(12 އޮކްޓޯބަރުގެ އަދަދާ ގުޅޭ)
މީހެއްގެ ރުހުމާއި ޤަބޫލުވުމުގެ މި ތަޞައްވުރަކީ ތަހްޒީބީ އިންސާނީ މުޖްތަމަޢަކުން ޤަބޫލުކުރާނެކަމެއް ނޫނެވެ. އެކަން ވަޒަންކުރެވޭނީ މުޖްތަމަޢުގެ ހަމަތަކާއި ގަވާއިދުތަކުގެ މިންގަނޑުންނެވެ. ބަލާންޖެހޭނީ އިންސާނީ ރިވެތި ސުލޫކާއި ތަހްޒީބަށް ކިލަނބުކަމެއް ގެނުވައިފާނެކަމެއްތޯ ނުވަތަ ނޫންތޯއެވެ. އޭގެސަބަބުން މުޖްތަމަޢުގެ ހީރަސްކެނޑި ހަމަތައް ރޫޅިގެން ހިނގައިދާނެތޯ ނުވަތަ ނޫންތޯއެވެ. މިބާވަތުގެ ކަމެއްގެ މިސާލެއްގެގޮތުން ރިޝްވަތުދިނުމާއި ރިޝްވަތު ހިފުމާމެދު ވިސްނައިލަމާ ހިންގަވާށެވެ. ޝައްކެއްނެތެވެ. ރިޝްވަތުގެ ލޭންދޭންވެސް ހިނގަނީ ދެމީހެއްގެ ދެމެދުގައެވެ. ދެމީހުންގެ ރުހުމުގައެވެ. އެކަމަކު ރިޝްވަތުދިނުމާއި ރިޝްވަތު ހިފުމަކީ ކުށެކެވެ. ވަރަށްބޮޑު ކުށެކެވެ. އެކަން ސާބިތުވެއްޖެކަމުގައިވާނަމަ ބޮޑު އަދަބުން އަދަބު ދެވެއެވެ. ސަބަބަކީ އެކަން ހުއްދަކޮށްފިކަމުގައިވާނަމަ ފޭރުމާއި ލޫޓުވުމާއި، ތެދުވެރިކަމެއް ނެތުމާއި މީހުންގެ ޙައްޤުތަކަށް އަރައިގަތުން ޢާންމުވެދާނެތީއެވެ. މުޅި މުޖްތަމަޢު ފިތުނަފަސާދައިން ފުރިދާނެތީއެވެ.
ހަމައެފަދައިން ބައެއް މުޖްތަމަޢުތަކުގައި ކާވެނީގެ މުނާސަބާގައި އަންހެނުންގެ އަތުން ޖަހީޒުގެ ނަމުގައި ސުމާރެއް ނޯންނަވަރަށް އަތުލާ މުދާއަތުލާ އަތުލުމުގެ ލޭންދޭނަކީވެސް މަނާކަމެކެވެ. އެކަމަކު ޢާންމުގޮތެއްގައި މިކަންވެސް ހިނގަނީ ދެފަރާތުގެ ރުހުމާ ޤަބޫލުގައެވެ. އެކަމަކު އެއީ މުޖްތަމަޢަށް ނުހަނުބޮޑު ހަލާކާއި ގެއްލުންހުރި ކަމެކެވެ. އެހެންކަމުން އެކަން ހުއްޓުވުމަށްޓަކައިވެސްވަނީ ގަވާއިދުތަކާއި ޤާނޫނުތައް ހެދިފައެވެ. އެހެންވެސް އިޖްތިމާޢީ ކުށްކުށުގެ މައްޗަށް ޤިޔާސުކޮށްގެންނެވެ. އެހެންކަމުން ނުބައިކަމެއް ކުރުމަށް ޤާނޫނީ ހުއްދަ ހޯދުމަށްޓަކައި އެކަންކުރީ ދެފަރާތުގެ ރުހުމާއި ޤަބޫލުގައޭ ބުނެގެން ފަރުޖެއްސޭކަށެއް ނޯންނާނެއެވެ. އެ ދަޢުވާއަކީ ބަލައިގަނެވޭނެ ދަޢުވާއެއް ނޫނެވެ.
ބުނެވޭގޮތުގައި ތިމާއާ އެއްޖިންސުގެ މީހުންގެ ފަރާތަށް ޖިންސީގޮތުން ލެނބެވޭގޮތްވުމަކީ (Sexual Orientation) ވިރާސީ (Genetic) އަދި ޚިލްޤީ (Congenital) ކަމެކެވެ. އެކަން ކަނޑައެޅެނީ ބަލިވެއިނުމުގެ ތެރޭގައެވެ. އަދި ކީއްތޯއެވެ؟ ބަލިވެއިނުމުގެ އެންމެކުރީކޮޅުގެ ދުވަސްތަކުގައެވެ. އެކަމުގެ ޒިންމާދާރަކަށްވަނީ އިންސާނާގެ ހަށިގަނޑުގައި ހުންނަ ބައެއް ޖީން (Gene) ތަކެވެ. އިންސާނާގެ އާދަތަކާއި އޭނާގެ ހޭޑިފޭޑިއާއި ވިސްނާގޮތާއި މިޒާޖު ބައްޓަންކުރަނީ އެ ޖީންތަކެވެ.
މިއީ ޙަޤީޤަތެއް ކަމުގައިވިޔަސް ޤަބޫލުކުރެވިފައިވާ އަނެއް ޙަޤީޤަތަކީ އިންސާނާގެ ދިރިއުޅުމުގެ ތަޖްރިބާތަކާއި އޭނާގެ ވަށައިގެންވާ މާހޫލުގެ ސަބަބުންވެސް އޭނާގެ ޖެނެޓިކް ކޯޑު (Genetic Code) ގެ ޢަމަލު ހުންނަގޮތަށް ނުވަތަ ސުލޫކަށް ބަދަލުއަންނަކަމެވެ. ބައެއް ޖީންތައް މާބޮޑަށް މަސައްކަތް ކުރާކަމެވެ. ނުވަތަ އެޖީންތަކުގެ މަސައްކަތް ލަސްވާކަމެކެވެ.
މިކަން ޤަބޫލުކުރެވުނު ކަމުގައިވިޔަސް މި ވިސްނުމަކީ އާލާވުމުގެ ފުރުސަތުދެވޭނެ ވިސްނުމެއްނޫނެވެ. މުޖްތަމަޢުގެ ސަލާމަތަށްޓަކައެވެ. މިސާލެއްގެގޮތުން ބައެއްމީހުންގެ ކިބައިގައި ނިރުބަވެރިކަމުގެ ވިސްނުން އުފެދެނީވެސް ޖީންގެ ސަބަބުންކަމުގައި ބުނެވެއެވެ. އެކަމަކު މިފަދަ ލެނބުންތައް ހުންނަ މީހުންނަކަށެއް އެބައިމީހުންގެ ޖަރީމާތައް ހިންގާކަށެއް ހުއްދައެއް ނުދެވޭނެއެވެ. އެކަން ކުރުމުން ކުށުގެ އަދަބަކުން އިސްތިސްނާއެއް ނުކުރެވޭނެއެވެ.
(އިންސާނާ ހެއްދެވި ފަރާތުން އޭނާގެ ފިޠުރަތުގައި ދެބައެއް ލައްވައިފައިވަނީ އޭނާ އިމްތިހާނުކުރެއްވުމަށްޓަކައެވެ. އޭނާއަށް ދެއްވައިފައިވާ ޚިޔާރުކުރުމުގެ ބާރުގައި ކުށްގޮތެއް އިޚްތިޔާރު ކުރުމަކީ ދުނިޔޭގައިވެސް އާޚިރަތުގައިވެސް އޭނާ ކުށުގެ އަދަބުން ސަލާމަތްވާނެކަމެއް ނޫނެވެ.)
އެއްޖިންސުންއުޅުން ހުޅަނގުގައި އެންމެފުރަތަމަ ހިމެނީ ނަފުސާނީ ބަލިތަކުގެ ލިސްޓުގައެވެ. American Psychiatric Association އިން 1952 ގައި ވަނީ ނަފުސާނީ ބަލިތަކުގެ ލިސްޓުގައި މި ފާސިދު ޢަމަލު ހިމަނައިފައެވެ. Diagnostic and Statistical Manual of Mental Disorders ގެ ނަމުގައި ނެރުނު ލުއިފޮތުގައިވަނީ އެއްޖިންސުންއުޅުމަކީ ނަފުސާނީ ބައްޔެއްކަމުގައި ލިސްޓުކޮށްފައެވެ. ނަމަވެސް އެކަމާ އިޢުތިރާޟުކުރެވޭން ފެށުމުން 1973 ގައި ވަނީ އެއްޖިންސުންއުޅުމުގެ ބަލި އެލިސްޓުން ނަގައިފައެވެ. ދުނިޔޭގެ ޞިއްޙަތާބެހޭ އިދާރާ ވޯލްޑް ހެލްތު އެސެމްބްލީންވެސް 1977 ގެ ރިޕޯޓުގެ ICD-9 ގައި އެއްޖިންސުންއުޅުމަކީ ނަފުސިއްޔާތީ ބައްޔެއްކަމުގައި ކަނޑައެޅިއެވެ. ނަމަވެސް 1990 ގައި ވޯލްޑް ހެލްތު އެސެމްބްލީގެ 43 ވަނަ ބައްދަލުވުމުގެ ހުށަހެޅުންތަކާ ގުޅިގެން ICD-10 ގައިވަނީ އެ ފާސިދު ޢަމަލު ނަފުސިއްޔާތީ ބަލިތަކުގެ ފިހުރިސްތުން އުނިކޮށްފައެވެ.
1996 ގައި Chinese Society of Psychiatry އިންވެސް އެއްޖިންސުންއުޅުމަކީ ނަފުސާނީ ބައްޔެއްކަމުގައި ލިސްޓުކުރިއެވެ. އެކަމަކު އޭގެ ފަސްއަހަރު ފަހުން ޗައިނާއިންވެސް ވަނީ ނަފުސާނީ ބަލިތަކުން ލިސްޓުން އެއްޖިންސުންއުޅުމުގެ ބަލި އުނިކޮށްފައެވެ.
އަޅުގަނޑުމެންނަށް ނުހަނު ސާފުކޮށް އެނގޭފަދައިން އެއްޖިންސުންއުޅުމަކީ ނަފުސާނީ ބައްޔެއްކަމުގައި އެއްބަސްވުމާއި އެއަށްފަހު ނަފުސާނީ ބަލިތަކުގެ ލިސްޓުން އެބަލި އުނިކުރުމަކީ އެއްޖިންސުންއުޅޭ މީހުންގެ ޢަދަދު ގިނަވަމުންދިޔުމާއި އެއުރެންގެ ފަރާތުން މައްސަލައިގައި އިތުރުވަމުންދާ ފިއްތުންތަކުގެ ނަތީޖާއެވެ. އެއްޖިންސުންއުޅުން އޮންނާންޖެހެނީ ބައްޔެއްގެ ގޮތުގައެވެ. ޅަފަތުގައި އެކަން ފާހަގަކުރެވިއްޖެކަމުގައިވާނަމަ އެކަން ހިމަނާންޖެހެނީ އުފެދުމާ ގުޅިފައިވާ ޚިލްޤީ ބައްޔެއްކަމުގައެވެ.
