ފާއިތުވި 50 އަހަރުވެސް ރާއްޖެއާއި ޗައިނާގެ ގުޅުން ދެމިގެން އައީ ދެގައުމުންވެސް އެއްގައުމު އަނެއްގައުމުގެ އިސްތިގުލާލަށް ކުރާ އިހުތިރާމުގެ މައްޗަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް އެހެން ވިދާޅުވީ, ރާއްޖެއާއި ޗައިނާއިން ސިޔާސީ ގުޅުން ގާއިމުކުރިތާ 50 އަހަރު ފުރުމުގެ މުނާސަބަތުގައި ޗައިނާގެ ރައީސް ޝީ ޖިންޕިން އަށާއި ޕްރިމިއާ އޮފް ދަ ސްޓޭޓް ކައުންސިލް ލީ ކީކްޔާންގައަށް ވަކިވަކިން ފޮނުއްވެވި ތަހުނިޔާގެ މެސެޖުގައެވެ.

ރައީސް ސޯލިހު, ޝީއަށް ތަހުނިޔާ ވިދާޅުވެ ފޮނުއްވެވި މެސެޖުގައި ވިދާޅުވީ, ރާއްޖެއާއި ޗައިނާގެ މެދުގައި އޮތް އެކުވެރި ގާތްގުޅުމަކީ ދިގު ތާރީހެއް އޮތް ގުޅުމެއް ކަމަށެވެ. އަދި ފާއިތުވި 20 އަހަރުގެ ތެރޭގައި ރާއްޖޭގެ އިޖުތިމާއީ, ސަގާފީ އަދި އިގުތިސާދީ ތަރައްގީގައި ޗައިނާއިން ނުހަނު ބޮޑު ހިއްސާއެއް ވެދީފައިވާ ކަމަށް ވިދާޅުވިއެވެ.

ރައީސްގެ މެސެޖުގައި އިތުރަށް ވިދާޅުވީ, ރާއްޖެއާއި ޗައިނާގެ ގުޅުން ބިނާވެފައި ވަނީ ތާރީހީ ގުޅުންތަކާއި ސިޔާދަތީ ހަމަހަމަކަމާއި ދެގައުމުގެ މެދުގައި އޮތް އިހުތިރާމުގެ ބިންގަލުގެ މައްޗަށް ކަމަށެވެ. އަދި ދެ ގައުމުގެ ގުޅުން ކުރިއަރައި ދެމިގެންދާނޭ ކަމަށް ޔަގީންކުރައްވާ ކަމުގައި ވިދާޅުވިއެވެ.

ޗައިނާގެ ޕްރެމިއާ އޮފް ދަ ސްޓޭޓް ކައުންސިލަށް ވަކިން ފޮނުއްވެވި މެސެޖުގައި ރައީސް ވިދާޅުވީ, އިޖުތިމާއީ ތަރައްގީއާއި އިގުތިސާދީ ތަރައްގީގެ އާ އުސްމިންތަކަށް ރާއްޖެ ވާސިލުވުމުގައި ޗައިނާއިން ދެމުން އަންނަ އެއްބާރުލުމާއި ވެދޭ އެހީއާއެކު ޗައިނާއަކީ ރާއްޖެއަށް ވަރަށް މުހިންމު ބައިވެރިއެއް ކަމަށެވެ.

ދެ ބޭފުޅުންނަށް ފޮނުއްވެވި ދެ މެސެޖުގައިވެސް ރައީސް ސޯލިހު ވަނީ, ރާއްޖެއާއި ޗައިނާއިން ގާތުން ގުޅިގެން ކުރެވޭ މަސައްކަތްތަކުން ދެ ގައުމުގެ މެދުގައި އޮތް ގާތް ރަހުމަތްތެރިކަމުގެ ގުޅުން ބަދަހިވެގެންދާނޭ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.