ޚަބަރު

ޓީޖީއެސްޓީއާއި ޖީއެސްޓީ ބޮޑުކުރަން ހުށަހެޅީ، ވޯލްޑްބޭންކާއި އައިއެމްއެފުން ލަފާދޭތާ އެތައްދުވަހެއް ފަހުން: މިނިސްޓަރު

އިބްރާހިމް ޒަކީ

ޓޫރިޒަމް ދާއިރާގެ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް، (ޓީޖީއެސްޓީ) އާއި ޓޫރިޒަމް ދާއިރާ ފިޔަވައި އެނޫން ދާއިރާތަކުގެ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް، (ޖީއެސްޓީ) ބޮޑުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނީ، އެކަން ކުރުމަށް ވޯލްޑް ބޭންކާއި އައިއެމްއެފް އިން ލަފާދޭތާ އެތައް ދުވަހެއް ފަހުން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަމީރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ސަރުކާރުގެ ހަރަދުތައް ކުޑަ ނުކޮށް، ޖީއެސްޓީ ބޮޑުކުރަން މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައިގައި، އިދިކޮޅު ޕީއެންސީގެ މެންބަރު މަޑުއްވަރީދާގެ މެންބަރު އާދަމް ޝަރީފް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ޓީޖީއެސްޓީ 16 ޕަސެންޓަށް އަދި ޖީއެސްޓީ 8 ޕަސެންޓަށް ބޮޑުކުރަން ސަރުކާރުން ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައަވެ.

މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި އެ ބިލު މަޖިލީހަށް ބަލައިގަނެ، ދިރާސާ ކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީއަށް މިދިޔަ ބުރާސްފަތި ދުވަހު ވަނީ ފޮނުވައިފައެވެ.

އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އަމަލުކުރަން ނިންމާފައިވާ އެ ބިލުގައި ބުނެފައިވަނީ އެ އިސްލާހު ހުށަހެޅުމުގެ މައިގަނޑު ބޭނުމަކީ ދައުލަތުގެ ހަރަދުގެ ސިޔާސަތުތަކާއި ދުނިޔޭގެ އިގުތިސާދަށް އަންނަ ބަދަލުތަކުގެ ސަބަބުން ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ފިޔަވަޅުތަކެއް ނާޅައިފި ނަމަ، އާމްދަނީން ރިކަރަންޓް ހަރަދުތައް ހަމަނުޖެއްސޭނެ ކަމަށް ފާހަގަވާތީ ދައުލަތަށް ލިބޭ އާމްދަނީން ހަރަދުތައް ހަމަޖެއްސުމަށް ކަމަށެވެ.

މި އިސްލާހުގައި ޓީޖީއެސްޓީ ބޮޑުކުރަން ހުށަހަޅާފައި ވަނީ 12 ޕަސެންޓުން 16 ޕަސެންޓަށެވެ. އަދި ޖީއެސްޓީ ބޮޑުކުރަން ހުށަހަޅާފައިވަނީ ހަ ޕަސެންޓުން އަށް ޕަސެންޓަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ފިނޭންސް މިނިސްޓަރާ ސުވާލު ކުރައްވަމުން މެންބަރު އާދަމް ޝަރީފް ވިދާޅުވީ، ރާއްޖޭގެ ސަރުކާރު ހިންގުމުގެ ހަރަދުތައް ކުޑަ ކުރުމަށް ބައިނަލް އަގުވާމީ މާލީ އިދާރާތަކުން ގޮވާލަމުން އަންނައިރު އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވެސް އެގޮތަށް ލަފާދެއްވަމުން ގެންދަވާ ކަމަށެވެ. އެހެންކަމުން އެ ލަފާ ގަބޫލު ނުކުރައްވަނީ ކީއްވެތޯ އާއި ސަރުކާރު ހިންގުމުގެ ހަރަދު ކުޑަ ނުކޮށް، ރައްޔިތުން އަތުން ނަގާ ޖީއެސްޓީ ބޮޑު ކުރަނީ ކީއްވެތޯ، ސުވާލު ކުރެއްވިއެވެ.

މެންބަރު ޝަރީފްގެ ސުވާލާ ގުޅިގެން މިނިސްޓަރު އަމީރު ވިދާޅުވީ، ކޮވިޑުގެ ހާލަތާ ގުޅިގެން ދައުލަތަށް ލިބޭ އަމްދަނީ ވަރަށްބޮޑުތަނުން ދަށަށްދިޔަ ކަމަށެވެ. އެއާއެކުވެސް "ރިސްޕޮންސިބްލް ސަރުކާރަކުން އަޅުގަނޑުމެން ކުރަން ޖެހޭ ކަންތައްތައް އަޅުގަނޑުމެން ކުރަމުން އައިން. ރަށްރަށުގައި ކުރިއަށްގެންދާ ޕްރޮޖެކްޓްތައް ހަމަ ބަރާބަރަށް ހިނގަމުން އެބަދޭ، ސިވިލްސާވިސްގެ މުސާރައެއް ކުޑައެއް ނުކުރޭ، އެއްވެސް މީހެއްގެ ވަޒީފާއެއް ނުގެއްލޭ، މި މަސައްކަތް އަޅުގަނޑުމެން ކުރަން ޖެހުނީ ދަރަންޏަށް ފައިސާ ނަގައިގެން އެއީ ހަގީގަތަކީ،" މިނިސްޓަރު ވިދާޅުވިއެވެ.

