ފްރާންސްގެ ފުޓުބޯޅަ މެގަޒިންއިން ދޭ ފުޓްބޯޅައިގެ އެންމެ ޝަރަފުވެރި އެވޯޑު، ބެލޮންޑިއާ ހަފުލާގައި މިދިޔަ ސީޒަނުގެ ދުނިޔޭގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔަކަށް ސްޕެއިން އަދި ބާސެލޯނާގެ ޕަބްލޯ މާޓިން ޕައޭޒް ގަވީރިއާ (ގަވީ) ހޮވުނު އިރު، އެންމެ މޮޅު ގޯލްކީޕަރަކަށް ރެއާލް މެޑްރިޑްގެ ބެލްޖިއަމް ގޯލްކީޕަރު ތީބޯ ކޯޓުއާ ހޮވިއްޖެއެވެ.
ބެލޮންޑިއޯ ސެރެމޮނީގައި މިރޭ އިއުލާން ކޮށްފައި ވަނީ މިދިޔަ ސީޒަނުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑު، ކޮޕާ ޓްރޮފީގެ ހައްގުވެރިޔަކީ އުމުރުން އެންމެ 18 އަހަރުގެ ގަވީ ކަމަށެވެ. އޭނާއަށް މިރޭ އެވޯޑު ހަވާލުކޮށްދީފައި ވަނީ ބްރެޒިލްގެ ކުރީގެ ކުޅުންތެރިޔާ ރޮނާލްޑޯއެވެ.
މިއަހަރު އެންމެ ޒުވާން ކުޅުންތެރިޔާ އެވޯޑުގެ ދެވަނަ ރެއާލްގެ ފްރާންސް ތަރި އެޑުއާޑޯ ކަމަވިންގާއަށް ލިބުނު އިރު، ތިންވަނަ ލިބުނީ ޖަރުމަނުގެ ޒުވާން މިޑްފީލްޑަރު ޖަމާލް މުސިއެލާއެވެ. އެންމެފަހުން 2021 ވަނަ އަހަރު ކޮޕާ ޓްރޮފީ ހޯދި ޕެޑްރީ މިފަހަރު ގަދަ 10 އެއްގައި ހިމެނިފައެއް ނުވެއެވެ.
ބާސާގައިވެސް މިދިޔަ ސީޒަނުގައި މުހިއްމު ރޯލެއް އަދާކުރި ގަވީ ވަނީ ސްޕެއިންއާއެކު ނޭޝަންސް ލީގުގެ ރަނަރަޕްކަން ހޯދައިފައެވެ.
އެންމެ މޮޅު ގޯލްކީޕަރުގެ މަގާމު ހޯދި ކޯޝުއާއަށް ލެވް ޔެޝިން ޓްރޮފީ އެރުވީ ސެބެސްޓިއަން ހެލާއެވެ. ކޯޓުއާ ވަނީ ރެއާލްއާއެކު މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ. ހާއްސަކޮށް އޭނާގެ ފަރާތުން މުޅި މުބާރާތުގައިވެސް މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާ އިރު، ރެއާލްއިން ލީގު ކާމިޔާބުކުރުމުގައިވެސް ކޯޓުއާގެ ދައުރު ބޮޑެވެ.
މިފަހަރުގެ ބެލޮންޑިއޯ އެވޯޑުގައި ސަޑިއޯ މާނޭއަށް ވަނީ ސޮކްރާޓެސް އެވޯޑު ލިބިފައެވެ. އެ އެވޯޑަކީ އިންސާނިއްޔަތަށް ކުރާ ހިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ދޭ އެވޯޑެކެވެ. މާނޭއަކީ އަބަދުވެސް އޭނާގެ އުފަން ގައުމުގެ އިތުރުން އެހިނެހެން ސަރަހައްދުތަކަށްވެސް އެކިއެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭ ކުޅުންތެރިއެކެވެ.
މިރޭގެ އެވޯޑު ހަފުލާގައި ފްރާންސް ފުޓުބޯޅައިން ހޮވި އެންމެ މޮޅު ފޯވަޑް، ގާޑް މުލާ ޓްރޮފީ ހޯދީ ރޮބާޓް ލެވަންޑޯސްކީއެވެ. މިދިޔަ ސީޒަނުގައި 50 ގޯލު ޖެހި ލެވަންޑޯސްކީ ބަޔާން ދޫކޮށް މި ސީޒަނަށް ބާސާއަށް ގޮސްފައިވާ އިރު، ބާސާގައިވެސް އޭނާ ދަނީ ތަފާތު ދައްކަމުންނެވެ.
ބެލޮންޑިއޯ އެވޯޑު
ބެލޮންޑިއޯ އެވޯޑު
ބެލޮންޑިއޯ އެވޯޑު
ބެލޮންޑިއޯ އެވޯޑު