އިންގްލެންޑް އަދި ޗެލްސީގެ ވިންގް ބެކް ރީސް ޖޭމްސްގެ ކަކުލަށް ލިބުނު އަނިޔާގެ ސަބަބުން އަށް ހަފުތާއަށް ކުޅުމާ ދުރަށް ދާން ޖެހިފައިވާ ކަމަށް ޗެލްސީން ބުނެފިއެވެ.

ޖޭމްސްގެ ކަކުލަށް އަނިޔާވީ ޗެލްސީން އެންމެފަހުން ޗެމްޕިއަންސް ލީގުގައި އޭސީ މިލާނާ ދެކޮޅަށް ކުޅުނު މެޗުގައެވެ. އާދަޔާހިލާފު ރަނގަޅު ފޯމެއްގައި މިވަގުތު ހުރި ޖޭމްސްގެ ކަކުލަށް އަނިޔާވެ އެ މެޗުގެ ދެވަނަ ހާފުގައި ބާލަން ޖެހިފައިވާ އިރު، އޭނާގެ ބަދަލުގައި ކުޅެން ނުކުމެފައިވަނީ ޗެލްސީގެ ކެޕްޓަން ސެޒާ އަޒްޕިލިކުއޭޓާއެވެ.

ޖޭމްސްގެ އަނިޔާއާ ގުޅިގެން ޗެލްސީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޖޭމްސްގެ ކަކުލަށް ލިބުނު އަނިޔާގެ ސަބަބުން ޗެލްސީގެ މެޑިކަލް ޓީމުން ބެލުމަށްފަހު، މިއަދު ހާއްސަ ޑޮކްޓަރަކަށް ދައްކާފައިވާ ކަމަށެވެ. ހާއްސަ ޑޮކްޓަރުގެ ލަފަޔާއެކު ޖޭމްސް އަނިޔާއިން ރަނގަޅުވުމަށް މިހާރު ހާއްސަ ރިހެބިލިޓޭޝަން ޕްރޮގްރާމެއް ފަށާފައިވާ ކަމަށެވެ. އަދި ޖޭމްސްއަށް އެނބުރި ކުޅުމަށް އާދެވޭނީ އަށް ހަފުތާ ފަހުން ކަމަށް ޗެލްސީން ބުންޏެވެ.

ޖޭމްސް ސާޖަރީއަކަށް ނުގޮސް ހާއްސަ ރިހެބިލިޓޭޝަނަށް ދިޔަ ނަމަވެސް ޗެލްސީން ދީފައިވާ މުއްދަތަށް ބަލައި، އޭނާއަށް ކުރިއަށް އޮތް ވޯލްޑް ކަޕްގައި ނުކުޅެވޭނެކަން ވަނީ ޔަގީންވެފައެވެ. އެއީ ގަތަރުގައި އަންނަ މަހު 20 ވަނަ ދުވަހު ފަށާ ވޯލްޑް ކަޕަށް ދެން އޮތީ އެންމެ ފަސް ވަރަކަށް ހަފުތާ ކަމަށްވާތީއެވެ.

އިންގްލެންޑް ޓީމުގައިވެސް އަދި ޗެލްސީގައިވެސް އެންމެ ފޯމުގައި ކުޅެމުންދިޔަ ޑިފެންޑަރު ޖޭމްސްގެ އަނިޔާއާ އެކު އިންގްލެންޑް ކޯޗު ގެރެތު ސައުތުގޭޓަށް މާޔޫސްކަން ކުރިމަތިވާނެކަން ޔަގީނެވެ. މީގެ ހަފުތާއެއް ކުރިން އިންގްލެންޑްގެ އިތުބާރު ޑިފެންޑަރު ކައިލް ވޯކާވެސް ސާޖަރީ ހަދާފައިވުމުން އޭނާއަށްވެސް ވޯލްޑް ކަޕް ގެއްލޭނެއެވެ.