކީ ޔާމީންގެ ފަރާތްޕުޅުން މި މައްސަލައިގައި ކަނޑައަޅައި ދިނުމަށް އެދިވަޑައިގެންފައިވާ ކަންކަމަކީ ހައިކޯޓުން ގޮތެއް ނިންމާފައިވާ ކަންތައްތަކަށް ވާތީ ސިވިލް ކޯޓުން އެކަމަށް ގޮތެއް ނުނިންމޭނެކަމެވެ.
އެ ނުކުތާއަށް ބާރުދީ މި މައްސަލައިގައި ސިވިލް ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ، މި މައްސަލައިގައި ޔާމީންގެ ފަރާތްޕުޅުން ސިވިލް ކޯޓުގައި އެދިވަޑައިގެންފައިވާ ކަންތައްތަކަކީ ހައި ކޯޓުގައި ވެސް އެމަނިކުފާނު އެދިވަޑައިގެންފައިވާ ކަންތައްތައް ކަމަށެވެ. އަދި އެ މައްސަލައިގައި ގެއްލުމުގެ ބަދަލު ހޯދުން ފަދަ އިތުރު ކަމަކަށް ސިވިލް ކޯޓުގައި އެދިފައިނުވާތީ، ހައި ކޯޓުން ގޮތެއް ނިންމާފައިވާ ކަމަކާ ގުޅިގެން ސިވިލް ކޯޓުގައި އަލުން ބަހުސްކޮށް، ގޮތެއް ނުނިންމޭނެ ކަމަށްވެސް ހުކުމްގައިވެއެވެ.
އެހެންކަމުން ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހަޅުއްވާފައިވާގޮތަށް އެ މައްސަލަ ކުރިއަށް ގެންދެވޭނެ ތަނެއް ނެތް ކަމަށް ވަނީ ހުކުމްކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު