ފުޓުބޯޅައިގަ އަވަށްޓެރި ގައުމުތަކާ އެއްހަމަައެއްގައި ފައިތިލަ ސާބިތު ކުރުމަކީ މިވަގުތު އޮތް ބޮޑު ގޮންޖެހުމެއް ކަމަށާއި ފުޓް ބޯޅަ ކުރިއަރުވަން ސަރުކާރުން މިހާރު ގާއިމު ކުރަމުންދާ ވަސީލަތްތަކުގެ ނަތީޖާ ހަ އަހަރުފަހުން ފެންނާނެ ކަމަށް މިނިސްޓާ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.
ދިވެހި ގައުމީ ޓީމުކޮޅަށް ފަހަކަށް އައިސް އަވަށްޓެރި ގައުމުތަކުން ގިނަ ލަނޑުތަކެއް ޖަހައި ރާއްޖޭގެ ފުޓްބޯޅައިގެ ފެންވަރު ދަށަށް ގޮސްފައިވާކަން ފާހަގަ ކުރައްވައި، ދިވެހި ފުޓްބޯޅަ ކުރިއެރުވުމަށް މިނިސްޓަރު ކުރައްވާ މަސައްކަތްތަކާބެހޭގޮތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައެއް މެމްބަރުން ކުރެއްވި ސުވާލުތަކާ ގުޅިގެން މިނިސްޓަރު ވިދާޅުވީ، ދިވެހި ގައުމީ ޓީމާ ދެކޮޅަށް ގިނަ ލަނޑުތަކެއް ވަންނަ މައްސަލައިގައި، ސީދާގޮތުން މިނިސްޓަރަށް ކުރެވޭނެ ކަމެއް ނޯންނަ ކަމަށެވެ. ނަމަވެސް އެކަމުގެ ކަންބޮޑުވުން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމްއާ ހިއްސާ ކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.
ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު މިހާރު އޮތް ގޮތް ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ، އަވަށްޓެރި ގައުމުތަކާ ފައިތިލަ އެއްހަމަ ކުރުމަކީ މިވަގުތު ރާއްޖެއަށް ދިމާވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށެވެ.
"ހަގީގަތަކީ އަޅުގަނޑުމެންގެ ސަރަހައްދުގައި މިއަދު އޮތް އިންޑިއާ، ބަނގްލަދޭޝް، ނޭޕާލް، ކަހަލަ ގައުމުތަކުގައި އެތައް މިލިޔަން މީހުންނެއް ވެސް އެބަތިބި އެމީހުން މިއަދު އެތައް މިލިޔަން ރުފިޔާއެއްވެސް އެބަ އިންވެސްޓްކުރޭ ފުޓްބޯޅައަށް، މިހާރު އޭގެ ނަތީޖާ ވަރަށް ބާރަށް މިއަދު އެބަފެނޭ، އެހެންވީމާ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކުރިއަށް މިއޮތްތަނުގައި މި ސަރަހައްދުގައި، މިގައުމުތަކާ އެކު އަޅުގަނޑުމެއްގެ ފައިތިލަ އެއްހަމައަަކަށް ގެނައުމަކީ ވަރަށް ބޮޑު ގޮންޖެހުމަކަށްވާނެ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، މި ސަރުކާރު ވެރިކަމާ ހަވާލުވި އިރު ރަށްރަށުގައި ފުޓުބޯޅަ ކުޅުން މުޅީން ނިމުމަކަށް އައިސްފައިވާ ކަމަށެވެ. އަދި ފުޓްބޯޅަ ކުރިއެރުވުމަށް ސަރުކާރުން މިވަގުތު ކުރަމުން އަންނަ އެންމެ މުހިންމު މަސައްކަތްތަކަކީ ވަސީލަތްތައް ގާއިމްކުރުން ކަމަށެވެ.
އެގޮތުން ބޮޑެތި ދަނޑުތައް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ބައެއް ރަށްރަށުގައި މިހާރުވެސް އެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެހެންކަމުން އެހެން ކުޅިވަރުތައް ކުރިއެރުވުމަށް ގާއިމުކުރާ ވަސީލަތްތަކާއެކު އެކަންކަމުގެ ނަތީޖާ ހަ އަހަރު ފަހުން ފެންނާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު