ދުނިޔޭގެ އެންމެ މޮޅު އަންހެން އަދި ފިރިހެން ފުޓުބޯޅަ ކުޅުންތެރިޔާ ހޮވުމަށް ފްރާންސްގެ ފުޓުބޯޅަ މެގަޒިންއިން ދޭ ފުޓުބޯޅައިގެ އެންމެ ޝަރަފުވެރި އެވޯޑު، ފްރާންސްފެ ތަރި ކަރިމް ބެންޒެމާ ހޯދައިފިއެވެ.

ރެއާލްގެ ކެޕްޓަން ބެންޒެމާ ވެފައި ވަނީ ފުޓުބޯޅައިގެ އެންމެ ޝަރަފުވެރި އެވޯޑު ހާސިލްކުރި ފްރާންސްގެ ފަސްވަނަ ކުޅުންތެރިޔާއަށެވެ. އޭގެ ކުރިން ބެލޮންޑިއޯ އެވޯޑު ހޯދި ފްރާންސްގެ ކުޅުންތެރިންނަކީ ރޭމަންޑް ކޮޕާ، މިޝޭލް ޕްލެޓީނީގެ އިތުރުން ޖީން-ޕިއޭ ޕަޕިން އަދި ޒައިނައްދީން ޒިދާނެވެ. އޭގެ ތެރެއިން ޕްލެޓީނީ ވަނީ ޖެހިޖެހިގެން ތިން ފަހަރަށް ބެލޮންޑިއޯ ކާމިޔާބުކޮށްފައެވެ.

ބެންޒެމާއަކީ މިދިޔަ އަހަރު ޔޫރަޕްގައި އެންމެ ވިދުންގަދަ ކުޅުންތެރިޔާއެވެ. އޭނާ ސީޒަން ނިންމާލީ ކުޅުނު 46 މެޗުން 44 ގޯލު ޖަހައި، 15 އެސިސްޓް ފުރިހަމަކޮށްގެންނެވެ. އެ ސީޒަނުގައި އޭނާ ވަނީ ރެއާލްއާ އެކު ޗެމްޕިއަންސް ލީގު ހޯދައި، ސްޕެއިންގެ ލީގުވެސް ކާމިޔާބުކޮށްފައެވެ. އޭގެ އިތުރުން ބެންޒެމާ ވަނީ މިދިޔަ އަހަރު އޮކްޓޯބަރު މަހު ފްރާންސް ގައުމީ ޓީމާއެކު ނޭޝަންސް ލީގުވެސް ކާމިޔާބު ކޮށްފައެވެ.

އުމުރުން 34 އަހަރުގެ ބެންޒެމާ ލީގުގައި 27 ގޯލު ޖަހައި، 12 އެސިސްޓް ފުރިހަމަ ކުރި އިރު، އޭނާއަކީ މިދިޔަ ސީޒަނުގެ ލީގު ޓޮޕް ސްކޯރާވެސް މެއެވެ. އޭގެ އިތުރުން ބެންޒެމާ ވަނީ ޗެމްޕިއަންސް ލީގުގައިވެސް 15 ގޯލު ޖަހައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ގޮތުގައި ނިންމާލައިފައެވެ. އޭގެ ތެރެއިން 10 ގޯލަކީ ނޮކްއައުޓް ބުރުގެ މެޗުތަކުގައި ޖެހި ގޯލުތަކެވެ. ޗެލްސީއާ ދެކޮޅަށް ކުޅުނު ކުއާޓާ ފައިނަލް ދެ ލެގުގައިވެސް ބެންޒެމާ ހެޓްރިކް ފުރިހަމަ ކުރި އިރު، އޭނާވެފައި ވަނީ ޗެމްޕިއަންސް ލީގުގައި ޖެހިޖެހިގެން ކުޅުނު ނޮކްއައުޓް ދެމެޗެއްގައި ހެޓްރިކް ހެދި ދެވަނަ ކުޅުންތެރިޔާއަށެވެ.

ބެންޒެމާ ވަނީ މިދިޔަ ސީޒަނުގައި ފްރާންސް ގައުމީ ޓީމަށް ކުޅުނު 10 މެޗުގައި ހަ ގޯލު ޖަހައިފައެވެ. ބެންޒެމާއަށް މިރޭގެ ހަފުލާގައި އެވޯޑު ހަވާލުކޮށްދިނީ ފްރާންސްގެ ފުޓުބޯޅަ ލެޖެންޑް ޒައިނުއްދީން ޒިދާނެއެވެ.

