ފެނާއި ކަރަންޓް ފަދަ މީޓަރު ބަހައްޓައިގެން ކުންފުނިތަކުން ދޭ ހިދުމަތްތަކަށް ބިލު ދެއްކުމުގައި ލުއިތައް ދެވޭނެ ހާލަތްތަކާއި ބިލު ނުދެއްކުމުން ހިދުމަތް ކަނޑާލަންޖެހޭ ގޮތްތައް ހިމެނޭ ގަވާއިދެއް ހަދަން ލާޒިމުކޮށް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނަށް ގެނައި އިސްލާހު މަޖިލީހުން ފާސްކޮށްފިއެވެ.
މި ބިލުގެ ބޭނުމެއް ކަމަށް ބިލުގައި ބުނެފައި ވަނީ އާންމު ބޭނުންތަކުން ހިދުމަތް ހޯދާ ފަރާތްތަކަށް ބިލުކުރާ މުއްދަތު ތަފާތުވުމުގެ ސަބަބުން ހިދުމަތް ހޯދާ ފަރާތްތަކަށް ބިލު ދެއްކުމުގައި ދިމާވާ ގޮންޖެހުންތަކަށް ލުއިތަކެއް ހޯދައި ދިނުމެވެ. އަދި އެ ހިދުމަތްތަކަށް ބިލު ކުރުމާ ގުޅިގެން ދިމާވާ މައްސަލަތައް ދެ ފަރާތުގެ ހައްގުތައް ހިމާޔަތްކުރެވޭ ގޮތަށް ހައްލު ކުރުމާއި ބިލިން ސައިކަލް ކަނޑައެޅުމާ ގުޅޭ އުސޫލުތަކާއި ބިލަށް ފައިސާ ދެއްކުމަށް މަދުވެގެން ދޭންޖެހޭނެ މުއްދަތެއް ކަނޑައެޅުމާބެހޭ އުސޫލުތަކަށް ގާއިމުކުރުންވެސް މި ބިލުގެ ބޭނުންތަކުގެ ތެރޭގައި ހިމެނެއެވެ.
މީގެ އިތުރުން ބިލު ދެއްކުމުގައި ލުއިތައް ދެވޭނެ ހާލަތްތަކާއި ގޮތްތަކާބެހޭ އުސޫލުތަކާއި ބިލު ނުދެއްކުމުގެ ސަބަބުން ހިނގާ ޖޫރިމަނާ ކަނޑައެޅުމުގެ އުސޫލުތަކާއި ބިލު ނުދެއްކުމުގެ ސަބަބުން ހިދުމަތް މެދުކަނޑާލަންޖެހޭ ހާލަތްތަކަކީ ކޮބައިކަމާއި އެފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ އެ ހާލަތްތަކުގައި އަމަލުކުރަންޖެހޭ އިޖުރާއަތްތަކާބެހޭ އުސޫލުތަކާއި އެނޫންވެސް އާއްމު ބޭނުންތަކުގެ ހިދުމަތްތައް ފޯރުކޮށްދޭ އެންމެހައި ފަރާތްތަކުން އެއް ހަމައަކުން އަމަލު ކުރުމަށްޓަކައި އެކުލަވާލަންޖެހޭ ގަވާއިދު އެކުލަވާލުމަށް މަގުފަހިކުރުންވެސް މި އިސްލާހު ގެންނަ ހުށަހަޅާފައިވާ ސަބަބުތަކުގެ ތެރޭގައި ހިމެނެއެވެ.
ޔުޓިލިޓި ރެގިއުލޭޓަރީ އޮތޯރިޓީން އެކުލަވާލަންވާނެ ކަމަށް ބިލުގައި ކަނޑައަޅާފައިވާ މި ގަވާއިދުގައި ހިމަނަންޖެހޭ ކަންތައްތައް ވެސް ބިލުގައި ވަނީ ހިމަނައިފައެވެ.
އެގޮތުން އެއް މުއްދަތެއްގެ ބިލިން ސައިކަލްއެއް ކަނޑައެޅުމާ ގުޅޭ އުސޫލުތަކާއި ބިލު ދެއްކުމަށް މަދުވެގެން ދޭންޖެހޭނެ މުއްދަތެއް ކަނޑައެޅުމާ ގުޅޭ އުސޫލުތަކާއި ބިލު ދެއްކުމުގައި ލުއިތައް ދެވޭނެ ހާލަތްތަކާއި ގޮތްތައް އެ ގަވާއިދުގައި ބަޔާންކުރަންވާނެ ކަމަށް ބުނެފައިވެއެވެ.
ބިލު ނުދެއްކުމުގެ ސަބަބުން ހިނގާ ޖޫރިމަނާ ކަނޑައެޅުމުގެ އުސޫލުތަކާއި ބިލު ނުދެއްކުމުގެ ސަބަބުން ހިދުމަތް މެދުކަނޑާލަންޖެހޭ ހާލަތްތަކަކީ ކޮބައިކަމާއި އެފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ އެ ހާލަތްތަކުގައި ކޮންމެހެން އަމަލުކުރަންޖެހޭ އިޖުރާއަތްތައް ހިމެނުމަށްވެސް ވަނީ ބިލުގައި ހިމަނައިފައެވެ.
އޭގެ އިތުރުން މީޓަރު އާއްމު ބޭނުންތަކުގެ ހިދުމަތްތަކުގެ ތެރެއިން މީޓަރު މެދުވެރިކޮށް ދޭ ހިދުމަތްތަކުގައި މީޓަރު ރަޖިސްޓްރީ ކޮށްފައި ހުންނަންވާނީ އިމާރާތުގެ ވެރިފަރާތުގެ ނަމުގައި ކަމަށާއި އެ ހިދުމަތް ބޭނުންކުރަނީ މީޓަރު ރަޖިސްޓްރީ ކޮށްދީފައިވާ ފަރާތް ނޫން އެހެން ފަރާތެއްނަމަ އެ ފަރާތުގެ ނަމުގައި އެ ހިދުމަތެއް، ރަޖިސްޓްރީ ކުރެވިދާނެ ކަމަށްވެސް ބުނެފައިވެއެވެ. އެގޮތަށް ރަޖިސްޓްރީ ކޮށްފިނަމަ، އެ ހިދުމަތް ރަޖިސްޓްރީ ކުރި މުއްދަތަކަށް، ހިދުމަތަށް ހިނގާ ހަރަދުގެ ޒިންމާ އުފުލާނީ ރަޖިސްޓްރީ ކޮށްފައިވާ ފަރާތުން ކަމަށްވެސް ބުނެފައިވެއެވެ.
މި ގާނޫނުގެ އެއްވަނަ މާއްދާގެ ދަށުން އެކުލަވާލަންޖެހޭ ގަވާއިދުތައް މި ގާނޫނަށް އަމަލު ކުރަންފަށާ ތާރީހުން ފެށިގެން ގިނަވެގެން ތިން މަސް ދުވަހުގެ ތެރޭގައި އެކުލަވާނެ ކަމަށްވެސް ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު