އއ. މާޅޮހުގެ ދެކުނުން ބަންޑުން ޖަހާލި ލޯންޗުން ގެއްލުނު އައްޑޫ ސިޓީ ހިތަދޫ، މިންހާ، މުހައްމަދު މިންހާޖު، 28އ، އާއެކު ދަތުރުކުރި މީހާ ތަހުގީގަށް ސައްހަ މައުލޫމާތު ދީފައިނުވާ ކަމަށް ފުލުހުން ބުނެފިއެވެ.
މިންހާޖާއި އިތުރު މީހަކު ދަތުރުކުރި ލޯންޗު އއ. ހިމަންދޫ ބޭރުން ބަންޑުން ޖަހާލައިގެން އުޅޭކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ މިމަހުގެ ހަތްވަނަ ދުވަހުއެވެ.
ލޯންޗުން ދަތުރުކުރި ކަމަށް ބުނާ ދެ މީހުންގެ ތެރެއިން އެކަކު، މިމަހުގެ ފަސްވަނަ ދުވަހުގެ މެންދުރު 1:00 ހާއިރުން ފެށިގެން ހަބަރެއް ނުވެ ގެއްލިފައިވާ ކަމަށް އޭނާގެ އާއިލާއިން ވަނީ މިމަހުގެ ހަވަނަ ދުވަހުގެ ރޭ 8:50 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައެވެ.
އޭގެ ތެރެއިން އެކަކު މިމަހުގެ ހަތްވަނަ ދުވަހު ފެރިދޫ ފުއްޓަރާ ދިމާއިން ފެނިގެން ވަނީ ފެރިދޫ ސިއްހީ މަރުކަޒަށް ގެންގޮސްފައެވެ. އޭނާ އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ގެނެސް ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލައިފައެވެ.
ފުލުހުން ތަހުގީގު ކުރަމުންދާ ތިން މައްސަލައަކާ ގުޅިގެން އިސްކަންދަރުކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓުމަންޓުގެ ހެޑް، ޗީފް ސުޕްރިޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވީ މިންހާޖު ގެއްލުނު ދަތުރާ ގުޅޭ ގޮތުން ފުލުހުންނަށް ދީފައިވާ މައުލޫމާތަކީ ސައްހަ މައުލޫމާތުތަކެއް ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ.
ބަޝީރު ވިދާޅުވީ މިންހާޖު ގެއްލިގެން އެ މައްސަލަ މިމަހުގެ ފަސް ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅި ކަމަށެވެ. އަދި މިންހާޖު ގެއްލިގެން ރިޕޯޓުކުރުމާ އެކު އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންގެންދިޔަ ކަމަށާއި އެގޮތުން އޭނާގެ އާއިލާ އާއި ރައްޓެހިންގެ ފަރާތުން މައުލޫމާތުތައް ހޯދި ކަމަށެވެ.
"މި މަސައްކަތުގެ ތެރެއިން މިމަހުގެ ހަތް ވަނަ ދުވަހު އއ. މާޅޮހު ބޭރުން ލޯންޗެއް ބަންޑުންޖަހާލާފައި އޮތް ކަމުގެ މައުލޫމާތު ލިބުނު. އަދި އެދުވަހު ފެރިދޫއަށް ހާލުގައި ޖެހިފަ އޮތް މީހަކު އެރި ކަމުގެ މައުލޫމާތު ލިބުނު. އެއީ ޅ. ހިންވަރު، ގުޑްލަކް، އަލީ އަހުމަދު. ދެން އަޅުގަނޑުމެން މި ތަހުގީގު އިތުރަށް ފުޅާކުރީ." އޭނާ ވިދާޅުވިއެވެ.
ބަޝީރު ވިދާޅުވީ އޭނާގެ ފަރާތުން މައުލޫމާތު ސާފުކުރެވުނު ކަމަށާއި އަދި އޭނާއާ އެކު މިންހާޖު ހުރި ކަމުގެ މައުލޫމާތުވެސް ލިބުނު ކަމަށެވެ. އަދި ރޭގަނޑުގެ އަނދިރީގައި ލޯންޗު ބަންޑުން ޖަހާލުމުން މިންހާޖަށް ވީނުވީއެއް ނޭނގި ގެއްލުނު ކަމަށްވެސް އަލީ މައުލޫމާތު ދިން ކަމަށް އޭނާ ވިދާޅުވިއެވެ.
ބަޝީރު ވިދާޅުވީ އެވަގުތުން ފެށިގެން މިންހާޖު ހޯދުމުގެ މަސައްކަތް ފުލުހުންނާއި ސިފައިން ކުރި ކަމަށެވެ. ނަމަވެސް މިންހާޖު ހޯދައި ނުފެނުމުގެ ސަބަބުން 78 ގަޑިއިރަށްފަހު ސާޗިން އޮޕަރޭޝަން ހުއްޓާލާފައިވާ ކަމަށް ވިދާޅުވިއެވެ.
ބަޝީރު ވިދާޅުވީ އަލީ އަހުމަދުގެ ފަރާތުން ތަހުގީގަށް ލިބެމުންދާ މައުލޫމާތާއި ފުލުހުންނަށް އެކި ފަރާތްތަކުން ލިބެމުންދާ މައުލޫމާތުގެ އަލީގައި އެމީހުންގެ ދަތުރާ ގުޅިގެން ދައްކަމުންދާ ވާހަކަތަކަކީ ސައްހަ ވާހަކަތަކެއް ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ.
އެގޮތުން އެ މީހުން ދިޔައީ މަސްބާނަން ކަމަށް ބުނި ނަމަވެސް އެ ލޯންޗުން ފެނުނު ތަކެއްޗާއި ފެނުނު ގިނަ އަދަދެއްގެ ތެލަށް ބަލާއިރު، އެ މީހުން ނުކުތީ މަސްވެރިކަން ކުރަން ކަމަށް ގަބޫލުނުކުރެވޭ ކަމަށް ވިދާޅުވިއެވެ.
"ޑްރަގާ އެއްވެސް ލިންކެއް އޮތްތޯ އެއީވެސް ބަލަމުން އަންނަ އޭންގަލްއެއް އެކި އޭންގަލްތަކުން މި މައްސަލަ އެބަ ބަލަން،" ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ބަޝީރު ވިދާޅުވިއެވެ.
ބަޝީރު ވިދާޅުވީ، މިންހާޖު ހޯދުމުގެ މަސައްކަތް ހުއްޓާލައިފައިވީ ނަމަވެސް އެ ހާދިސާއާ ގުޅޭ އިތުރު މައުލޫމާތު ހޯދުމުގެ މަސަައްކަތްތައް އަދިވެސް ކުރިއަށްދާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު