އައިޖީއެމްއެޗްގައި މަސައްކަތް ކުރި ޕިލިޕީންސްގެ ނަރުސް މޭރީ ގްރޭސް މަރާލިކަމުގެ ތުހުމަތު ރައްދުވާ އޭނާގެ ފިރިމީހާ މާވިން އެސްވައި އާއި އޭނާގެ ދިވެހި ލޯބިވެރިޔާ ޅ. ހިންނަވަރު/ މާފިނި، ހަލީމަތު ލަމްހާ އަބްދުއްރަހްމާންގެ މައްޗަށް ހިންގާ ޝަރީއަތުގެ ހެކިބަސް ނެގުމުގެ މަރުހަލާ ސިއްރުކޮށްދޭން ލަމްހާގެ ފަރާތުން އެދިއްޖެ އެވެ.

މޭރީ މަރާލައިފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 19 ވަނަ ދުވަހުއެވެ. އޭގެ ދެ ދުވަސް ފަހުން މާވިން ހައްޔަރުކުރިއިރު ލަމްހާ ހައްޔަރުކޮށްފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ. އެ ދެ މީހުންގެ މައްޗަށް ދައުވާ އުފުލައި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކުރިމިނަލް ކޯޓަށް މައްސަލަ ފޮނުވީ މިދިޔަ ޖެނުއަރީ މަހުގެ ހަތަރު ވަނަ ދުވަހުއެވެ.

މޭރީގެ ފިރިމީހާ މާވިންގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ އެނގިހުރެ މީހަކު މެރުމުގެ ދައުވާއެވެ. ލަމްހާގެ މައްޗަށް ތިން ދައުވާއެއް އުފުލާފައިވެއެވެ. އެއީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާއާއި ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާއެވެ.

އެ މައްސަލައިގައި ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ހަމަޖައްސާފައިވަނީ އޮތީ ދައުލަތުގެ ހެކީންގެ ހެކިބަސް ނެގުމަށެވެ. ނަމަވެސް އަޑުއެހުން ފެށުމާއެކު، ލަމްހާގެ ވަކީލު އަހުމަދު ޔާމީން ވަނީ ހެކިބަސް ނެގުމުގެ އަޑުއެހުން ސިއްރުކޮށްދޭން އެދިފައެވެ. އެއީ އަޑުއެހުން ހާމަކޮށް ކުރިއަށް ގެންގޮސްފިނަމަ އަދުލުވެރިކަމަށް އަސަރުކޮށްފާނެ ކަމަށް ވާތީ ކަމަށް ވިދާޅުވިއެވެ. ލަމްހާގެ ވަކީލު އަބްދުﷲ ޝާއިރުވެސް ޔާމީންގެ ހުށަހެޅުމަށް ތާއީދުކުރެއްވިއެވެ.

އެހެންވެ، މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒް ރަޝާދު ނިންމެވީ، އަޑުއެހުންތައް ސިއްރުކުރުމުގެ ބަހުސް ސިއްރުކުރުމަށެވެ.

މޭރީ މަރާލިކަމުގެ ދައުވާ ސާބިތުކުރަން މާވިން އާއި ލަމްހާއާ ދެކޮޅަށް ވަނީ 74 ޝަފައީ ހެކިންނާއި 36 ކިތާބީ ހެކި ހުށަހަޅާފައެވެ. މި މައްސަލައިގެ އަޑުއެހުމެއް މާދަމާއަށްވެސް ވަނީ ތާވަލުކޮށްފައެވެ.