  • ކަރިމް ބެންޒެމާ
  • ސަޑިއޯ މާނޭ
  • ކެވިން ޑިބްރޭނާ
  • ރޮބާޓް ލެވަންޑޯސްކީ
  • މުހައްމަދު ސަލާހް
  • ކިލިއަން އެމްބާޕޭ
  • ތީބޯ ކޯޓުއާ
  • ވިނީޝިއަސް ޖޫނިއާ
  • ލުކާ މޮޑްރިޗް
  • އާލިން ހާލަންޑް

ފްރާންސްގެ ފުޓުބޯޅަ ނޫހެއް ކަމަށްވާ، ފްރާންސް ފުޓުބޯޅައިން 1956 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ ބެލޮންޑިއޯ އެވޯޑަކީ ފުޓުބޯޅައިގެ އެންމެ ޝަރަފުވެރި އިންޑިވިޖުއަލް އެވޯޑެވެ. އެ އެވޯޑުގެ ހައިބަތު ބޮޑުވުމުން 2010 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާ ހަމައަށް ފީފާއިން ވަނީ އެ އިދާރާއިން ހޮވާ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަކީވެސް ބެލޮންޑިއޯ ކަމަށް ހަމަޖައްސައިފައެވެ. އެ އެއްބަސްވުން ހަމަވެ، 2016 ވަނަ އަހަރުން ފެށިގެން ފީފާއިން އަނެއްކާވެސް ވަނީ ފީފާ ދަ ބެސްޓް އެވޯޑު ތައާރަފުކޮށް ދޭން ފަށައިފައެވެ.

ނަވާރަ ސަތޭކަ ފަންސާސް ހަވަނަ އަހަރުން ފެށިގެން 2006 ވަނަ އަހަރާ ހަމައަށް ބެލޮންޑިއޯ އެވޯޑަށް ވޯޓު ދިނީ ހަމައެކަނި ނޫސްވެރިން ނަމަވެސް، 2007 ވަނަ އަހަރުން ފެށިގެން ގައުމީ ޓީމުތަކުގެ ކެޕްޓަނުންނާއި ކޯޗުންނަށް ބެލޮންޑިއޯއަށް ވޯޓު ދެވޭ ގޮތަށް ބަދަލުކުރިއެވެ. 2007 ވަނަ އަހަރު ކުރިން ބެލޮންޑިއޯއަކީ ހަމައެކަނި ޔޫރަޕްގެ މޮޅު ކުޅުންތެރިޔާ ހޮވާ އެވޯޑެއް ނަމަވެސް އެ އަހަރަށްފަހު ދުނިޔޭގެ ހުރިހާ ކުޅުންތެރިން ވާދަކުރާ އެވޯޑަކަށް ބެލޮންޑިއޯ ބަދަލު ކުރިއެވެ.

އޭގެ އިތުރުން މި ސީޒަނަށް ވަނީ ބެލޮންޑިއޯއަށް އިތުރު ބަދަލުތަކެއްވެސް ގެނެސްފައެވެ. ބެލޮންޑިއޯގެ އުސޫލަށް ގެނައި އެންމެ ބޮޑު ބަދަލަކީ އެވޯޑަށް ވާދަކުރާ އެތުލީޓުންގެ ކުޅުމަށް ބަލައި މުއްދަތަށް ގެނައި ބަދަލެވެ. މީގެ ކުރިން އޮންނަ ގޮތުން ބެލޮންޑިއޯ ހޮވުމަށް ފަނޑިޔާރުން ބަލަނީ ކަލަންޑަރު އަހަރެއްގެ ކުޅުމަށެވެ. އޭރުން ފަނޑިޔާރުންނަށް ބަލަން ޖެހެނީ ދެ ސީޒަނަށެވެ. އެހެން އޮތް އޮތުން ބަދަލުކުރަން ފްރާންސް ފުޓްބޯލް މެގަޒިންއިން ނިންމައި، މިފަހަރު ބެލޮންޑިއޯ ދިނީ ސީޒަނަށް ބަލައިގެންނެވެ.

ބެލޮންޑިއޯގެ އުސޫލަށް ދެން ގެނައި އެއް ބަދަލަކީ ފަނޑިޔާރުކަން ކުރާ ޕެނަލްގައި ހިމެނޭނެ ނޫސްވެރިންގެ އަދަދަށް ގެނައި ބަދަލެވެ. ކުރިން އޮންނަ ގޮތުން ފިރިހެން އެވޯޑު ދެނީ 170 ކުޅިވަރު ނޫސްވެރިންގެ މައްޗަށް އެކުލެވޭ ޕެނަލަކުންނެވެ. ފަހުން އިއުލާން ކުރި ބަދަލާއެކު މިހާރު ބެލޮންޑިއޯ ފިރިހެން އެވޯޑަށް އިންސާފު ކުރާނީ 100 ނޫސްވެރިންގެ ޕެނަލަކުންނެވެ. އަދި އަންހެން އެވޯޑަށް އިންސާފުކުރާނީ 50 ނޫސްވެރިންގެ ޕެނަލަކުންނެވެ.

މީގެ ތިން އަހަރު ކުރިން ދޭން ފެށި އަންހެން ބެލޮންޑިއޯގެ އެވޯޑު މިފަހަރުވެސް ލިބުނީ މިދިޔަ އަހަރުވެސް އެ މަގާމު ހޯދި ސްޕެއިންގެ އެލީޒިއާ ޕުޓޭޔާސްއެވެ. މިދިޔަ ސީޒަނުގައިވެސް ބާސާއާ އެކު ޗެމްޕިއަންސް ލީގު ނަގައި އޭނާ ތަފާތު ދެއްކިއެވެ. އޭނާއަށް އެންމެފަހުގެ ޔޫރޯ ގެއްލުނީ އަނިޔާގެ ސަބަބުންނެވެ.

މިރޭ ފްރާންސްގައި ބޭއްވި ހިތްގައިމު އިވެންޓްގައި އެލީޒިއާއާ ޓްރޮފީ ހަވާލުކޮށްދިނީ ކުރިން ބެލޮންޑިއޯ ހޯދި ޔޫކްރެއިންގެ ފޯވަޑް އަންދްރޭސް ޝެވްޗެންކޯއެވެ.

ފްރާންސްގައި ބޭއްވި ގާލާ އިވެންޓްގައި ދުނިޔޭގެ އެންމެ މޮޅު ކްލަބަކަށް ހޮވުނީ މެންޗެސްޓާ ސިޓީއެވެ

މިހާތަނަށް ދުނިޔޭގެ ފުޓުބޯޅަ ދުއް އެންމެ ކާމިޔާބު ދެ ކުޅުންތެރިންނަކީ ލިއޮނަލް މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. މެސީ ރެކޯޑު ހަތް ފަހަރު ބެލޮންޑިއޯ ހޯދާފައިވާ އިރު، 2021 ވަނަ އަހަރު ބެލޮންޑިއޯ ހޯދީވެސް އޭނާއެވެ. ފުރިހަމަ ސީޒަނަކަށްފަހު މެސީ އެއަހަރު ބެލޮންޑިއޯ ކާމިޔާބުކުރި ނަމަވެސް އެންމެފަހުން ނިމިގެން ދިޔަ ސީޒަން އޭނާއަށްވެސް ކާމިޔާބެއް ނޫނެވެ.

އެތައް އަހަރުތަކެއް ވަންދެން ބާސެލޯނާގައި ކުޅުމަށްފަހު މެސީ މިދިޔަ ސީޒަނަށް ޕީއެސްޖީއަށް ބަދަލުވެފައިވާ އިރު، އެ ކްލަބާއެކު ފެށުން ދިޔައީ އެންމެ ރަނގަޅަކަށް ނޫނެވެ. އޭގެ ސަބަބުން މެސީއަށް މިފަހަރު ނިންމާލަން ޖެހުނީ ބެލޮންޑިއޯގެ ގަދަ 30ގެ ޝޯޓް ލިސްޓްގައި ނުހިމެނިއެވެ. އެ ލިސްޓްގައި ނުހިމެނުނު ކުޅުންތެރިންގެ ތެރޭގައި ނޭމާވެސް ހިމެނެއެވެ.

މިހާތަނަށް ފަސް ފަހަރު ބެލޮންޑިއޯ ހޯދާފައިވާ އުމުރުން 37 އަހަރުގެ ރޮނާލްޑޯ މިދިޔަ ސީޒަންގެ ބެލޮންޑިއޯ ނޮމިނޭޝަންގައިވެސް ނިންމާލީ ގަދަ ފަހަކުން ބޭރުގައެވެ. އަދި މިދިޔަ ސީޒަނަށް އަލުން ކުރީގެ ކްލަބު މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވި ރޮނާލްޑޯއަށް މިފަހަރު ނިންމާލަން ޖެހުނީ ބެލޮންޑިއޯ ރޭންކިންގެ 20 ވަނައިގައެވެ.

އެ ދެކުޅުންތެރިން ޖީލު މަޑުމަޑުން ފަހަތަށް ޖެހެމުންދާ އިރު، ގަދަ 20 ކުޅުންތެރިންގެ ތެރެއަށް ޒުވާން ކުޅުންތެރިންތަކެއް އިތުރުވެއްޖެއެވެ. ލިސްޓްގެ 17 ވަނައިގައި ލިވަޕޫލްގެ ލުއިސް ޑިއާޒާއި ޔުވެންޓަސްގެ ޑޫސަން ލަހޮވިޗް ހިމެނުނު އިރު، 13 ވަނައިގައި ޑޯޓުމަންޑުގެ ފޯވަޑް ސެބެސްޓިއަން ހެލާ ފާހަގަވެއެވެ. އޭނާ މިވަގުތު ދަނީ ކެންސަރަށް ފަރުވާ ކުރަމުންނެވެ. މިދިޔަ ސީޒަންގައި އަޔެކްސްއަށް ހެލާ ވަނީ 34 ގޯލު ޖަހައިދީފައެވެ.