އެ މަނިކުފާނުގެ ވެރިކަމެއްގައި އިންޓެލިޖެންސް ރިޕޯޓު ބޭނުން ކޮށްގެން މީހުން ހައްޔަރުކުރުން ނިމުމަކަށް ގެންނާނެ ޕީޕީއެމް/ޕީއެންސީގެ ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

ހއ. ކެލާގައި މިރޭ ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ، އެ މަނިކުފާނުގެ ވެރިކަމެއްގައި އިންޓެލިޖެންސް ރިޕޯޓު ބޭނުން ކޮށްގެން މީހުން ހައްޔަރުކުރުމާއި ބަންދުކުރުން ނިމުމަކަށް ގެންނާނެ ކަމަށެވެ. އަދި ވިދާޅުވީ ގާނޫނީ ގޮތުން ވަރަށް ބޮޑު ބާރެއް ލިބޭ އިންޓެލިޖެންސް ރިޕޯޓު ފުލުހުން ބޭނުން ކުރާނީ ސިޔާސީ ބޭނުމަށް ކަމަށެވެ.

"ފުލުހުންނަށް އަބަދުވެސް ލިބޭނެ ކޮންމެވެސް އިންޓެލިޖެންސް ރިޕޯޓެއް. ސިޔާސީ ގޮތުން ހިފައި ހައްޔަރުކުރަން ބޭނުންވެއްޖެނަމަ ފުލުހުން ކައްކާނެ ކޮންމެސް ފޮލައެއް. އިންޓެލިޖެންސް ރިޕޯޓެއް ހަދާނެ. ގާނޫނުގައި އެބަ ބުނޭ ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓަށް ބިނާކޮށް އެމީހަކީ ނުރައްކާތެރި މީހަކަށްވާނަމަ ފަނޑިޔާރަށް އެމީހަކު އެކަހެރި ކުރަން އެބަޖެހޭ،" ޔާމީން ވިދާޅުވިއެވެ.

އިންޓެލިޖެންސް ރިޕޯޓުގައި ޓެރަރިޒަމްގެ ކަންތައް ބަޔާންކުރާ އިރު، އެއީ ވަރަށް ބޮޑެތި ކުށްތަށް ކަމަށާއި އެކަމަކު އެ ރިޕޯޓު ބޭރުގެ ފަރާތަކަށް ފެނިއްޖެނަމަ ހައިރާންވާނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ ފުލުހުންގެ މުއައްސަސާ ސިޔާސީ ވެފައިވާ ކަމަށާއި ގިނަ ފުލުހުން އެކަންކަމާ ދެކޮޅު ކަމަށެވެ. ނަމަވެސް ފުލުހުންގެ އިސްވެރިން އަންގާ ގޮތަކަށް އެ ފުލުހުން އަމަލުކުރަން މަޖުބޫރުވެފައިވާ ކަމަށް ޔާމީން ވިދާޅުވިއެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަކީ ސްލޫކީ މައްސަލައެއްގައި ވަޒީފާއިން ވަކިކުރި ފަރާތެއް ކަމަށާއި ދުނިޔޭގެ ބެސްޓް ޕްރެކްޓިސްގެ މަދަނީ އިޖުރާއަތްތަކާ އެއްގޮތަށް ހަމީދު މައްސަލަ ކޯޓުން ބެލިނަމަ، އަލުން ވަޒީފާ ދިނުމަށް އަމުރު ނުކުރާނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

ލޭންޑު ޔޫސް ޕްލޭނުގެ ކަންކަން މިހާރު އޮތް ގޮތް އެ މަނިކުފާނުގެ ވެރިކަމެއްގައި ބަދަލުކުރާނެ ކަމަށެވެ. އަދި ވިދާޅުވީ ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭން މައި ސަރުކާރުން ފާސްކުރަން ނުޖެހޭނެ ކަމަށާއި މިހާރު ލޭންޑް ޔޫސް ޕްލޭން އޮތް ގޮތުން ރަށްރަށުގެ ރައްޔިތުން ބޭނުންވާ ކަންކަން ފުދެމުންނުދާ ކަމަށް ޔާމީން ވިދާޅުވިއެވެ.

"މާލޭގައި ތިބޭ ބަޔަކު ކީއްކުރަންތޯ ބަލަންވީ ކެލާގައި ސްކޫލް އަޅަން ބިން ބާއްވާފައޮތްތޯ. ސްކޫލް ބޮޑުކުރަން ކިހައި ބިމެއްތޯ ބާއްވާފަ އޮތީ. ވަށަފަރުގެ ގަބުރުސްތާނެއް ބޮޑުކުރަމަށްޓަކައި ބިން ބޭއްވިތޯ ނޫނިއްޔާ ހިނަވާގެ ހެދުމަށްޓަކައި ބިން ބޭއްވިތޯ. މާލެއަށްތޯ ބަލަންވީ އެރަށުގެ ރައްޔިތުންތޯ ބަލަންވީ. ސިއްހީ މަރުކަޒު ބޮޑުކުރަން ވެއްޖިއްޔާ، ސިއްހީ މަރުކަޒެއް އަޅަން ވެއްޖިއްޔާ ނޫނީ ގެސްޓްހައުސް ހަދަން ކަމަށްވަންޏާ މާލޭގައި ތިބޭ މީހުންތޯ އެކަން ބަލަންވީ، އެރަށުގެ ރައްޔިތުން ދެއްތޯ އެކަން ބަލާނީ،" ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ އެ މަނިކުފާނަށް ވެސް ލޯކަލް ކައުންސިލްތައް ހިނގާ ގޮތް ތަޖުރިބާ ކުރެވިފައިވާ ކަމަށެވެ. އެ ތަޖުރިބާގެ އަލީގައި މިހާރު ލޭންޑު ޔޫސް ޕްލޭން އޮތް ގޮތުން ރައްޔިތުން ބޭނުންވާ އިގުތިސޯދީ މަންފާ އާއި ސިނާއީ މަސައްކަތަށް ބިން ދޫކުރެވެން ނޯންނާނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

"މިއީ އަޅުގަނޑުމެންގެ ސަރުކާރެއްގައި މިކަން ކައުންސިލުތަކަށް ނޫނިއްޔާ ރައްޔިތުން ބާރުވެރިކުރުވުމަށް އޮތް ޕްލޭނަކީ. ލޭންޑް ޔޫސް ޕްލޭން ހަދާނީ އެ ރަށެއްގެ ރައްޔިތުން. މާލެއާ ހަމައަށް ފޮނުއްވަން ނުޖެހޭނެ. ފާސްކުރާކަށް ނުޖެހޭނެ. އެ ލޭންޑް ޔޫސް ޕްލޭން ހަދައިގެން ބުރަ ވެސް އުފުލާނީ އަދި އޭގެއިން ފައިދާ ވެސް ލިބޭނީ އެ ރަށެއްގެ ރައްޔިތުންނަށް. އެއީ ދެއްތޯ ރައްޔިތުން ބާރުވެރިކުރުމަކީ،" ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ޖަގަހަތައް ހަދަންވެސް ސަރުކާރުން ބިން ދެމުންނުދާ ނަމަވެސް ގާނޫނުގައި ސިޔާސީ ޕާޓީތަކުގެ ތެރެއިން 10،000 މެމްބަރުން ހަމަވާ ޕާޓީތަކަށް ބިން ދޭން ޖެހޭ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.