ޑިޕްލޮމެޓިކް މިޝަންތަކާއި ކޮންސިއުލާ ޕޯސްޓުތަކުގެ ވަޒީފާތަކަށް ކުރިމަތިލެވޭނީ ހަމައެކަނި ފޮރިން މިނިސްޓްރީގެ މުވައްޒަފުންނަށް އެކަނި ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ފޮރިން މިނިސްޓްރީގައި މަސައްކަތް ނުކުރާ އަދި ހާރިޖީ ދާއިރާގެ ތައުލީމާއި ތަޖުރިބާ ނެތް މީހުންނަށް ސަރުކާރުން އެމްބަސީތަކުން ވަޒީފާދޭ ކަމަށް ބުނެ މީގެ ކުރިން ވަނީ ސަރުކާރަށް ފާޑުކިޔުން އަމާޒުވެފައެވެ.
ފޮރިން މިނިސްޓްރީން މިއަދު ވަނީ "ޕޯސްޓިންއަށް މީހުން ފޮނުވުމާއި އަނބުރާ ގެނައުމާ ބެހޭ ގަވާއިދު" ޝާއިއުކޮށްފައެވެ. އެ ގަވާއިދަކީ "ދިވެހިރާއްޖޭގެ ފޮރިން ސާވިސްގެ ގާނޫނު"ގެ ދަށުން ބާރު ލިބިގެން، ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކާއި ކޮންސިއުލާ ޕޯސްޓުތަކުގެ ވަޒީފާތަކުގެ ތެރެއިން ސަފީރުގެ ވަޒީފާ ފިޔަވައި އެހެން ވަޒީފާތަކަށް މީހުން ފޮނުވުމާއި އަނބުރާ ގެނައުމާ ގުޅޭ އުސޫލުތައް ބަޔާންކުރާ ގަވާއިދެވެ.
އެ ގަވާއިދުގައިވާ ގޮތުން ޑިޕްލޮމެޓިކް މިޝަންތަކާއި ކޮންސިއުލާ ޕޯސްޓުތަކުގެ ވަޒީފާތަކަށް ހުޅުވާލަންވާނީ ހަމައެކަނި ފޮރިން މިނިސްޓްރީގެ މުވައްޒަފުންނަށެވެ. ވަޒީފާތަކަށް ނަން ހުށަހެޅުމަށް ގަސްތު ކުރާ ތަރުތީބަކުން ހުށަހެޅުމުގެ ފުރުސަތު އޮންނަންވާނެ ކަމަށާއި އެގޮތުން އެކަމަށް 14 ދުވަހުގެ މުއްދަތެއް ދޭންވާނެ ކަމަށް ވެސް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.
ނަމަވެސް ހާއްސަ ހާލަތްތަކުގައި އެ މުއްދަތައް ބަދަލު ގެނައުމުގެ ބާރު ފޮރިން މިނިސްޓަރަށް ލިބިގެންވެއެވެ.
ޑިޕްލޮމެޓިކް މިޝަންތަކާއި ކޮންސިއުލާ ޕޯސްޓުތަކުގެ ވަޒީފާތަކަކަށް ކުރިމަތިލާ މުވައްޒަފުންގެ ތެރެއިން "ސެކަންޑްމަންޓް އުސޫލުން މުވައްޒަފުން ހޮވުމުގައި ބަލާނެ ޝަރުތުތަކާއި މިންގަނޑުތަކުގެ އުސޫލު" އާ އެއްގޮތަށް މުވައްޒަފުން ހޮވާނީ ފޮރިން މިނިސްޓަރުގެ މަޝްވަރާއާ އެކު ފޮރިން ސެކްރެޓަރީއެވެ.
ހާއްސަ ހާލަތްތަކުގައި ޕޯސްޓިންއަށް ޝަރުތު ހަމަވާ މުވައްޒަފުން މިނިސްޓަރު ނިންމާ ގޮތެއްގެ މަތިން ޕޯސްޓިންއަށް ފޮނުވިދާނެ ކަމަށް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.
ޑިޕްލޮމެޓިކް މިޝަންތަކާއި ކޮންސިއުލާ ޕޯސްޓުތަކުގެ ވަޒީފާތަކަށް މުވައްޒަފުން ފޮނުވޭނީ ގިނަވެގެން ތިން އަހަރަށެވެ. ނަމަވެސް މުވައްޒަފެއްގެ ޕޯސްޓިން އިތުރު އެއް އަހަރަށް އިތުރުކުރުމުގެ ބާރު ފޮރިން މިނިސްޓްރަށް ލިބިގެންވާ ކަމަށް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.
ޕޯސްޓިންއަށް މުވައްޒަފުން ފޮނުވުމާއި އަނބުރާ ގެނައުމުގައި ބަލަންޖެހޭ ކަންތައްތަކާއި މުވައްޒަފުންގެ މަސްއޫލިއްޔަތު ވެސް އެ ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު