ކެރިއަރުގެ ބާކީބައި އެއްކޮށް ހޭދަކުރާނީ ރެއާލް މެޑްރިޑްގައި ކަމަށާއި އިތުރު ގޮތެއް އޭގައި ނެތް ކަމަށް ފްރާންސްގެ ތަރި ކަރިމް ބެންޒެމާ ބުނެފިއެވެ.
ދުނިޔޭގެ އެންމެ މޮޅު އަންހެން އަދި ފިރިހެން ފުޓުބޯޅަ ކުޅުންތެރިޔާ ހޮވުމަށް ފްރާންސްގެ ފުޓްބޯޅަ މެގަޒިންއިން ދޭ ފުޓުބޯޅައިގެ އެންމެ ޝަރަފުވެރި އެވޯޑު، ބެލޮންޑިއޯގެ ހާއްސަ ހަފްލާ ރޭ ބާއްވާފައިވާ އިރު، މިދިޔަ ސީޒަނުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ރެއާލްގެ ކެޕްޓަން ކަރިމް ބެންޒެމާއެވެ.
އުމުރުން 34 އަހަރު ބެންޒެމާ ވެފައި ވަނީ ފުޓުބޯޅައިގެ އެންމެ ޝަރަފުވެރި އެވޯޑު ހާސިލްކުރި ފްރާންސްގެ ފަސްވަނަ ކުޅުންތެރިޔާއަށެވެ. އޭގެ ކުރިން ބެލޮންޑިއޯ އެވޯޑު ހޯދި ފްރާންސްގެ ކުޅުންތެރިންނަކީ ރޭމަންޑް ކޮޕާ، މިޝޭލް ޕްލެޓީނީގެ އިތުރުން ޖީން-ޕިއޭ ޕަޕިން އަދި ޒައިނައްދީން ޒިދާނެވެ. އޭގެ ތެރެއިން ޕްލެޓީނީ ވަނީ ޖެހިޖެހިގެން ތިން ފަހަރަށް ބެލޮންޑިއޯ ކާމިޔާބުކޮށްފައެވެ.
"މިއީ އަހަރެން އެންމެ ކުޑައިރުންފެށިގެންވެސް ދެކެމުން އައި ހުވަފެނެއް. ބެލޮންޑިއޯ ހޯދުމަކީ ކެރިއަރުގައި ލިބުނު އެންމެ ބޮޑު ޝަރަފު. އަހަރެންގެ ކެރިއަރުގެ އެންމެ މުހިއްމު ކްލަބަކީ ރެއާލް. އަހަރެން ކެރިއަރުގެ ބާކީބައި ހޭދަކުރާނީ ރެއާލްގައި. ރެއާލްގައި ކެރިއަރު ނިންމާލައި. ރިޓަޔާކުރާނީ،" ރޭގެ އިވެންޓަށްފަހު ބެންޒެމާ ބުންޏެވެ.
ބެންޒެމާއަކީ މިދިޔަ އަހަރު ޔޫރަޕްގައި އެންމެ ވިދުންގަދަ ކުޅުންތެރިޔާއެވެ. އޭނާ ސީޒަން ނިންމާލީ ކުޅުނު 46 މެޗުން 44 ގޯލު ޖަހައި، 15 އެސިސްޓް ފުރިހަމަކޮށްގެންނެވެ. އެ ސީޒަނުގައި އޭނާ ވަނީ ރެއާލްއާ އެކު ޗެމްޕިއަންސް ލީގު ހޯދައި، ސްޕެއިންގެ ލީގުވެސް ކާމިޔާބުކޮށްފައެވެ. އޭގެ އިތުރުން ބެންޒެމާ ވަނީ މިދިޔަ އަހަރު އޮކްޓޯބަރު މަހު ފްރާންސް ގައުމީ ޓީމާއެކު ނޭޝަންސް ލީގުވެސް ކާމިޔާބު ކޮށްފައެވެ.
ބެންޒެމާ މިދިޔަ ސީޒަނުގެ ލީގުގައި 27 ގޯލު ޖަހައި، 12 އެސިސްޓް ފުރިހަމަ ކުރި އިރު، އޭނާއަކީ މިދިޔަ ސީޒަނުގެ ލީގު ޓޮޕް ސްކޯރާވެސް މެއެވެ. އޭގެ އިތުރުން ބެންޒެމާ ވަނީ ޗެމްޕިއަންސް ލީގުގައިވެސް 15 ގޯލު ޖަހައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ގޮތުގައި ނިންމާލައިފައެވެ. އޭގެ ތެރެއިން 10 ގޯލަކީ ނޮކްއައުޓް ބުރުގެ މެޗުތަކުގައި ޖެހި ގޯލުތަކެވެ. ބެންޒެމާ ވަނީ މިދިޔަ ސީޒަނުގައި ފްރާންސް ގައުމީ ޓީމަށް ކުޅުނު 10 މެޗުގައި ހަ ގޯލު ޖަހައިފައެވެ.
ކަރިމް ބެންޒެމާ
ކަރިމް ބެންޒެމާ
ކަރިމް ބެންޒެމާ