އއ. މާޅޮހުގެ ދެކުނުން ބަންޑުން ޖަހާލި ލޯންޗުން ގެއްލުނު އައްޑޫ ސިޓީ ހިތަދޫ، މިންހާ، މުހައްމަދު މިންހާޖު، 28އ، ގެ ދަތުރާއި މަސްތުވާތަކެތީގެ މައްސަލައަކާ ގުޅުން އޮތްތޯ ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.
މިންހާޖާއި އިތުރު މީހަކު ދަތުރުކުރި ލޯންޗު އއ. ހިމަންދޫ ބޭރުން ބަންޑުން ޖަހާލައިގެން އުޅޭކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ މިމަހުގެ ހަތްވަނަ ދުވަހުއެވެ.
ލޯންޗުން ދަތުރުކުރި ކަމަށް ބުނާ ދެ މީހުންގެ ތެރެއިން އެކަކު، މިމަހުގެ ފަސްވަނަ ދުވަހުގެ މެންދުރު 1:00 ހާއިރުން ފެށިގެން ހަބަރެއް ނުވެ ގެއްލިފައިވާ ކަމަށް އޭނާގެ އާއިލާއިން ވަނީ މިމަހުގެ ހަވަނަ ދުވަހުގެ ރޭ 8:50 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައެވެ.
އޭގެ ތެރެއިން އެކަކު މިމަހުގެ ހަތްވަނަ ދުވަހު ފެރިދޫ ފުއްޓަރާ ދިމާއިން ފެނިގެން ވަނީ ފެރިދޫ ސިއްހީ މަރުކަޒަށް ގެންގޮސްފައެވެ. އޭނާ އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ގެނެސް ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލައިފައެވެ.
ފުލުހުން ތަހުގީގު ކުރަމުންދާ ތިން މައްސަލައަކާ ގުޅިގެން އިސްކަންދަރުކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ ހެޑް އޮފް ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމެންޓްގެ ޗީފް ސުޕްރިޑެންޓެންޑް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވީ، މިންހާޖު ހޯދުމުގެ މަސައްކަތް ހުއްޓާލައިފައިވާ ކަމަށާއި މިހާރު ކުރަމުން އަންނަ މަސައްކަތަކީ އެ ހާދިސާއާ ގުޅޭ އިތުރު މައުލޫމާތު ހޯދުމުގެ މަސަައްކަތް ކަމަށެވެ. މިންހާޖާއެކުގައި ލޯންޗުން ދަތުރުކުރީ ޅ. ހިންނަވަރު، ގުޑްލަކް، އަލީ އަހުމަދު ކަމަށްވެސް ބަޝީރު ވިދާޅުވިއެވެ.
ބަޝީރު ވިދާޅުވީ، އަލީ އަހުމަދު ތަހުގީގަށް ދީފައިވާ މައުލޫމާތުތަކަކީ ސައްހަ މައުލޫމާތުތަކެއް ކަމަށް ތަހުގީގަށް ގަބޫލު ނުކުރެވޭ ކަމަށެވެ. އެގޮތުން އެމީހުން ދިޔައީ މަސްބާނަން ކަމަށް ބުނެފައިވާއިރު، ލޯންޗުގައި ގިނަ އަދަދެއްގެ ތެޔޮ ހުރި ކަމަށް ބަޝީރު ވިދާޅުވިއެވެ.
"ޑްރަގާ އެއްވެސް ލިންކެއް އޮތްތޯ އެއީވެސް ބަލަމުން އަންނަ އޭންގަލްއެއް އެކި އޭންގަލްތަކުން މި މައްސަލަ އެބަ ބަލަން،" ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ބަޝީރު ވިދާޅުވިއެވެ.
ގެއްލުނު މިންހާޖާއި އޭގެން ދެން ދަތުރުކުރި އަލީ އަހުމަދަކީ ކުށުގެ ރެކޯޑް އޮންނަ މީހުން ކަމަށާއި ޑްރަގާ ގުޅުންހުރި މައްސަލަތައް އެމީހުންގެ އުޅޭ ކަމަށްވެސް ބަޝީރު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު