މިއީ ކްލަބު ފުޓުބޯޅައިގެ ތެރެއިން އޮންނަ ވޯލްޑް ކަޕަކަށްވުމާއެކު، އަނިޔާގެ ސަބަބުން ވޯލްޑް ކަޕް ގެއްލިދާނެތީ ބިރު ގަންނަ ކަމަށް އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ބުނެފިއެވެ.
މެސީގެ ކެޕްޓަން ކަމުގެ ދަށުން އާޖެންޓީނާ ވޯލްޑް ކަޕަށް ފުރިހަމައަށް ތައްޔާރުވަމުންދާ އިރު، ކޮޕާ އެމެރިކާގެ އެންމެފަހުގެ ޗެމްޕިއަން އާޖެންޓީނާ މިވަގުތު އޮތީ ވަރަށް ފޯމުގައެވެ. އާޖެންޓީނާ އެންމެފަހުން މެޗަކުން ބަލިވީ 2019 ވަނަ އަހަރުއެވެ. އެންމެފަހުން ކުޅުނު 35 މެޗުންވެސް އާޖެންޓީނާ ބަލިވެފައި ނުވާ އިރު، ވޯލްޑް ކަޕްގެ ރެކޯޑު ރަނގަޅުކޮށް، އިޓަލީ އަތުގައި އޮތް ރެކޯޑު މުގުރާލުމުގެ ފުރުސަތުވެސް އެބައޮތެވެ.
އާޖެންޓީނާއިން ވޯލްޑް ކަޕް ނެގުމަށް ވަރަށް ބޮޑަށް އަމާޒު ހިފައިގެން ތައްޔާރުވަމުންދާ އިރު، ޓީމުގެ އޮތް ސްކޮޑުގެ ކުޅުންތެރިންނަށް ވަނީ އަނިޔާގެ މައްސަލަތަކާ ކޮންމެވެސް ވަރަކަށް ކުރިމަތިލާން ޖެހިފައެވެ. ކްލަބު ފުޓުބޯޅައިގެ ތެރެއިން އަނިޔާވި ބައެއް ކުޅުންތެރިންނަށް ބަލައިލާ އިރު، ރޯމާއަށް ކުޅޭ ޕައުލޯ ޑީބާލާ އާއި ޔުވެންޓަސްގެ ވިންގް އެންހޭލް ޑިމަރިއާ ހިމެނެއެވެ. އޭގެ އިތުރުން ކެޕްޓަން މެސީއަށް އަނިޔާވެ، ޕީއެސްޖީން އެންމެފަހުން ކުޅުނު ދެމެޗުގައި އޭނާވެސް ކުޅެފައެއް ނުވެއެވެ.
"އަނިޔާއަކީ ހާސްވާ ކަމެއް. މިއީ ތަފާތު ވޯލްޑް ކަޕެއް، މި ވޯލްޑް ކަޕް ތައްޔާރުވެފައި ވަނީ ކްލަބު ފުޓުބޯޅައިގެ ތެރެއިން ކުޅުމަށް. އެހެންވީމަ ވަރަށް ކުޑަކުޑަ އަނިޔާއެއްގެ ސަބަބުންވެސް ވޯލްޑް ކަޕް ގެއްލުމުގެ ފުރުސަތު ބޮޑުވާނެ. ޑީބާލާގެ އިތުރުން ޑިމަރިއާއަށް ދިމާވި ހާލަތުން އަހަރެން ހިތްބިރު ގަނޭ،" މެސީ ބުންޏެވެ.
ހަބަރުތައް ބުނެފައިވާ ގޮތުގައި ޑީބާލާގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއިން ރަނގަޅުވާން ދުވަސް ނަގާނެއެވެ. އޭނާއަށް ވޯލްޑް ކަޕަށް ފިޓްވުން ވެގެންދާނީ އުނދަގޫ ކަމަކަށެވެ. ޑިމަރިއާގެ ހޭމްސްޓްރިންއަށް އަނިޔާވެ އޭނާވެސް ފިޓްނަސްއަށް މަސައްކަތް ކުރަމުންދާ އިރު، ނޮވެމްބަރު މަހު ފަށާ ވޯލްޑް ކަޕަށް ފިޓްވުން ވެގެންދާނީ ޗެލެންޖަކަށެވެ.
މިހާތަނަށް ރެކޯޑު ހަތް ފަހަރު ބެލޮންޑިއާ ހޯދާފައިވާ މެސީ ވަނީ މީގެ ކުރިން ވޯލްޑް ކަޕް ފައިނަލުގައި އާޖެންޓީނާއާ އެކު ކުޅެފައެވެ. އެއީ 2014 ވަނަ އަހަރުއެވެ. އެ ފައިނަލުގައި 1-0 އިން އާޖެންޓީނާ ބަލިވީ ޖަރުމަނު އަތުންނެވެ. ބައިނަލްއަގުވާމީ ކާމިޔާބީތައް މަދުވުމުން މެސީއަށް ކުރިން ގިނަ ފާޑު ކިޔުންތައް އަމާޒުވެފައި އޮތް ނަމަވެސް، 2019 ވަނަ އަހަރުގެ ކޮޕާ އެމެރިކާ ކާމިޔާބުކުރުމުން އެ ފާޑުކިޔުންތައް ވަނީ ކޮންމެވެސް ވަރަކަށް މަޑު ޖެހިފައެވެ. އޭގެ އިތުރުން މެސީ ވަނީ މިއަހަރު ކުޅުނު ފައިނަލިސީމާގެ ތަށިވެސް އާޖެންޓީނާއާ އެކު ހޯދައިފައެވެ.
މެސީ އެންމެ ފުރަތަމަ ވޯލްޑް ކަޕެއްގައި ކުޅުނީ 2006 ވަނަ އަހަރު ޖަރުމަނުގައި ބޭއްވި މުބާރާތުގައެވެ. އޭގެ ފަހުން 2010 ވަނަ އަހަރު ދެކުނު އެފްރިކާގައި ބޭއްވި ވޯލްޑް ކަޕާއި 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި ވޯލްޑް ކަޕްގެ އިތުރުން 2018 ވަނަ އަހަރު ރަޝިއާގައި ކުރިއަށްދިޔަ ވޯލްޑް ކަޕްގައި މެސީ ކުޅުނެވެ.
މިފަހަރުގެ ވޯލްޑް ކަޕަކީ އޭނާގެ ފަހު ވޯލްޑް ކަޕްކަން ކުރިން އިއުލާން ކޮށްފައިވާ އިރު، އޭނާގެ ކެރިއަރުގައި މިހާރު މަދުވަނީވެސް ވޯލްޑް ކަޕް ޓްރޮފީ އެކަންޏެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022