ށ. ފޭދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، އެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ އެންމެ ފަހު ޝިޕްމަންޓް އެރަށަށް ގެންގޮސްފިއެވެ.

އެމްޓީސީސީން މިއަދު ބުނީ ފޭދޫ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ބޭނުންވާ ބޮޑު ހިލައިގެ ތިންވަނަ ޝިޕްމެޓް މިއަދު އެރަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެރަށު ބަނދަރުގެ އެއްގަމު ތޮށި ލުމުގެ މަސައްކަތް އެއްކޮށް މިހާރު ނިމިފައިވާ ކަމަށެވެ.

ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ އެ މަޝްރޫއު ހަވާލުކުރީ 29 ސެޕްޓެމްބަރު 2019 ގައެވެ. މިއީ 35.6 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އެ މަޝްރޫއުގެ ދަށުން 27،500 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 378 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 90 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނެއެވެ. އަދި 276 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި 1،380 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމެންޓު ހެދުމާއި މަގުބައްތި ހަރުކުރުމާއި ނެރުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.