އެހެންކަމުން ދެމެހެއްޓެނިވި ގޮތެއްގައި ދަރަނި ދައްކަމުން ގެންދިއުމަށާއި، ރައްޔިތުން ބޭނުންވާ ތަރައްގީގެ އިތުރު ޕްރޮޖެކްޓްތައް ކުރިއަށް ގެންދިއުމަށް އާމްދަނީ އިތުރު ކުރެވޭނެ ގޮތްތައް ހޯދަން ޖެހޭ ކަމަށާއި، ޖީއެސްޓީ އިތުރު ކުރުމާއި ޓީޖީއެސްޓީ އިތުރު ކުރުމަށް ހުށަހެޅީ އެގޮތުންކަމަށްވެސް ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ އެހެން ގައުމުތަކާއަޅާބަޅާއިރު ރާއްޖޭގެ ޖީއެސްޓީ އާއި ޓީޖީއެސްޓީ ރޭޓު ކުޑަ ކަމަށެވެ. ވޯލްޑް ބޭންކާއި އައިއެމްއެފުންވެސް އެކަން ފާހަގަކޮށްފައިވާ ކަމަށާއި، އެ ޓެކްސް ބޮޑުކުރަން ހުށަހެޅީ އެ ފަރާތްތަކުގެ އެއްބަސްވުމާއެކު، އެކަން ކުރުމަށް އެފަރާތްތަކުން ހުށަހަޅަމުން ގެންދާތާ އެތައް ދުވެހެއް ވެފައި ވަނިކޮށް ކަމަށްވެސް ވިދާޅުވިއެވެ.

"ތިބޭފުޅުންނަށް ފާހަގަވާނެ ދުނިޔޭގެ އެހެން ގައުމުތަކާ އަޅާ ބަލާއިރު ހާއްސަކޮށް، ފަތުރުވެރިކަމަށް ބަރޯސާވާ އެހެނިހެން ކުދި ގައުމުތަކާ އަޅާބަޅާއިރު ރާއްޖޭގެ ޓީޖީއެސްޓީ ރޭޓުވެސް ކުޑަކަން، އައިއެމްއެފްވެސް ވޯލްޑްބޭންކުވެސް ރާއްޖޭގެ ޓީޖީއެސްޓީ ރޭޓްވެސް އަދި ޖީއެސްޓީ ރޭޓްވެސް އެހެންގައުމުތަކާ އަޅާބަލާއިރު ކުޑަކަން ފާހަގަކުރޭ، އެކަންކަން އަޅުގަނޑުމެން ކުރަން އެތައް އަހަރުތަކެއް ވަންދެން އަޅުގަނޑުމެންނަށް އެޑްވައިޒް ދެމުން އަންނަ ކަންތައްތަކެއްމީ އެހެންވީމަ އެގޮތަށް މަސައްކަތް ކުރިއަށް މިގެންދަނީ،"

އޭގެ އިތުރުން އަމީރު ވިދާޅުވީ، ދައުލަތުގެ ހަރަދަށް ޒިންމާވާ ގާނޫނުގެ ދަށުން މަޖިލީހަށް ފޮނުވަން ޖެހޭ މީޑިއަމްޓާމް ފިސްކަލް ސްޓްރެޓަޖީ އާއި މީޑިއަމް ޓާމް ޑެތު ސްޓްރެޓަޖީ ޖުލައި 31 ގައި މަޖިލީހަށް ފޮނުވާފައިވާނެ ކަމަށެވެ. 2023 އިން ފެށިގެން 2025 އާ ހަމައަށް ދައުލަތުގެ ފިސްކަލް ސްޓްރެޓަޖީ ހިންގާނެ ގޮތާއި ދައުލަތުގެ ދަރަނީގެ ސްޓްރެޓަޖީ ހިންގާނެ ގޮތް، އޭގެން އެނގިގެންދާނެ ކަމަށާއި، ރިކަރަންޓް ހަރަދު ކުޑަ ކުރާނެ ގޮތާއި ދައުލަތަށް އާމްދަނީ އިތުރު ކުރަން ހުށަހަޅާފައިވާ ކަންތައް އޭގައި ފާހަގަކޮށްފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ. އެ ފިސްކަލް ސްޓްރެޓަޖީ އަކީ ބޭރުގެ ޖަމިއްޔާ ޖަމާއަތްތަކާއި ވޯލްޑްބޭންކާއި އައިއެމްއެފާ ހިއްސާ ކޮށްގެން އެ މީހުންގެ އެންޑޯޒްމެންޓާއެކު އެކުލަވާލާފައިވާ އެއްޗެއް ކަމަށްވެސް ވިދާޅުވިއެވެ.