ބައެއްކުދީންނަކީ އެކުދީންގެ އުފެދުމުގައި ޢުޒުރުވެރި ކުދީންނެވެ. ބައެއްކުދީންގެ އުފެދުމުގައި އުނިކަން ހުރެއެވެ. މިސާލެއްގެގޮތުން ދަންނަވާނަމަ ބައެއްކުދީން އުފަންވާއިރު އަތްފައިގައި ހަ އިނގިލި ހުރެއެވެ. ބައެއްކުދީންގެ ތުންފަތް ކެނޑިފައި ހުރެއެވެ. ބައެއްކުދީންގެ ބޯ އާދަޔާޚިލާފަށް ބޮޑެވެ. ނުވަތަ ހޯމޯންތަކުގެ ވަޒަންހަމަކަން ގެއްލިފައިވުމުގެ ސަބަބުން ޖިސްމާނީ ހެދިބޮޑުވުން ޢާންމު މިންގަނޑަށްވުރެ ލަސްވެއެވެ. މިފަދަ ގޮތްތައް ދިމާވުމުން އެކުދީން ދުނިޔެއަށް އައީ އެގޮތަށްކަމުގައިވާތީ ދެނެހުރިކަމަށްނަހަދައި އަޅައިނުލައި އެކުދީން ދޫކޮށްލަނީކީ ނޫނެވެ. އަދި ކީއްތޯއެވެ. އެކުދީންނަށް ފަރުވާދީ އެކުދީންނަށް ޢާންމު ދިރިއުޅުމެއް އުޅެވުމުގެ އެކަށޭނަކަން ހޯދައިދެވޭތޯ މަސައްކަތް ކުރެވެއެވެ. ހަމައެފަދައިން ބައެއްމީހުންނަކީ އުފެދުމުގައި އެއްޖިންސުންއުޅުމުގެ ފަރާތަށް ލެނބިފައިވާ މީހުންކަމުގައިވާނަމަ އެފަދަމީހުންގެ އެ ރަވައްޔާއަކީ ޚިލްޤީ އުނިކަމެއް (Congenital Abnormality) ކަމުގައިބަލައި އެފަދަމީހުންނަށްވެސް ބޭސްފަރުވާ ކުރާންޖެހެއެވެ. އާދެ، އެފަދަމީހުންގެ އެއްޖިންސުންއުޅުމުގެ ޒިހުނިއްޔަތު އިތުރަށް އާލާވާން ދޫކޮށްލަންވީކީ ނޫނެވެ. އެބައިމީހުންގެ ފާސިދު ރަވައްޔާގެ ޙިމާޔަތުގައި ޤާނޫނު ހަދާންވީކީ ނޫނެވެ.
އެއްޖިންސުންއުޅުމަކީ ފިޠުރަތުގެ ނިޒާމާ ދެކޮޅަށް ބަޣާވަތްކުރުމެކެވެ. ހަނގުރާމަ އިޢުލާންކުރުމެކެވެ. ކާއިނާތު އުފެދުނީއްސުރެ ކާއިނާތުގައި ލައްވައިފައިވާ ހުރިހައި އެއްޗެއްސެއްގެ މައްޗަށް ހިންގަވައިފައިވަނީ "ޖޯޑުޖޯޑުގެ" ނުވަތަ ޒައުޖިއްޔަތުގެ ޤާނޫނެވެ. ހުސްއެކަނި ޙަޔަވާނާތާއި ފަތްޕިލާވެއްޔާއި ގަސްގަހާގެއްސެއް ނޫނެވެ. ފުރާނައެއް ނުހުންނަ މާއްދާތަކުގެ މައްޗަށްވެސް ޗާލޫވެފައިވަނީ މި އުސޫލެވެ. މި ޤާނޫނެވެ. ޚުދު މާއްދާ (Atom) ގެ އަސާސީ ތަރުކީބުވުމުގައިވެސް ނައްސި ކަރަންޓާއި ފައްސި ކަރަންޓު އެކުލެވެއެވެ. ދިރުންހުންނަ ބާވަތްތަކުގައި ފިޠުރަތުން ފިރިހެން އަންހެންކަމުގެ ފަރަގު ލައްވައިފައިވަނީ ނަސްލު އުފައްދަވައި ދެމެހެއްޓެވުމަށްޓަކައެވެ. ދެޖިންސުގެ އެކުވުމުން ނަސްލު ދެމިގެން އައުމަށްޓަކައެވެ. އެ މަޤްޞަދު ފުރިހަމަކުރެއްވުމަށްޓަކައިވަނީ ދެޖިންސުގެ މެދުގައިވަނީ ދަމާބާރު ލައްވައިފައެވެ. ޖިންސީ ދަމާބާރު ލައްވައިފައެވެ.
މި މަޤްޞަދަށްޓަކައި ޤުދުރަތުން އިންސާނީ ނައުޢު ހައްދަވައިފައިވަނީ އަންހެން ފިރިހެން ތަފާތު ދެޖިންސު އެކުލެވޭގޮތަށެވެ. އެދެޖިންސުގެ ޖިސްމާނީ އޮނިގަނޑާއި ނަފުސިއްޔާތީ ތަރުކީބު ލައްވައިފައިވަނީ އެއްޖިންސެއްގައި އަނެއް ޖިންސަކާމެދު ދަމާބާރު ހުންނަގޮތަށެވެ. ޖިންސީ ދަގައްފާނީބާރު ހުންނަގޮތަށެވެ. އެދެބައިމީހުންގެ މެދުގައި ޖިންސީގުޅުން ހިނގުމުގެ ނަތީޖާއެއްގެގޮތުން ދަރީން އުފެދި ނަސްލު ދެމިގެން އައުމަށްޓަކައެވެ. އެ ގުޅުމުގައި ލައްވައިފައިވާ ލައްޒަތަކީ ނުވަތަ މީރުކަމަކީ ފިޠުރަތުން އެ މަޤްޞަދު ފުރިހަމަކުރެއްވުމުގެ ޙަރަކާތް އުފެއްދެވުމެވެ. އެ ޚިދުމަތަށް ދެއްވާ އިނާމެއްވެސްމެއެވެ.
ފިޠުރަތުގެ މި ސްކީމާ ޚިލާފުވެ ތިމާއާ އެއްޖިންސުން ޝަހްވާނީ ލައްޒަތު ހޯދާން މަސައްކަތްކުރާ މީހާއަކީ ޙަޤީޤަތުގައި ފިޠުރަތާ ދެކޮޅަށް ހަނގުރާމަކުރާ މީހެކެވެ. އެ ހަނގުރާމައިގެ ސަބަބުން އޭނާއާއި އޭނާގެ އެކުވެރިޔާ (Partner) ގެ ޖިސްމާނީ ބައްޓަމަށާއި ނަފުސިއްޔާތަށް ނުބައި އަސަރުކުރެއެވެ. އެހެނީ ކޮންމެމީހަކުވެސް ތިމާގެ ޖިންސު ބޭނުންކުރާންވާނީ އެކަމަށްޓަކައި ޤުދުރަތުން ޖިންސު އުފެއްދެވި މަޤްޞަދުގައެވެ. އެ މަޤްޞަދާ ޚިލާފުވުމަކީ ފިޠުރަތަށް ޣަދަރުވެރިވުމެވެ. ފިޠުރަތުން ޝަހްވާނީ ލައްޒަތު ލައްވައިފައިވަނީ އިންސާނީ ނަސްލު އުފެއްދުމާއި ސިލްސިލާކުރުމުގެ މުހިންމު ޚިދުމަތުގެ ޒަރީޢާއަކަށެވެ. އެހެންކަމުން އެޚިދުމަތް ދިނުމަކާނުލައި ލައްޒަތު ހޯދާން މަސައްކަތްކުރުމަކީ ފިޠުރަތަށް ހަރާންކޯރުވުމެވެ.
މުޖްތަމަޢެއް އުފެއްދުމަށްޓަކައި ހަމަޖެހި އެކަށައެޅިފައިވާ ޤާނޫނުތަކާއި ޢަމަލީ ދުސްތޫރާ އެއްގޮތްވާ ގޮތުގެމަތީން ފިރިހެނަކާއި އަންހެނަކު އެއްތަންވެއެވެ. ނަތީޖާއެއްގެގޮތުން ޢާއިލާއެއް ނުވަތަ ވަންހައެއް އުފެދެއެވެ. ދަރީންލިބި އެކުދީން ތަރުބިޔަތުވެއެވެ. ގާތްތިމާގެކަމާއި ދަނބިދަރި ދޮންދަރިކަމާއި ޅިޔަންފަހަރިކަމުގެ ޢާއިލީގުޅުން އުފެދިގެންއާދެއެވެ. އިންސާނީ ތަމައްދުނެއްގެ ނިރުފަޅައި ހެދިބޮޑުވެ މަލާއި މޭވާ އަޅައެވެ. އެ މުޖްތަމަޢުގައި ކޮންމެމީހަކުވެސް އެމީހެއްގެ ދައުރު އަދާކުރެއެވެ. ޙައްޤުތައް ލިބިގަނެއެވެ. ވާޖިބުތައް އަދާކުރެއެވެ.
ނަމަވެސް އެއްޖިންސުންއުޅުމަކީ ޚާންދާނީ އިދާރާއަށް ދެވޭ ނިރުބަވެރި ވަރުގަދަ ޙަމަލައެކެވެ. އެހެނީ ޢާއިލާއެއް އުފެދޭންޖެހެނީ ބަޔާންކުރެވުނު ފިޠުރީ އުސޫލުގެ މަތީންނެވެ. އެއްޖިންސުންއުޅުމުން މިދެންނެވި ފިޠުރީ އުޞޫލަށް އުނިކަން ލިބެއެވެ. އެއްޖިންސުންއުޅޭމީހާއަކީ އޭނާއާ އެއްޖިންސަކުން ކާވެނިކޮށްގެން އިންސާނީ ނައުޢު ސިލްސިލާކުރުމުގައި ތިމާގެ ޒިންމާއިން ރެކިގަންނަ މީހެކެވެ. ޢާއިލާއެއް އުފެއްދުމާއި ތިމާއާ ޢާއިލީގުޅުމުން ގުޅިފައިވާ މީހުންނަށް ތިމާ އަދާކުރާންޖެހޭ ޚިދުމަތަށް ފިލާމީހެކެވެ. އަނެއްކޮޅުން އޭނާ ތަމައްދުނީ ހުރިހައި އިދާރާތަކަކުން ފައިދާ ލިބިގަނެއެވެ. އެކަމަކު އެއްޖިންސުންއުޅޭމީހާ އެއިދާރާ ތަރައްޤީކުރުމުގެ އެއްވެސް ޒިންމާއަކާ ޙަވާލެއް ނުވެއެވެ. އެހެންކަމުން އެއްޖިންސުންއުޅުން ޙިމާޔަތްކުރުމަކީ ޢާއިލީ ނިޒާމުގެ އިދާރާ ހަލާކުކޮށް ސުންނާފަތިކުރުމުގެ މަސައްކަތެކެވެ. އިންސާނީ ތަމައްދުނަށްދެވޭ ނުރައްކާތެރި ނިރުބަވެރި ޙަމަލައެކެވެ. އޭގެނަތީޖާއެއްގެގޮތުން އިންސާނީ ތަމައްދުނުގެ ފޭރާމުގެ އުއިގަނޑު ކޮށައިލެވި ވަކިވަކިވެގެންދިޔުމުގެ ނުރައްކާ އިންތިހާޔަށް އެބައޮތެވެ.
