އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން މިދިޔަ ދެ ސީޒަނުގައިވެސް ހޯދީ މެންޗެސްޓާ ސިޓީންނެވެ. މިދިޔަ ސީޒަނުގެ ތަށި ސިޓީއަށް ލިބުނީ ފަހު ދުވަހު ކިރިޔަ ކިރިޔާއެވެ. އެންމެ ގާތުން ވާދަކުރީ ލިވަޕޫލެވެ. ޑޮމެސްޓިކް އަނެއް ދެ ތަށިވެސް މިދިޔަ ސީޒަނުގައި ނެގީ ލިވަޕޫލެވެ. ސިޓީއަށްވުރެ ދުރަށް ޗެމްޕިއަންސް ލީގުގައިވެސް ގޮސް، ފައިނަލްވެސް ލިވަޕޫލް ކުޅުނެވެ.

އެ ފޯމުގައި އޮތް ލިވަޕޫލަށް މިފަހަރުގެ ސީޒަން ފެށުންވީ މާޔޫސް ކަމަކަށެވެ. އަނިޔާގެ ގިނަ މައްސަލަތަކެއްގެ ތެރެއިން ގޮސް ފޯމު ގެއްލި، މިހާރު އޮތީ ލީގު ތާވަލުގެ 11 ވަނައިގައެވެ. އެއީ އަށް މެޗުން 10 ޕޮއިންޓާ އެކުގައެވެ. ޕެޕް ގާޑިއޯލާގެ މެންޗެސްޓާ ސިޓީ އޮތީ މެޗަކުން ބަލިނުވެ، ދެވަނައިގައެވެ. ނުވަ މެޗުން ސިޓީ ވަނީ 23 ޕޮއިންޓް ހޯދައިފައެވެ.

ޕްރިމިއާ ލީގުގެ އެންމެ ބޮޑު ވާދަވެރިންގެ ގޮތުގައި މިދިޔަ ދެތިން ސީޒަނުގައިވެސް ފާހަގަވި ލިވަޕޫލާއި ސިޓީން މި ސީޒަނުގެ ލީގުގައި ކުޅޭ ފުރަތަމަ މެޗަށް މާދަމާ ރޭ ނުކުންނާނެއެވެ. އެ މެޗުގެ ކުރިން އިއްޔެ ބޭއްވި ޕްރީ މެޗު ޕްރެސްތަކުގައި ސިޓީގެ ކޯޗު ގާޑިއޯލާ އާއި ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕްވެސް ކުރި ކަމަކީ އެއް ޓީމު އަނެއް ޓީމަށް ތައުރީފު ކުރުމެވެ.

"ތާވަލުގައި އޮތް މަގާމަކުން މެޗުގެ ކުޅުމަށް އަސަރެއް ނުކުރާނެ. މެޗު ކޮލިޓީވާނެ. އަހަންނަށް އެނގޭ ލިވަޕޫލް ޓީމުގައި ހުރި ކޮލިޓީ. ލިވަޕޫލަށް އެނގޭނެ އަހަރެމެން ޓީމުގައި ހުރި ކޮލިޓީ. މެޗު ވަރަށް ޓަފްވާނެ. މިއީ އެހެން އަހަރެއްގެ ލީގެއް ނަމަ، 10 މެޗުން ލިވަޕޫލާއި އާސެނަލް އެހާ ބޮޑު ފަރަގެއް އޮއްވައި އަތުވާނެތޯ އަހައިފި ނަމަ، ބުނާނަން އަތެއް ނުވާނޭ. އެކަމަކު ވޯލްޑް ކަޕްވެސް އެ ދޭތެރެއަށް އަންނާނެ. އެހެންވީމަ ވާނެ ގޮތެއް ނޭނގޭނެ. ލިވަޕޫލަކީ އަދިވެސް ހަމަ ސީޒަނަށް ޗެލެންޖް ކުރާނެ ޓީމު،" ގާޑިއޯލާ ބުންޏެވެ.

ސިޓީއަށް އަމާޒުކޮށް ވާހަކަ ދައްކަމުން ލިވަޕޫލްގެ ކޯޗު ކްލޮޕް ބުނީ، ސިޓީއާ ވާދަކުރެވޭނެ އެއްވެސް ޓީމެއް ލީގުގައި ނޯންނާނެ ކަމަށާއި ސިޓީގެ ޓްރާންސްފާތަކުން ފައިދާ ނަގާ ކަމަށެވެ.

"އެއްވެސް ޓީމަކަށް ސިޓީއާ ވާދައެއްވެސް ނުކުރެވޭނެ. ސިޓީގައި އޮތީ ދުނިޔޭގައިވެސް އޮތް އެންމެ ވަރުގަދަ ޓީމް. ޓީމަށް އެ ގެންދަނީ ދުނިޔޭގައި ތިބި އެންމެ މޮޅެތި ކުޅުންތެރިން. އެންމެ މޮޅު ފޯވަޑުވެސް ކިޔާނެ އަގަކަށް ނުބަލައި އެ ގެންދަނީ ސިޓީން. އެކަމަކު ލިވަޕޫލްގައި އެގޮތަށް އަމަލު ނުކުރެވޭނެ،" ކްލޮޕް ބުންޏެވެ.

އުނދަގޫ މެޗުތަކުގެ ކުރިން އެއް ޓީމުން އަނެއް ޓީމަށް ކުރާ ތައުރީފަކީ ޕްރެޝަރު ކުޑަކުރުމަށް ކުޅޭ ގޭމެއް ކަމަށް ފުޓުބޯޅައިގެ ތަޖުރިބާކާރުން ކުރިންވެސް ބުނެފައިވެއެވެ. ދެޓީމަށްވެސް މެޗު މުހިއްމުވެފައިވާ ވަރު، ދެ ކޯޗުން ދައްކާ ވާހަކަތަކުންވެސް އެކަން ސާފެވެ. ލިވަޕޫލާއި ސިޓީ ލީގުގައި ކުރިމަތިލާ މެޗު އޮންނާނީ މާދަމާ ރޭ 8:30 ގައެވެ.