އަންނަ އަހަރަށް ލަފާކޮށް އޮޑިޓާ ޖެނެރަލްގެ އޮފީހުން 95 މިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ހުށަހަޅައިފިއެވެ.
އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ބަޖެޓަކީ ދައުލަތުގެ ބަޖެޓާ ވަކިން މަޖިލީހަށް ހުށަހަޅައި ފާސްކުރަމުން އަންނަ ބަޖެޓެކެވެ.
ދައުލަތުގެ ބަޖެޓަށްވުރެ ކުރިން އޮޑިޓާ ޖެނަރަލް އޮފީހުގެ ބަޖެޓް ފާސްކުރަން ޖެހެނީ، ބައިނަލްއަގުވާމީ ޖަމާއަތެއް ކަމަށްވާ ސުޕްރީމް އޯޑިޓް އިންސްޓިޓިއުޝަންގެ މެމްބަރެއްގެ ގޮތުގައި ރާއްޖެ ހިމެނިފައިވާތީއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި އޮޑިޓް އޮފީހުގެ ބަޖެޓް ކޮމިޓީއަށް ހުށަހަޅުއްވި ބަޖެޓާބެހޭ މައުލޫމާތު ދެއްވީ، އެ އޮފީހުގެ މެނޭޖަރު މައިޔަމް މަފާޒާއެވެ.
އޮޑިޓް އޮފީހުން ހުށަހެޅި 95 މިލިޔަން ރުފިޔާގެ ބަޖެޓްގައި، 62 މިލިޔަން ރުފިޔާއަކީ ރިކަރެންޓް ހަރަދުގެ ގޮތުގައި ހިނގާނެ ކަމަށް ބެލެވޭ ފައިސާއެވެ. 32 މިލިޔަން ރުފިޔާއަކީ ކެޕިޓަލް ހަރަދަށް ލަފާކުރާ އަދަދެވެ.
އޮޑިޓް އޮފީހުން ބުނީ މިދިޔަ އަހަރަށްވުރެ، މިއަހަރުގެ ބަޖެޓް ބޮޑުވެފައި ވަނީ، ކައުންސިލްތައް އޮޑިޓް ކުރުމަށް ކުރަންޖެހޭ ހަރަދުތަކާއި އިންހައުސްކޮށް ކުރާ އޮޑިޓްތަކުގެ ހަރަދު އިތުރުވުމާ ގުޅިގެން ކަމަށެވެ.
އަންނަ އަހަރު 327 އޮޑިޓެއް ކުރުމަށް ނިންމާފައިވާ ކަމަށްވެސް ބުންޏެވެ. މިފަހަރު އެންމެ ބޮޑު އިސްކަމެއްދޭނެ އޮޑިޓްތަކުގެ ތެރޭގައި މުޅި ދައުލަތުގެ އޮޑިޓް ކަނޑައެޅިފައިވާ ތާރީހުގައި ނިންމުމާއި 88 ކައުންސިލެއް އޮޑިޓް ކުރާއިރު، ބާކީހުރި ކައުންސިލްތައް އައުޓްސޯސްކޮށްގެން އޮޑިޓް ކުރުން ހިމެނޭ ކަމަށްވެސް ބުންޏެވެ.
އަންނަ އަހަރު ކުރުމަށް ހަމަޖެހިފައިވާ އޮޑިޓްތަކުގެ ތެރޭގައި ސަރުކާރުން އެކި ފަރާތްތަކަށްދޭ ގެރެންޓީ އޮޑިޓާއި އެސްއޯއީތަކުގެ އޮޑިޓާއި ހަތަރު ޕަބްލިކް ފަންޑު އޮޑިޓް ކުރުމަށް ހަމަޖެހިފައިވާ ކަމަށާއި އަދި ސަރުކާރުން ހިންގާ މަޝްރޫއުތަކަކީ އޭގެ ސަބަބުން ކިހާވަރަކަށް ފައިދާ ކުރާނެ މަސައްކަތްތަކެއްތޯ ބެލުމަށް އޮޑީޓް ކުރާނެ ކަމަށްވެސް ބުންޏެވެ.
މިއަހަރަށް ރައްޔިތުންގެ މަޖިލީހުން އޮޑިޓާ ޖެނެރަލްގެ އޮފީހަށް ދޭން ފާސްކުރީ 90.3 މިލިޔަން ރުފިޔާއެވެ.
ޚަބަރު
ޚަބަރު
ޚަބަރު