އެއްޖިންސުންއުޅޭ މީހުން އެދެނީ އެބައިމީހުންނަށް އެއްޖިންސުން ކާވެނިކުރުމުގެ ހުއްދަ ދިނުމަށެވެ. ކާވެނީގެ ބަނދެވެމުން ބަނދެވުމަށްފަހު ދެމަފިރިޔަކަށްލިބޭ ހުރިހައި ޙައްޤުތަކެއް ލިބިދިނުމަށެވެ. މިކަން ޤަބޫލުކުރުމުގެ މާނައަކީ ކާވެނީގެ އިދާރާއަށް ޙަމަލަދިނުމެވެ. އެ އިދާރާގެ އަހަންމިއްޔަތު ނައްތައިލުމެވެ. ކަންމިހެން ހުރުމާއެކުވެސް ބައެއް ޤައުމުތަކުންވަނީ އެއްޖިންސުންއުޅޭ މީހުން އެދޭއެދުން ޤަބޫލުކޮށްފައެވެ. ކާވެންޏަށްފަހު ޤާނޫނީގޮތުން ދެމަފިރިޔަކަށް ލިބޭ ހުރިހައި ޙައްޤުތަކެއް ލިބިދޭން އެއްބަސްވެފައެވެ. ޙަޤީޤަތުގައި އެޤައުމުތަކުގައި ކާވެނީގެ އެއްވެސް މާނައެއްނޯވެއެވެ. ޙައިސިއްޔަތެއްނެތެވެ. އިޖްތިމާޢީ ދިރިއުޅުމުގައިވަނީ ރޫޅުމާއި ބައިބައިވުން އުފެދިފައެވެ. މީހުން އެއްތަންވަނީ މުދަލާއި ފައިސާގެ މަންފާގެ ބިންގަލުގެ މަތީގައެވެ. އެގޮތަށް އެއްވެ އެބައެއްގެ ޝަހްވާނީ އެދުންފުއްދައެވެ. ބޭނުންހައިދުވަހަކު އެކުގައި އުޅެއެވެ. ބޭނުންވުމުން ވަކިވެގެން ހިނގައިދެއެވެ. އިމެއްނެތް މިނިވަންކަމާއި، ނަފުސާނީ އެދުންތަކަށް އަޅުވެތިވުމާއި އަމިއްލަ މަންފާއަށް އަޅުކަންކުރުމުގެ ސަބަބުން އެބައިމީހުންގެ މުޖްތަމަޢުތައް ބަދަލުވެފައިވަނީ ޖަނަވާރު ކޮށިތަކަކަށެވެ.
އެއްޖިންސުންއުޅުމުގެ ސަބަބުންލިބޭ ބޮޑެތި ގެއްލުންތަކުގެ ތެރެއިން ހިމެނޭ އެއްކަމަކީ އޭގެސަބަބުން ޢާންމު ޞިއްޙަތަށް ކުރިމަތިވާ ބޮޑެތި ނުރައްކާތަކެވެ. މި ފާޙިޝް ޢަމަލުގެ ސަބަބުން އެކަންކުރާ މީހުންނަށް ޖިސްމާނީ އަދި ނަފުސާނީ އަފޫރުއްބަ ގެއްލުންތަކެއް ލިބެމުންދާއިރު މިނުބައި ޢަމަލުގެ ނުރައްކައުތެރި ނަތީޖާގެ އަސަރު އެހެން އެތައްބަޔަކަށްވެސް ފޯރައެވެ. އެއްޖިންސުންއުޅޭ މީހުންގެ ވަށައިގެންއުޅޭ މީހުންނަށެވެ. އެބައިމީހުނާ ގުޅުންއޮންނަ މީހުންނަށެވެ.
ވޭތުވެދިޔަ ސައްތައިގެ އަށްޑިހައިގެ އަހަރުތަކުގައި ހުޅަނގުގައިކުރި ސާރވޭތަކުން އެނގިފައިވާގޮތުގައި އެއްޖިންސުންއުޅޭ މީހުންގެ އެވްރެޖު ޢުމުރު ވަރަށްބޮޑަށް ކުރުވެއެވެ. 2002 ގެ ސާރވޭއަކުން އެނގިފައިވަނީ އެއްޖިންސުންއުޅުމުގެ ފާޙިޝް ޢަމަލުކުރާ މީހުން އެކަން ނުކުރާ މީހުންނަށްވުރެ ދެބައިކުޅައެއްބައި ޢުމުރު ކުރުކަމެވެ. އެއްޖިންސުންއުޅުމަކީ އެނުބައި ޢަމަލާއެކު ގައިންގަޔަށްއަރާ ބަލިތަކާއި ގައިންގަޔަށްނާރާ އެތަކެއް ބަލިތަކެއްގެ "ހަދިޔާ" ގެންނަކަމެކެވެ. އެކަމަށް އާދަވެފައިވާ މުޖްރިމުންނާއެކު އެބައިމީހުންނާ ގުޅިގެންއުޅޭ މީހުންނަށް އޭގެ ނުރަނގަޅު ނަތީޖާގެ ރަހަ ދެކޭންޖެހެއެވެ. ބައެއް މިސާލުތައް ހުށަހަޅައިލަމެވެ.
(ނުނިމޭ)
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު