މުއްދަތު ޖެހުމަށް ކޯޓަށް ގެންދާ މީހުންނަށް މުއްދަތު ޖެހުމާމެދު ދައުލަތުން ދެކޭ ގޮތް ފަނޑިޔާރުން ބަލަން ނުޖެހޭނެ ކަމަށާއި ހެކި ހުރެއްޖެ ނަމަ ބަންދުން ދޫކޮށްލުމަކީ މައްސަލައެއް ނޫން ކަމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ޔާމީން އުތުރުގެ ރަށްތަކަށް މިހާރު ކުރައްވާ ދަތުރުފުޅު ތަކުގެ ތެރެއިން އިއްޔެ ހއ. ވަށަފަރަށް ވަޑައިގެން އެރަށުގެ ޕީޕީއެމް ޖަގަހަ ހުޅުވައިދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ރާއްޖޭގެ ގާނޫނުއަސާސީގައި ފައިދާ ނެގެން ހުރި މާއްދާތަކާއި ނާޖާއިޒު ފައިދާ ނެގޭ ގޮތަށް ލިޔެފައިވާ މާއްދާތައް އެބަހުރި ކަމަށެވެ. ޔާމީން ވިދާޅުވީ އެފަދަ މާއްދާތައް ނަހަމަ ގޮތުގައި ބޭނުން ކުރުމުން އެކަމުގެ އަނިޔާ ލިބެނީ ގައުމާއި ރައްޔިތުންގެ ހައްގުގައި ތެދުބަހުން ވާހަކަ ދައްކަވާ ފަރާތްތަކަށް ކަމަށެވެ.

ޔާމީން ވިދާޅުވީ މިހާރު ގާނޫނުއަސާސީ އޮތްގޮތުން ކުށެއްގެ ތުހުމަތުގައި މީހަކު ފުލުހަށް ހާޒިރުކުރުމަކީ އުނދަގޫ ކަމެއް ނޫން ކަމަށެވެ. ތުހުމަތަށް ފުލުހަށް ގެންދިޔުމަށްފަހު ދެން ގެންދަނީ ކޯޓަށް ކަމަށާއި ކޯޓުން ބަންދާމެދު ގޮތެއް ނިންމާނީ ދައުލަތުން ބޭނުންވާ ގޮތަކަށްކަމަށް ޔާމީން ވިދާޅުވިއެވެ.

"މުއްދަތު ކުރުކުރަން ވެއްޖިޔާ ފަނޑިޔާރު މި ވިދާޅުވަނީ ފުލުހުން އެދިފަ ތިއޮތީ 30 ދުވަހުގެ މުއްދަތޭ، މިފަރާތުން އެބައެދޭ މިއަށްވުރެ ލުއިކުރަން އެހެންވީމާ ދައުލަތުގެ އިއުތިރާޒެއް ފުލުހުންގެ އިއުތިރާޒެއް ނެތް މުއްދަތު ކުޑަކުރަން، މުއްދަތު ކުޑަކުރަން އިއުތިރާޒެއް ނެތިއްޔާ ތިމަންނަ ބޭނުންވަނީ 30 ދުވަސް މާ ދިގޭ 15 ދުވަސް ރަނގަޅޭ އެހެންވީމާ 15 ދުވަސް ފުލުހުން ނޫނީ ސަރުކާރު އިއުތިރާޒު ނުކުރާތީ 15 ދުވަސް މީތޯ އަޅުގަނޑުމެން އިންސާފު ގާއިމުކުރުމަކީ." ޔާމީން ވިދާޅުވިއެވެ.

ކުށެއްގެ ތުހުމަތުގައި ކޯޓަށް ހާޒިރުކުރާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ނުވަތަ ބަންދުގެ މުއްދަތު އިތުރުކުރަން ދައުލަތް ދެކޭ ގޮތް ފަނޑިޔާރުން ބައްލަންވަން ނުޖެހޭނެކަމަށާއި ތުހުމަތެއްގައި ހާޒިރުކުރާ މީހާ ދޫކޮށްލަން ފަނޑިޔާރަށް ފެނިވަޑައިގެންފިނަމަ އެކަމެއް ކުރައްވަން ޖެހޭނެކަމަށް ޔާމީން ވިދާޅުވިއެވެ.

"ސަރުކާރުން މިކަމާ ދޭތެރޭ މި ބުނަނީ ކީކޭހޭ. ބަލަ ފަނޑިޔާރުން ކީއްކުރަން ސަރުކާރުން މިކަމާ ދޭތެރޭ ގޮތް ބަލަންވީ، ފަނޑިޔާރުގެ ކުރިމައްޗަށް އަންނަންވާނީ އޭނާކުރި ކުށެއްގެ ތުހުމަތުގަ، ކުށެއްގެ ތުހުމަތު ނެތިއްޔާ ފަނޑިޔާރަކަށް ނުޖެހޭ ސަރުކާރުން އެކަމުގެ ދެކޭގޮތް ބަލާކަށެއް" ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ ބޮޑެތި ކުށްތަކުގެ ތުހުމަތުގައި ފުލުހުން މީހުން ހައްޔަރުކުރުމުން އެ މީހަކު ޝަރީއަތް ނިމެންދެން ބަންދުކުރުމުގެ ބާރު ގާނޫނުން ފަނޑިޔާރަށް ލިބިގެންވާ ކަމަށާއި ހެކި ހުރެޖެއްނަމަ ކުށެއްގެ ތުހުމަތުގައިވާ މީހާ ބަންދުން ދޫކޮށްލާފައި ބެހެއްޓުމަކުން މައްސަލައެއް ކަމަށެވެ. އަދި

ތަހުޒީބީ ގައުމުތަކުގައި ހެކި ނައްތާލާފާނެތީ މީހުން ބަންދު ނުކުރާ ކަމަށާއި ރާއްޖޭގެ ގާނޫނު އޮތްގޮތުން ކުށެއްގެ ތުހުމަތުވާ މީހަކު ވުޖޫދުން ފޮހެލެވެން އެބަހުރިކަމަށެވެ.

މީގެ އިތުރުން ޔާމީން ވިދާޅުވީ، ކުދި މައްސަލަތަކުގައި ހައްޔަރުކުރާ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި އެމަނިކުފާނުގެ ވެރިކަމެއްގައި އެކަން ބަދަލުކުރައްވާނެ ކަމަށެވެ.